14 Jul 2011, 10:29
އަޅުގަނޑަށް އަލީ ވަހީދު އެންމެ ފުރަތަމަ ފެނުނީ ވާހަކަ ދެއްކުމުގެ ގައުމީ މުބާރާތުގެ ތެރެއިންނެވެ. ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓާ ބެހޭ ގޮތުން ވާހަކަ ދައްކަވައި އެ މުބާރާތުން އޭނާ އެއްވަނަ ހޯއްދެވިއެވެ. އޭގެ ފަހުން އަލީ ވަހީދު އާއްމުންގެ ތެރެއަށް ފެނުނީ ކުރީގެ ރައީސް މައުމޫންގެ ރިއާސީ ކެމްޕޭން 2008 ގެ މީޑިޔާ މެނޭޖަރުގެ ގޮތުގައެވެ. އޭގެ ފަހުން ޑީއާރުޕީގެ ސިޔާސީ ޕޯޑިއަމްތަކުން މަޝްހޫރުވި އަލީ ވަހީދު، 26، ވަނީ އެ މައިދާނުގައި ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ. ފުޓްބޯޅައިގެ އެތަކެއްގެ ތަރިން ނެރެދީފައިވާ މަޝްހޫރު ތޮއްޑޫ ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދަވާ އަލީ ވަހީދަކީ ރާއްޖޭގެ އެންމެ ޒުވާން މަޖިލިސް މެމްބަރެވެ. އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ކުރީގެ ޑެޕިއުޓީ ލީޑަރުގެ އިތުރަށް އޭނާ އަކީ އެޕާޓީގެ މައި އެއް ބަދަވެސްމެއެވެ. މިއަދު އޭނާ އަކީ ވެރިކަން ކުރާ އެމްޑީޕީގެ އިސް ބޭފުޅެކެވެ. ކުރު މުއްދަތެއްގެ ތެރޭގައި މި ވަރުގެ ކާމިޔާބީތަކެއް ހޯދި، އަދި ސިޔާސީ ބޭފުޅަކަށް ގައުމީ ފުޓްބޯޅަ ޓީމުގެ މެނޭޖަރުކަން ދިނުމަކީ ހަގީގަތުގައި ވެސް ހާއްސަ ކަމެކެވެ. ގިނަގުނަ ސުވާލުތަކެއް ވެސް އުފެދޭ ކަމެކެވެ؟ އެއީ ކީއްވެ ހެއްޔެވެ؟
ބަލަކަކީ ފުޓްބޯޅައަށް މަރުދޭ މީހެކެވެ. ފުޓްބޯޅަ މާހައުލުގައި އޭނާއަށް މުހާތަބްކުރެވެނީ ވެސް ޖަރުމަނުގެ ކުރީގެ ކެޕްޓަން ބަލަކްގެ ނަމުންނެވެ. އޭނާ އަކީ ކިޔަވަން އުޅުނު އިރު ދަރިވަރުންގެ މެދުގައި ފުޓްބޯޅަ މުބާރާތްތައް ރާވައި ހިންގުމުގައި ވަރަށް އިސްކޮށް އުޅުއްވި ފަރާތެކެވެ. ގައުމީ ފުޓްބޯޅަ ޓީމު މެލޭޝިޔާއަށް ދަތުރުކުރާ ކޮންމެ ފަހަރަކު ޓީމުގެ އިންތިޒާމްތަކުގައި ބައިވެރިވަޑައިގެންނެވި ބޭފުޅެކެވެ. ކަންކަން ހަމަޖެއްސެވުމަށް އަމިއްލަ އަށް އިސްނަގައި އިސްކޮށް އުޅުއްވި ދަރިވަރެވެ. އެނބުރި މާލެ ވަޑައިގެން ނިއު ރޭޑިއަންޓް މެނޭޖަރުކަން ކުރެއްވީވެސް ފުޓްބޯޅައަށް ހިދުމަތްކުރައްވަން ބޭނުންފުޅުވެފައި ހުންނެވިލެއް ބޮޑުކަމުންނެވެ. މިހެންވެ ހަގީގަތުގައި ވެސް ބަލަކް އަކީ ފުޓްބޯޅައިގެ ކުރިއެރުމަށް ނުހަނު ވިސްނަވާ ފުޓްބޯޅަ އަށް ޒަމާނީ ހެޔޮ ބަދަލު ގެނައުމަށް ބޭނުންފުޅުވާ ބޭފުޅެއްކަމަށް އަޅުގަނޑު ގަބޫލު ކުރަމެވެ.
