06 Jun 2017, 13:15
ތ. ވަންދޫ ގިރާ ސަރަހައްދު ހިމާޔަތް ކުރަން މިދިޔަ އަހަރާއި މި އަހަރުގެ ބަޖެޓްގައި ފައިސާ ހިމަނާފައި ނެތް ކަމަށާއި އެހެންވީމާ އެ މަސައްކަތް ފެށޭނެ ދުވަހެއް ނޭނގޭ ކަމަށް އެންވަޔަރުމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ތ. ވަންދޫ ގިރާ ސަރަހައްދުގެ މަސައްކަތް ފެށޭނެ ދުވަހެއް ސާފު ކުރުމަށް އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގް މިއަދު މަޖިލީހުގެ ތަޅުމަށް ހާޒިރުކޮށް ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވަނީ ސުވާލު ކުރައްވާފަ އެވެ.
އެސުވާލަށް ޖަވާބުދެއްވަމުން ތޯރިގް ވިދާޅުވީ "ވަންދޫ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް ބަޖެޓްގައި ހިމަނާފައި ނެތް" ކަމަށެވެ.
އެސުވާލާ ގުޅިގެން އަބްދުﷲ ރިޔާޒު ވިދާޅުވީ 2014 ވަނަ އަހަރާއި 2015 ވަނަ އަހަރު ވެސް ތ. ވަންދޫ ގިރާ ސަރަހައްދު ހިމާޔަތް ކުރަން ބެޖްޓްގައި ފައިސާ ހިމަނާފައިވާ ކަމަށާއި ނަމަވެސް އެކަން ކޮށްފައި ނުވާ ކަމަށެވެ.
އެވާހަކަތަކާ ގުޅިގެން ތޯރިގް ވިދާޅުވީ ދައުލަތުގެ އާމްދަނީއަށް ކުރިމަތިވި ބައެއް ގޮންޖެހުންތަކާ ގުޅިގެން ބައެއް މަޝްތޫއުތަކަށް ހަރަދު ކުރުމަށް ބަދަލުތަކެއް ގެނެވިފައިވާ ކަމަށެވެ. ނަމަވެސް ވަންދޫ ގިރާ ސަރަހައްދަށް އެކުލަވާލި ބަޖެޓް ހޭދަ ކުރީ ކޮން ކަމަކަށް ކަމެއް މިނިސްޓަރު ސާފެއް ނުކޮށްދެ އެވެ.
އެސުވާލުގެ އިތުރުން ވެސް މެމްބަރުން އެންވަޔަރަމެންޓް މިނިސްޓްރީގެ ޕްރޮޖެކްޓްތަކާ ބެހޭ ގޮތުން ސުވާލުތަކެއް ކުރެއްވި އެެވެ.