މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ ރަބަރު ޕެކެޓްތަކަކާއެކު ހދ. ކުޅުދުއްފުށިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މި މަހުގެ 11 ވަނަ ދުވަހު ކުޅުދުއްފުށީ ފުލުހުން އެ ރަށު ހޯރަ، މުހައްމަދު ހަސަން 27، ހައްޔަރަކޮށްފައިވާ ކަމަށެވެ. މުހައްމަދު ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން، އޭނާ އުޅޭ ގެ، ހޯރަ ބަލައި ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ އެއްޗެއް އަޅާފައި ހުރި ރަބަރު ޕެކެޓްތަކެއް ފެނިގެން ކަމަށް ވެސް ފުލުހުން ބުންޏެވެ.

މުހައްމަދު ދިރިއުޅޭ ގެ ފުލުހުން ފާސްކުރިއިރު ގޭގެ މޭޒެއް މަތީގައި އޮތް ޕާހެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ އެއްޗެއް އަޅާފައި ހުރި ހަތަރު ރަބަރު ޕެކެޓާއި މުހައްމަދު ނިދާ ކޮޓަރި ތެރެއިން މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ އެއްޗެއް އަޅާފައި ހުރި 43 ރަބަރު ޕެކެޓް ފުލުހުންނަށް ވަނީ ފެނިފަ އެވެ.