ދޯހާ(ޖޫން 6): ގަލްފުގެ ބައެއް ގައުމުތަކުން ގަތަރާ ގުޅުން ކަނޑާލުމާ ގުޅިގެން އެގައުމުތަކުގެ މެދުގައި ޖެހިފައިވާ މައްސަލަ ހައްލު ކުރަން ކުވޭތުން މަސައްކަތް ކުރަމުންދާ ކަމަށް ގަތަރުގެ ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ގަތަރުގެ ފޮރިން މިނިސްޓަރު ވިދާޅުވި ގޮތުގައި ކުވޭތުގެ އަމީރު ޝޭހް ސަބާހު އަލް އަހުމަދު އަލް ޖާބިރު އަލް ސަބާހު ވަނީ ގަތަރުގެ އަމީރު ޝޭހް ތަމީމް ބިން ހަމަދު އަލް ޘާނީއާ ވާހަކަ ދައްކަވައިފައެވެ. އަދި ގަތަރުގެ މައްސަލައާ ބެހޭ ގޮތުން ޝޭހް ތަމީމް މިއަދު ދެއްވަން އުޅުއްވި ތަގުރީރު ލަސްކުރައްވަން އެދިވަޑައިގެންފައެވެ.

"ކުވޭތުގެ އަމީރު ވަނީ ޝޭހް ތަމީމްގެ ތަގުރީރު ފަސްކުރައްވައި، މައްސަލަ ހައްލު ކުރަން ވަގުތު ދެއްވުމަށް އެދިވަޑައިގެންފަ،" ގަތަރުގެ ފޮރިން މިނިސްޓަރު ޝޭހް މުހައްމަދު ބިން އަބްދުއްރަހްމާން އަލް ޘާނީ ވިދާޅުވި އެވެ.

އަދި ޝޭހް ސަބާހު ވަނީ ގަތަރުން މައްސަލަ ހައްލު ކުރުމަށާއި މައްސަލަ މިހާރަށް ވުރެ ގޯސް ނުކުރުމަށް އެދިފައި ކަމަށް ކުވޭތުގެ މީޑިއާތަކުން ބުނެއެވެ.

ސައުދީ އަރަބިއާ، މިސްރު، ޔުނައިޓެޑް އަރަބި އެމިރޭޓްސް އަދި ބަހްރެއިން އިން ގަތަރާ ގުޅުން ކަނޑާލީ އެގައުމުން ޓެރަރިސްޓުންނަށާއި އީރާނަށް ތާއީދު ކުރާ ކަމަށް ބުނެއެވެ.

އެގައުމުތަކުން ގަތަރާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި ސައުދީއާ ގަތަރާ ދެމެދު އޮތް ބޯޑަރު ބަންދު ކުރުމާއި، އެގައުމުތަކާއި ގަތަރާ ދެމެދު އޮތް ކަނޑާއި ވައިގެ ދަތުރުފަތުރު ހުއްޓާލުން ހިމެނެ އެވެ.

އެގައުމުތަކުން ގަތަރާ ގުޅުން ކަނޑާލި ފަހުން ޔަމަނުގައި އޮންނަ ބައިނަލްއަގުވާމީ ދުނިޔެއިން ގަބޫލު ކުރާ ސަރުކާރާއި، ލީބިޔާއާއި ރާއްޖެއާއި މޮރީޝަސް އިން ވެސް ވަނީ ގަތަރާ އެކު އޮތް ހާރިޖީ ގުޅުންތައް ކަނޑާލައިފައެވެ. (އަލްޖަޒީރާ)