މިޝިގަންގެ ކްރިސްޓިއަން އާއިލާ އަކަށް އުފަން ލީސާ އަކީ ވަރަށް ކުޑަ އިރުން ފެށިގެން ވެސް ދީނަށް ލޯބިކުރި މީހެކެވެ. ކްރިސްޓިއަން ދީނުގެ އަޅުކަންތަކުގައި ބައިވެރިވާން ފެށީ އަމިއްލަ އަށެވެ. އެއްވެސް ސުވާލު ކުރުމެއް ނެތި އެވެ. އުމުރުން ފަނަރަ އަހަރުގެ ޅަ ސިކުނޑީގައި ދީނާ ގުޅޭ މާ ގިނަ ސުވާލުތަކެއް ނުވެސް ނެތެވެ.

ކޮލެޖު ދައުރު ފެށުމުން ލީސާ ބޭނުންވީ ދަތުރު ކުރާށެވެ. ދުނިޔޭގެ އެކި ހިސާބުތަކުގައި ގެންގުޅޭ ސަގާފަތާއި އާދަކާދަތައް ދަސްކުރާށެވެ. ދަތުރު ކުރުމުގެ ހުވަފެން ދެކެމުން ދަނިކޮށް، މޮރޮކޯއަށް ދިއުމުގެ ފުރުސަތު ލިބިގެން ދިޔައީ މުސްލިމް ރައްޓެއްސެއްގެ ފަރާތުންނެވެ. މޮރޮކޯގެ އިނގެރޭސި ބަސް ދަސްކޮށްދޭ ކްލާހެއްގައި ކިޔަވައިދިނުމުގެ ފުރުސަތެވެ.

ކަން ދިމާކުރި ގޮތުން، ލީސާ އަށް ހުންނަ ޖެހުނީ މޮރޮކޯ އާއިލާއެއްގެ ގޭގައެވެ. އެ ގޭގައި ހުރި އިރު، އެމީހުން ހެދުން އަޅާ ގޮތް ފެނި، އެގޮތަށް ހެދުން އެޅުމަށް ޝައުގުވެރިވި އެވެ. އެ ޝައުގުވެރި ކަމުގައި އޭނާ ކްލާހަށް ދާން ފެށީ ބުރުގާ އަޅައިގެން، ބޮޑު ހެދުމުގައެވެ.

ކޮންމެ ދުވަހަކު ފަތިހު ތެދުވެ މުސްލިމުންގެ ހެދުމުގައި އޭނާ ކްލާހަށް ދާން ފެށި އެވެ. ސަބަބެއް ނޭނގުނެވެ. އެ ހެދުމަށް ޚާއްސަ އިހުތިރާމެއް ކުރެވެން ފެށުނެވެ. ލީސާ ވަނީ ތިން މަސް ދުވަސް ވަންދެން އެ ހެދުމުގައި، ކިޔަވައިދިނުމަށް ކްލާހަށް ގޮސްފައެވެ. ނަމަވެސް އެ ހެދުން އަޅަނީ ކީއްވެތޯ ސުވާލެއް ނުކުރެ އެވެ.

މޮރޮކޯގައި ތިން މަސް ދުވަހު އުޅުމަށް ފަހު އޭނާ އެނބުރި މިޝިގަންއަށް ދިޔަ އިރުވެސް އިސްލާމް ދީނާ ގުޅޭ އެއްވެސް ކަމެއް ނޭނގެ އެވެ. ހޯދާކަށް ވެސް ނޫޅެ އެވެ.

މިޝިގަންގައި އޭނާ ވަޒީފާ އަދާކުރަން ފެށީ ބޭންކެއްގައެވެ. އިންޓްރެސްޓް ނެގުން ފަދަ ހުރިހާ މުއާމަލާތެއް އޭނާއަށް ފެންނަމުން ދިޔައެވެ. އަދި އެއީ ރަނގަޅު ކަމެއް ނޫން ކަން ވިސްނުނެވެ. ލީސާއަށް އިސްލާމް ދީނުގެ އެއްވެސް ކަމެއް އޭރު ނޭނގެ އެވެ. އެހެން ނަމަވެސް އޭނާގެ ހިތް ބުނަމުން ދިޔައީ އެކަމުގައި ބައިވެރި ނުވުމަށެވެ.

އެހެންކަމުން ވަޒީފާ ދޫކޮށްލުމަށް ފަހު ފްލޮރިޑާއަށް ބަދަލުވީ އެވެ. އަބަދު ވެސް ފޮޓޯ ނެގުމަށް ޝައުގުވެރިކަން ހުންނާތީ، ފޮޓޯގްރަފީ ސްކޫލަށް ދާން ފެށި އެވެ. އަދި ޕްރޮޖެކްޓް ޑައުންޓައުންގައި ވެސް ބައިވެރިވި އެވެ. މުސްލިމުންނާ އަލުން ދިމާވީ ޕްރޮޖެކްޓް ޑައުންޓައުން އާއި ގުޅުމުންނެވެ.

ލީސާއަށް ފުރަތަމަ ހަވާލުވި މަސައްކަތަކީ ބޭނުން މައުޟޫއު އަކަށް ޑޮކިއުމެންޓްރީ އެއް ތައްޔާރު ކުރުމެވެ. ލީސާ ވަނީ ތިން މަސް ވަންދެން މޮރޮކޯގައި ދިރި އުޅެ، ބުރުގާ އަޅައިގެން ކްލާހަށް ގޮސް ކިޔަވައިދީފައެވެ. ނަމަވެސް އަދިވެސް ބުރުގާއާ ގުޅޭގޮތުން އޭނާއަށް އެއްވެސް އެއްޗެއް ނޭނގެ އެވެ.

