06 Jun 2017, 12:49
ހޮލީވުޑްގެ މަޝްހޫރު ފިލްމީތަރި މެރިލީން މޮންރޯ އާއި އެމެރިކާގެ ބޭސްބޯލް ކުޅުންތެރިޔާ ޖޯ ޑިމާޖިއޯގެ ކައިވެނީގެ ސެޓްފިކެޓް 122،500 ޑޮލަރަށް ވިކިއްޖެ އެވެ.
ކުޅިވަރާ ގުޅުން ހުރި ތަކެތި ނީލަން ކިޔާ ގޯލްޑިން އޮކްޝަންސްގެ ސީއީއޯ ކެން ގޯލްޑިން ބުނި ގޮތުގައި އެސެޓްފިކެޓް ގަނެފައި ވަނީ ތާރީހާ ގުޅުން ހުރި ތަކެތި އެއްކުރާ މީހެއްގެ ފަރާތުންނެވެ.

މެރިލީން މޮންރޯ އާއި ޖޯ ޑިމާޖިއޯ --
"އެއީ އެޒަމާނުގެ އެންމެ މަޝްހޫރު ބޭސްބޯލް ކުޅުންތެރިޔާ އާއި އެންމެ މަޝްހޫރު އެކްޓްރެސްގެ ކައިވެނި ދައްކުވައިދޭ، އެމެރިކާގެ ތާރީހުގެ މުހިއްމު ބައެއް،" ގޯލްޑިން ބުންޏެވެ.
ގޯލްޑިން އޮކްޝަނުން ބުނި ގޮތުގައި އެސެޓްފިކެޓް ގަތް އިރު އޮތީ ވަރަށް ރަނގަޅު ހާލަތެއްގަ އެވެ.
ސާދަ ޖެނުއަރީ 1954ގައި ކައިވެނި ކުރި މޮންރޯ އާއި ޑިމާޖިއޯ ވަނީ ކައިވެނި ކުރިތާ ނުވަ މަސް ފަހުން ވަރިވެފަ އެވެ. (އޭބީސީ)