ރާއްޖެއާއި ގަތަރާ ދެމެދު އޮތް ސިޔާސީ ގުޅުން ކަނޑާލަން ދިވެހި ސަރުކާރުން ނިންމި ނަމަވެސް އުރީދޫއާ އެކު އޮތް ވިޔަފާރީގެ ގުޅުން ދެމިއޮންނާނެ ކަމަށް ހޯމް މިނިސްޓަރު އަހުމަދު އަޒްލީން ވިދާޅުވެއްޖެ އެވެ.

ހޯމް މިނިސްޓްރީން މިއަދު ކުރެއްވި ޓްވީޓެއްގައި ބުނީ މިނިސްޓަރު އަހުމަދު އަޒްލީން އާއި އުރީދޫގެ ސީއީއޯ ނަޖީބް ޚާން މިއަދު ބައްދަލުކުރެއްވި ކަމަށެވެ. އަދި އެ ބައްދަލުވުމުގައި ދިވެހިރާއްޖެއާއި އުރީދޫ އާ ދެމެދު އޮތް ވިޔަފާރީގެ ގުޅުން މެދުނުކެނޑި ލިބޭނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

އެ ބައްދަލުވުމާ ގުޅޭ އިތުރު ތަފްސީލެއް ލިބިފައެއް ނުވެއެވެ. ނަމަވެސް އެ ބައްދަލުވުމުގައި އުރީދޫގެ ސީއީއޯގެ އިތުރުން ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް)ގެ ޗީފް އެގްޒެކްޓިވް އިލްޔާސް ހުސެއިން އާއި ހޯމް މިނިސްޓަރު އަދި އެ މިނިސްޓްރީގެ އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި އެވެ.

އުރީދޫ ގްރޫޕަކީ ގަތަރު ސަރުކާރުގެ ބޮޑު ހިއްސާއެއް އޮންނަ ކުންފުންޏެކެވެ. އެކުންފުނި ވުޖޫދަށް އައިސްފައިވަނީވެސް ގަތަރު ސަރުކާރާއި ޝާހީ އާއިލާ ހިއްސާވެގެންނެވެ. އެކުންފުނި ފުރަތަމަ އުފެއްދީ ކިއުޓެލްގެ ނަމުގައެވެ. ފަހުން އުރީދޫގެ ނަމަށް ރިބްރޭންޑު ކުރީ އެވެ.

ގަތަރާ ސިޔާސީ ގުޅުން ކަނޑާލިކަން އިއްޔެ އިއުލާން ކުރިއިރު، ސިޔާސީ ގުޅުން ކަނޑާލި ނަމަވެސް ވިޔަފާރީގެ ގުޅުން ކަނޑާނުލާނެ ކަމަށް ސަރުކާރުން ބުންޏެވެ.