އެހެންކަމުން ލީސާ ނިންމީ ބުރުގާއަށް ޑޮކިއުމެންޓްރީ ތައްޔާރު ކުރާށެވެ. ޕްރޮޖެކްޓުގެ އިސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރި ނެއިދީން އަކީ މުސްލިމެކެވެ. އެހެންކަމުން ލީސާ ނިންމީ ނެއިދީން ގާތުން ބުރުގާއާ ގުޅޭ މައުލޫމާތު އޮޅުން ފިލުވާށެވެ.

ނެއިދީންގެ ފަރާތުން ލީސާއަށް އެނގިގެން ދިޔައީ މުޅިން އާ ވާހަކަތަކެކެވެ. ބުރުގާ އެޅުމުގެ ހިކުމަތާއި، އިސްލާމް ދީނުގައި މުސްލިމުންގެ މަގާމަކީ ކޮބައިކަން ނައިދީން ކިޔައިދިނެވެ. އިސްލާމް ދީނަކީ އަންހެނުންގެ ހައްގުތައް ނިގުޅައިގަންނަ ދީނެއް ނޫން ކަން ލީސާ އަށް ވިސްނުނެވެ.

ނެއިދީންގެ ވާހަކަ ތަކުގެ ސަބަބުން ލީސާގެ ވިސްނުން މުޅިން ބަދަލު ވެގެން ދިޔައެވެ. އަންހެނުންގެ ހަށިގަނޑަކީ ފިހާރައެއްގެ ހަރުގަނޑުތަކުގައި ހުންނަ މުދާތަކުގެ ބޭރުގައި ޖަހާ ވަރަށް ވުރެ މާ މާތް އަދި ގަދަރުވެރި އެއްޗެއް ކަން ވިސްނުނެވެ.

އެހާ ހިސާބުން އިސްލާމް ދީން އުނގެނެން ފެށިއެވެ. އިސްލާމް ދީނުގެ މައުލޫމާތު ލިއްބައިދޭ ފޮތްތައް ކިޔަން ފެށި އެވެ. ކީރިތި ޤުރްއާނުގެ އިނގެރޭސި ތަރުޖަމާ ކިޔައި ޔޫޓިއުބް ވީޑިއޯތައް ބަލަން ފެށި އެވެ.

ތިން މަސް ފަހުން، އިސްލާމް ދީނަކީ ހައްގު ދީންކަން އޭނާއަށް ކަށަވަރުވެގެން ދިޔައެވެ. އެހެން ނަމަވެސް އަދި އިސްލާމް ވާން އޭނާ މުޅިން ތައްޔާރު ނޫން ކަމަށް ހީވި އެވެ. އެހެން ނަމަވެސް، ލީސާ ގަސްތު ކުރީ ބުރުގާ އަޅަން ފަށާށެވެ. އެއާއެކު އޭނާއަށް އެތައް ސުވާލެއް ކުރިމަތިވި އެވެ. އެތައް އުނދަގުލަކާއި ފުރައްސާރައެއް ކުރިމަތިވި އެވެ. އެހިސާބުން ފެށިގެން އިސްލާމް ވުމާ ހަމަ އަށް ވެސް ލީސާ ވަރަށް ކެތްކުރި އެވެ.

ލީސާ އިސްލާމްވީ 2011 ވަނަ އަހަރުގެ ޖުލަިއ މަހުގެ 29 ވަނަ ދުވަހު އެވެ. މިސްކިތުގައި އިނދެ ޝަހާދަތް ކީ ވަގުތު އޭނާގެ މުޅި ހަށިގަނޑު ލުއި ވެގެން ދިޔަ ފަދައެވެ. ކުރެވުނު އިހްސާސް ބުނެދޭން ނޭނގެ އެވެ.

ލީސާ އިސްލާމްވުމުން އެންމެ ބޮޑު ސިހުމެއް ލިބުނީ އޭނާގެ މަންމަ އަށެވެ. ފުރަތަމަ އެކަން ގަބޫލު ކުރަން ބޭނުން ނުވި ނަމަވެސް، މިހާރު ވަނީ ލީސާއަށް އެއްބާރުލުން ދޭން ފަށައިފައެވެ. މަންމަ އެދުނީ މުސްލިމެއްގެ ގޮތުގައި ހުރި ނަމަވެސް، ބުރުގާ ނޭޅުމަށެވެ. ނަމަވެސް ލީސާއަށް އިސްލާމް ދީނަށް ލޯ ހުޅުވިގެން ދިޔައީ ބުރުގަލުގެ ސަބަބުންނެވެ. އެހެން ކަމުން މަންމަ ނުރުހުނު ނަމަވެސް އޭނާ ބުރުގާ ދޫކޮށެއް ނުލާނެ އެވެ.

--------------------

ނޯޓް: މި ލިޔުމަކީ، އިސްލާމްދީނާ މެދު މީސްތަކުންގެ މެދުގައި ހޭލުންތެރިކަން އުފެއްދުމަށް މަސައްކަތްކުރާ އެމެރިކާގެ ޖަމިއްޔާއެއް ކަމަށްވާ، "whyislam.org"ގެ ޔޫޓިއުބް ޗެނަލްގައި ޝާއިއުކޮށްފައިވާ ވީޑިއޯއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ލިޔުމެކެވެ.