އިންތިހާބީ ވާދަވެރިން އާޒިމްގެ ކޮންޓްރޯލްގެ ދަށަށް ގެނައުން:
މިހާތަނަށް ފެނިފައިވާ ގޮތުގައި އާޒިމް އަކީ ވަރަށް ދުރަށް ވިސްނަވާ ބޭފުޅެކެވެ. ގައުމީ ފުޓްބޯޅަ އިދާރާގެ ރައީސް ކަމަށް އޭނާ އަށް ހުރަސް އަޅުއްވަފާނެ ކަމަށް ކިރިޔާ ވެސް ހީފުޅުވާ ބޭފުޅަކު ހުންނެވިނަމަ އާޒިމް ވަނީ އެ ބޭފުޅަކު ކޮންޓްރޯލް ކުރައްވަން ފައްޓަވައިފައެވެ. ބޮޑު މުސާރައަކަށް އެފް.އޭ.އެމުގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމު މައުރޫފް އަހުމަދު (މާއްޓޭ) އަށް ދެއްވުމަކީ މީގެ ހެއްކެކެވެ. މާއްޓޭ އަކީ އެންމެ ފަހުގެ އެފް.އޭ.އެމުގެ އިންތިހާބުގައި އާޒިމްގެ ޓީމާދެކޮޅަށް ނުކުންނަވައި ވައިސް ޗެއާމަން ކަމަށް ކުރިމަތިލެއްވި ބޭފުޅެކެވެ. މަގާމުގައި "މާބޮޑު ކަމެއް ނުކުރެއްވި" ނަމަވެސް މާއްޓޭ އެފް.އޭ.އެމުގެ ވަޒީފާގައި ބެހެއްޓުމުގެ ހަގީގީ ސަބަބަކީ އޭނާ ކޮންޓްރޯލް ކުރެއްވުމެވެ. ސަބަބަކީ އޭނާ އަކީ އަދިވެސް އިންތިހާބަކަށް ނުކުންނަވާފާނެ ކަމަށް ޔަގީންކުރެވޭ ބޭފުޅަކަށްވުމެވެ.
އާޒިމަކީ ސިޔާސީ ބޭފުޅަކަށް ވުމުން އޭނާއާ މެދު ހިތްހަމަ ނުޖެހޭ މީހުން ވެސް ގިނައެވެ. ހާއްސަކޮށް އޭނާ އަކީ ޑީއާރުޕީގެ ބޭފުޅަކަށްވުމުން އެމްޑީޕީއަށް ތާއީދުކުރާ ފުޓްބޯޅައަށް ލޯބި ހުންނަ ގިނަ ބޭފުޅުން ބޭނުންވަނީ އެ މީހުންގެ މީހަކު އެފް.އޭ.އެމުގައި ހުރުމަށެވެ. މިހެންވެ އަންނަ އަހަރު އޮންނަ އެފް.އޭ.އެމުގެ އިންތިހާބުގައި އެމްޑީޕީގެ ތެރެއިން މީހަކު ވާދަކުރާނަމަ އެ ބޭފުޅަކަށްވުން އެންމެ ގާތް އެއްބޭފުޅަކީ ވެސް ބަލަކް ކަމަށްވުން އެކަށީގެންވެއެވެ. ޔަގީނުން ވެސް އެކަމަށް އެންމެ ބޮޑަށް އިސްނަގާނެ އަދި އާއްމުންގެ މެދުގައި އެންމެ މަގުބޫލު އެއް ބޭފުޅަކީ އޭނާއެވެ. މިހެންވެ ކުރީބައިގައި ބަލަކް ކޮންޓްރޯލް ކުރައްވަން އާޒިމް ބޭނުންފުޅުވީ ކަމަށް ވެސް ވެދާނެއެވެ. އޭނާގެ ޓީމުގެ މެމްބަރުން މިގޮތަށް އިރުޝާދު ދެއްވުމަކީ ނުވާނެ ކަމެކޭ ދަންނަވަން އަޅުގަނޑު ޖެހިލުންވަނީ އާޒިމަށް އިންތިހާބު ކާމިޔާބުކޮށްދެއްވުމުގައި އޭނާގެ ވައިސް ޗެއާމަން ހިޔަލީ މުހައްމަދު ރަޝީދު ކުޅުއްވި "މޮޅު" އަދި ރޭވުންތެރި ގޭމް ވަރަށް ގާތުން ފެނިފައިވާތީއެވެ.
