ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރުގެ ބޭސްފަރުވާގެ ކަންތައްތަކަށް ހުރަސްނޭޅުމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުން ގޮވާލައިފިއެވެ.

އަދީބުގެ ގާނޫނީ ޓީމުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ވަކި ފަރާތަކުން އަންގާގޮތަކަށް ބެލުމެއް ނެތި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއި، މޯލްޑިވްސް ޕޮލިސް ސާވިސްގެ ގާނޫނީ ޒިންމާ އަދާކޮށް، ޒިންމާދާރުގޮތެއްގައި އަދީބުގެ ބޭސްފަރުވާގެ ކަންތައް ކުރިއަށްގެންދިޔުމަށް ތަކުރާރުކޮށް އިލްތިމާސްކުރާ ކަމަށެވެ.

"އަދި އަޙްމަދު އަދީބް ޢަބްދުލްޣަފޫރުގެ ބޭސްފަރުވާގެ ކަންތައްތަކަށް ހުރަސް ނޭޅުމަށް ކަމާބެހޭ އެންމެހައި ފަރާތްތަކަށް ގޮވާލަމެވެ،" އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ 2015 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހު ހައްޔަރުކުރިފަހުން މިއަދާ ހަމައަށް ފާއިތުވި މުއްދަތުގައި ބޮޑެތި ސިއްހީ މައްސަލަތަކެއް އަދީބަށް ކުރިމަތިވެފައިވާ ކަމަށެވެ.

"އަޙްމަދު އަދީބް ޢަބްދުލްޣަފޫރަށް ދިމާވެފައިވާ ސިއްހީ މައްސަލަތަކުގެ ތެރޭގައި އެތެރެ ހަށީގައި ސިސްޓް ހުރުމާއި، ކިޑްނީގައި ހިލަ އުފެދިފައިވުމުގެ އިތުރުން ލޮލުގެ ވަރަށް ނުރައްކާތެރި ބައްޔެއްކަމުގައިވާ "ގްލޮކޮމާ" ޖެހިފައިވާކަމަށް ލޮލުގެ ޙާއްސަ ޑޮކްޓަރުން ވަނީ ކަށަވަރުކޮށްދީފައި،" އަދީބުގެ ވަކީލުން ނެރުނު ބަޔާނުގައިވެ އެވެ.

"މިކަންކަން މިގޮތަށް މެދުވެރިވެ، އަޙްމަދު އަދީބް ޢަބްދުލްޣަފޫރަށް އެކަށީގެންވާ ޞިއްޙީ ފަރުވާ ނުލިބި ދިޔައީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިޙްމާލުންކަމަށް ދެކެމެވެ."

ވަކީލުން ބުނީ ހައްޔަރުކުރިފަހުން ފުރަތަމަ ފަހަރަށް ބޭސްފަރުވާއަށް އަދީބު މާލެ ގެނައި މިދިޔަ ޖެނުއަރީ މަހުގެ ހަ ވަނަ ދުވަހު ކަމަށެވެ. އެ ފަހަރު ޑޮކްޓަރަށް ދެއްކުމުން ލޮލުގެ ޕްރެޝަރ ނޯމަލް ނޫންކަމަށް ފާހަގަކޮށް ލޮލުގެ ތިން ޓެސްޓެއް ހެއްދުމަށް ޑޮކްޓަރުން ލަފާދިން ކަމަށާއި ނަމަވެސް ޑޮކްޓަރުން ލަފާ ދީފައިވާ ޓެސްޓްތައް ހެއްދުމަށް އަދީބް މާލެ ގެނެސްފައިވަނީ އޭގެ އެއް އަހަރަށްވުރެ ގިނަ ދުވަސްފަހުން ކަމަށެވެ.

އަދީބަށް ސިއްހީ ފަރުވާ ދިނުމުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން އިހްމާލު ވަމުން ގެންދާކަން ފާހާގަކުރެވޭތީ ވަކީލުންނާއި އަޙްމަދު އަދީބުގެ އާއިލާގެ ފަރާތުން އެ ސާވިސްއާ ބައްދަލުކޮށްފައިވާނެ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

"މި ބައްދަލުވުމުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ބައްދަލުކުރެއްވި ބޭފުޅާ ވިދާޅުވެފައިވަނީ އަޙްމަދު އަދީބް ޢަބްދުލްޣަފޫރު ޑޮކްޓަރަށް ދެއްކުމުގެ ކަންތައްތައް ހަމަ ނުޖެއްސުމަށް "މަތިން އަންގަވާފައި" އޮންނަކަމަށާއި، އެއީ އެ ބޭފުޅުންވެސް ހިތާމަ ކުރައްވާކަމެއް ކަމަށާއި، އަޙްމަދު އަދީބް ޢަބްދުލްޣަފޫރު ޑޮކްޓަރަށް ދައްކާ ކޮންމެ ފަހަރަކު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މުވައްޒަފުންނަށް އެކަމާ ގުޅިގެން އުނދަގޫތަކެއް ކުރިމަތިވާކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ،" އެ ބަޔާނުގައިވެއެވެ.

މިކަމާ ބެހޭގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިންފޮމޭޝަން އޮފިސަަރު އަހްމަދު ލުޤްމާނު ވިދާޅުވީ، އަދީބުގެ ވަކީލުން ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން ކަރެކްޝަނަލް ސާވިސްއިން މިވަގުތު ބުނަން ބޭނުންވަނީ، "އަދީބު ހުންނެވީ، ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ނޫން،" ކަމަށެވެ.

މިކަމާ ބެހޭގޮތުން މޯލްޑިވްސް ޕޮލިސް ސާރވިސްގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.