06 Jun 2017, 14:31
ލަންޑަން(ޖޫން 6): އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގައި މިދިޔަ ހޮނިހިރު ދުވަހު ޓެރަރިސްޓު ހަމަލާއެއް ދިން ދެ މީހުންގެ މައްޗަށް ކަށުނަމާދު ކުރަން 130 އިމާމަކު ދެކޮޅު ހަދައިފި އެވެ.
އިނގިރޭސިވިލާތުގެ މުސްލިމުން ތަމްސީލުކޮށްދޭ ދި މުސްލިމް ކައުންސިލް އޮފް ބްރިޓެއިން އިން ނެރުނު ބަޔާނެއްގައިވާ ގޮތުން ލަންޑަން ބްރިޖު މަތީގައި ހަމަލާ ދިން ދެ މީހުންގެ މައްޗަށް ކަށުނަމާދު ކުރަން އެއިމާމުން ދެކޮޅު ހެދީ ހަމަލާ ދިން މީހުންގެ އަމަލުތަކަކީ އިސްލާމް ދީނުން އުނގަންނައިދޭ ކަންތައްތަކާ ދެކޮޅު އަމަލުތަކަށް ވާތީ އެވެ.
އަދި އެކައުންސިލުން ވަނީ ގައުމުގެ އެހެން އިމާމުންވެސް އެމީހުންގެ މައްޗަށް ކަށުނަމާދު ކުރުމަށް ދެކޮޅު ހެދުމަށް ގޮވާލާފައެވެ.
ހޮނިހިރު ދުވަހު ލަންޑަން ބުރިޖު މަތީގައި ތިން މީހަކު ބައިވެރިވެގެން ދިން ހަމަލާގައި ބުރިޖު މަތިން ހިނގާފައި ދިޔަ ބައެއްގެ ގައިގައި ވޭނަކުން ޖައްސައި، ވަޅިން ހަމަލާ ދީފައިވެ އެވެ. އެހަމަލާތަކުގައި ހަތް މީހަކު މަރުވެ، 47 މީހަކަށް އަނިޔާވި އެވެ.
ލަންޑަނުގެ ފުލުހުން ބުނި ގޮތުގައި އެހަމަލާ ދިނީ އުމުރުން 27 އަހަރުގެ ޚުރާމް ބަޓް އާއި 30 އަހަރުގެ ރާޝިދު ރަދުއާން އެވެ. އެހަމަލާގައި ބައިވެރިވި ތިން ވަނަ މީހާގެ ނަން އަދި ހާމަކޮށްފައެއް ނުވެއެވެ. (އިންޑިޕެންޑެންޓް)