ސަރުކާރުގެ ތާއީދު:
އާޒިމަކީ އިދިކޮޅު ޕާޓީގެ އިސް ބޭފުޅަކަށް ހުންނަވައި ސަރުކާރަށް ފާޑުކިޔުއްވާ ބޭފުޅެކެވެ. ސަރުކާރުން އޭނާއާ މެދު ހިތްހަމަ ނުޖެހޭ އެންމެ މުހިންމު ސަބަބަކީ ވެސް މިއެވެ. މިހެންވެ އެފް.އޭ.އެމަށް ސަރުކާރުގެ ތާއީދު ނުލިބޭ ކަމަށް އާޒިމް ކުރިން އެއްބަސްވިއެވެ. ކުޅިވަރާ ބެހޭ ވަޒީރާއި އާޒިމާ ދެމެދު ކޯޅުން ތަކެއް ވެސް ކުރިއަށްދިޔައެވެ. އެކަން ހުއްޓުމަކަށް އައީ އާޒިމާ ކުޅިވަރާ ބެހޭ ވަޒީރު ހަސަން ލަތީފު ވެސް ކަންކަމުގައި ދޫދެއްވަން ފެއްޓެވުމުންނެވެ. އެކަމަކު މިނިސްޓްރީ އާއި އެފް.އޭ.އެމާ ދެމެދު މިހާރު އޮތް ގުޅުން ދެމިއޮތުމުގައި އެންމެ މުހިންމު ދައުރެއް ކުޅުއްވަނީ ޖެނެރަލް ސެކްރެޓަރީކަން ކުރައްވާ ކުރީގެ ގައުމީ ކެޕްޓަން ޝާހު އިސްމާއީލެވެ.
ިހާރު ވެސް މިނިސްޓްރީ މެދުވެރިވެގެން ސަރުކާރުގެ އެއްބާރުލުން އެންމެ ފުރިހަމަ އަށް ހޯދަން އާޒިމަށް ދަތިތަކެއް އެބަހުއްޓެވެ. އެފް.އޭ.އެމުގައި ފައިސާ ނެތްނަމަ ބޭރުގައުމުތަކާ ކުޅެން ގައުމީ ޓީމު ނުދިއުމަށް ވެސް މިނިސްޓްރީން އެންގިކަމަށްވެއެވެ. އަދި އެމްޑީޕީ ސަރުކާރުން ވަނީ ގައުމީ ޓީމުގެ ކުޅުންތެރިންނަށް ކުރީ ސަރުކާރުން ދެމުން އައި މަހު މުސާރަވެސް ދިނުން ހުއްޓާލައިފައެވެ. މިއީ ގައުމީ ޓީމު ކާމިޔާބީއާ ހަމައަށް ދިއުމަށް އޮތް ވަރަށް ބޮޑު ހުރަހެކެވެ. މިހެންވެ މިފަދަ ކަންކަމަށް ބަލަކް ފަދަ ސަރުކާރުގެ އިސްބޭފުޅަކު މެދުވެރިގެން ލުއިފަސޭހަ ގޮތްތަކެއް ހަމަޖެހިދާނެ ކަމަށް އެފް.އޭ.އެމުން ގަބޫލު ކުރާ ކަމަށް އާޒިމް ވެސް ވަނީ ވިދާޅުވެފައެވެ. އެއީ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީ ޕާލަމެންޓަރީ ގްރޫޕުގެ ތާއިދާއެކު ބަލަކް ގައުމީ ޓީމާ ހަވާލުވިތާ މާގިނަ ވަގުތެއްނުވެ ކުޅުންތެރިންނަށް މަހު މުސާރަ ލިބޭނެކަން ނުރަސްމީކޮށް އެ ކުޅުންތެރިންނަށް އެނގިގެންދިއުމުންނެވެ.
ބަލަކްގެ ޝައުގުވެރިކަން:
ސިޔާސީ ވާދަވެރިކަމާއި ހަސަދަވެރިކަން ރާއްޖޭގައި މިހާރު އޮތް މިންވަރުން ވަކި ބޭފުޅަކު ގައުމުގެ ވެރިއަކަށް ނުވަތަ އެފް.އޭ.އެމުގެ ވެރިއަކަށް ހުއްޓައި ގައުމީ ޓީމާ ހަވާލުވާން ބޭނުންނުވާ "ކުޅިވަރުގެ" މީހުން ވެސް އެބަތިއްބެވެ. އަދި އެފް.އޭ.އެމުގެ ތެރެއިން މީހަކު ގައުމީ ޓީމުގެ މެނޭޖަރުކަމަށް ހަމަޖެއްސުމަކީ ވެސް މާޒީގައި ކުރެވުނު ރަނގަޅު ތަޖުރިބާއެއްނޫނެވެ. މިހެންވެ ގައުމީ ޓީމަށް މެނޭޖަރަކު ހޯދުމަކީ މިހާރު އެހާ ފަސޭހަ ކަމެއް ވެސް ނޫނެވެ. ބަލަކް ފަދަ ފުޓްބޯޅަ އަށް ޝައުގުހުރި އަދި މެނޭޖަރުކަން ވެސް ކުރައްވާ ހިތުން ހުންނެވި ބޭފުޅަކަށް އެފް.އޭ.އެމް ދީލާލާން ޖެހުނީ މިފަދަ ސަބަބުތަކާހެދި ކަމަށް ވުމަކީ އެކަށީގެންވާ ކަމެކެވެ.
ކުރިން މިދެންނެވި ސަބަބުތަކާ ހުރެ ގައުމީ ޓީމުގެ މެނޭޖަރުކަމަށް ކޮންމެ، ކޮންމެ މީހަކަ މިހާރު ކަމަކު ނުދާނެއެވެ. ސަބަބަކީ އެއްބަޔަކަށް ފުޓްބޯޅައިގައި އިތުރަށް ހާސިލް ކުރާނެ ޓާގެޓެއް ނެތުމެވެ. އަނެއް ބަޔަކަށް ސިޔާސީ ފިކުރު އިސްކުރެވި ވަކިބަޔަކު އިސްމަގާމުތަކުގައި ތިއްބައި ކާމިޔާބު ލިބެން ހިތުގެ އަޑިން ބޭނުންނުވުމެވެ. ނަމަވެސް އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ބަލަކް އަކީ ސިޔާސީ ބޭފުޅެއް ނަމަވެސް މިއިން އެއްވެސް ގޮޅިއަކަށް ފެތޭ ބޭފުޅެއްނޫނެވެ. ޒުވާން ޖޯޝާއި ފުޓްބޯޅައަށް އޮތް ލޯބި ނުހަނު ބޮޑުކަމުން އޭނާ އަކީ އަބަދުވެސް ފުޓްބޯޅައަށް ޒަމާނީ ބަދަލަށް އެދި، ވަރަށް ފޮނި އުއްމީދުތަކެއްގެ ކުރާ ބޭފުޅެކެވެ. މިހެންވެ ބަލަކް ބޭނުންވާނީ ކާމިޔާބު ހޯދަންކަން ޔަގީނެވެ. "އެމީހުން ތިއްބައި ތަށި ބޭނުމެއް ނޫނޭ" ކިޔާފައި އަންނާކަށް އޭނާ ނޭދޭނެކަން ގަބޫލު ކުރުމުގެ ފުރުސަތު ބޮޑެވެ.
ގޮންޖެހުން ބައިވަރު:
ގައުމީ ޓީމުގެ މެނޭޖަރުކަމުގައި ބަލަކަށް ހުރި ގޮންޖެހުންތައް ވެސް ކުޑައެއްނޫނެވެ. ޓީމުގެ ކުޅުންތެރިންގެ ތެރޭގައި ސިޔާސީ ފިކުރާއި މައި ދެޕާޓީގެ ކުލަ ޖެހިފައި ތިބި ކުޅުންތެރިން ވެސް އެބަތިއްބެވެ. ނުވިތާކަށް އޭނާއާ އެއް އުމުރެއްގެ އަދި ގާތް ރަހުމަތްތެރިން ވެސް އެބަތިއްބެވެ. މިހެންވެ މިހާތަނަށް ކުޅުންތެރިން ގައުމީ ޓީމު ޑޮމިނޭޓްކުރަމުން އައި އައުން ހުއްޓުވަން އޭނާ އަށް ގޮންޖެހުންތަކެއް އެބަހުއްޓެވެ. ނަމަވެސް މެނޭޖަރުކަމާ ހަވާލުވުމަށް ފަހު ފުރަތަމަ ފަހަރަށް މީޑިޔާގައި ވާހަކަ ދައްކަމުން ބަލަކް ބުނީ 'ކުރަން ޖެހުނު ކޮންމެ ކަމެއް އަޅުގަނޑު ކުރާނަން، ކުރިމަތިލާން ޖެހޭ ކަމެއްގަ އަޅުގަނޑު ކުރިމަތިވެސްލާނަން،" ކަމަށެވެ. މިކަމުގައި ރަނގަޅު ނަމޫނާއެއް އޭނާ މިހާރު ވެސް ދައްކައިފިއެވެ. ޖާޒީ ނަންބަރު 9 ނުދީފިނަމަ ނުކުޅެން ބުނި ކުޅުންތެރިޔާ އަސްއަދު އަލީ (އަޑުބަރޭ) އެންމެ ފަހު ޕްރެކްޓިހަށް ނައުމުން އިންޑިޔާ މެޗަށް ނެގި ޓީމުން ފަހު ވަގުތު ބާކިކުރުމަކީ ވަކި ފަރާތަކަށް އޭނާ ޖެހިދާނެ ކަމަށް ހީކުރައްވާބޭފުޅުންނަށް ބަލަކް ދެއްވި ވަރަށް ރަނގަޅު ޖަވާބެކެވެ. އަދި މިއީ ކުޅުންތެރިންނަށް ވެސް ލިބިގެންދާނެ މުހިންމު މެސެޖަކަށްވާނެއެވެ. ނަމޫނާ މެނޭޖަރަކަށް ވެވިއްޖެނަމަ ދިވެހި ފުޓްބޯޅައިގައި ބަލަކްގެ ކުރިމަގު އޮތީ އުޖާލާކޮށެވެ.