ދިވެހި ސަރުކާރުން ގަތަރާ އެކު ވެފައިވާ 33 އަހަރުވީ ސިޔާސީ ގުޅުން އިއްޔެކަނޑާލުމާ އެކުގިނަ ބަޔަކު ހިތުގައި އުފެދިފައިވާ ސުވާލަކީ ދެން ވާނީ ކިހިނެއްތޯ އެވެ؟ ދިވެހިންނަށް ގަތަރަށް ދެވޭނެތޯ އެވެ؟ އަދި ރާއްޖެއަށް އެންމެ ފުޅާ ދާއިރާއެއްގައި ބައިނަލްއަގުވާމީ އުދުހުންތައް އުދުހޭ ގަތަރު އެއާލައިންސްގެ ދަތުރުތަކަށް ވާނީ ކިހިނެއްތޯ އެވެ؟ ގަތަރުން ރާއްޖޭގައި ކުރަމުންދާ އިންވެސްޓްމަންޓްތަކަށް ވާނީ ކިހިނެއްތޯ އެވެ؟ ހައްތަހާ ވެސް ސުވާލެވެ.

ހުއްޓާލާނީ ވާހަކަތައް އެކަނި

ރާއްޖޭގެ ފޮރިން މިނިސްޓްރީގެ އިސް އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވި ގޮތުގައި ދިވެހި ސަރުކާރުން ގަތަރާ އެކު ސިޔާސީ ގުޅުން ކަނޑާލުމާ އެކު ހުއްޓުމަކަށް އަންނާނީ ދެގައުމު ދޭތެރޭގައި ދެކެވެމުން ދިޔަ ރަސްމީ ވާހަކަތަކެވެ. އޭގެ އިތުރު ކަންތައްތައް ހުއްޓާލަން ދިވެހި ސަރުކާރުން ނުނިންމާ ކަމަށް އޭނާ ވިދާޅުވި އެވެ.

ގަތަރު އެއާވޭސްގެ ފްލައިޓެއް -- ފޮޓޯ: ޑެއިލީ މެއިލް

ދިވެހިން ގަތަރަށް ދިއުމަށާއި ގަތަރު ރައްޔިތުން ރާއްޖެ އައުމަށް ވެސް ކުރިއާ ހިލާފަށް އެއްވެސް ބަދަލެއް ގެނައުމަށް އަދި ގަތަރުގެ ވައިގެ އުދުހުންތަކަށް ވެސް އެއްވެސް ބަދަލެއް ގެނައުމަށް ރާއްޖެ އިން ނުނިންމާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

"މިހާރު ގަތަރު ރައްޔިތުންނަށް ވިސާދޭނީ މިކޮޅުން ދެއްތޯ، އަޅުގަނޑުމެން ހަމަ ކުރިއެކޭ އެއްގޮތަށް ދޭނަން، އަދި ދިވެހިންނަށް ވިސާ ދޭނީ ގަތަރު ސަރުކާރުން، އެކޮޅުން ވެސް ނާންގާ އެނިންމުމަށް ބަދަލެއް ގެނައިކަމަކަށް،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގަތަރާއި ރާއްޖެއާ ދޭތެރޭ ކުރީގައި އޮތް އުސޫލަށް ބަދަލެއް އަންނަ ނަމަ އަންނާނީ ގަތަރު ސަރުކާރުން ނިންމާ ނިންމުމެއްގެ މައްޗަށް ކަމަށާއި ނަމަވެސް މިހާތަނަށް އެފަދަ ނިންމުމެއް ނިންމި ކަމެއް ގަތަރުން އަދި އަންގާފައިނުވާ ކަމަށެވެ.

"ގަތަރުން ނަގާ ޑިސިޝަނަކުން ބަދަލެއް އަންނާނީ، އެބޭފުޅުން އަދި ވަކިއެއްޗެއް ނާންގާ،" އޮފިޝަލް ވިދާޅުވި އެވެ.

އީރާނާ އެކު މިދިޔަ އަހަރު ސިޔާސީ ގުޅުން ކަނޑާލި ނަމަވެސް އެގައުމަށް ވެސް ގޮސް އުޅުމަށް ދިވެހިންނަށް އެއްވެސް ދައްޗަކާ ކުރިމަތިނުވާ އިރު އެގައުމުގެ ރައްޔިތުން ރާއްޖެ އައުމަށް ވެސް ދައްޗަކާ ކުރިމަތިނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިންވެސްޓްމަންޓްތައް ކުރިއަށްދާނެ

ގަތަރާ އެކު ސިޔާސީ ގުޅުން ކަނޑާލަން ދިވެހި ސަރުކާރުން ނިންމެވި ނަމަވެސް އެ ގައުމާ އެކު އޮތް ވިޔަފާރީގެ ގުޅުމަކަށް ބަދަލެއް ގެނައުމަށް ނިންމާފައިނުވާ ކަމަށް ވެސް ސަރުކާރުން ބުނެފައިވެ އެވެ. އެޓާނީ ޖެނެރަލް މުހައްމަ އަނިލް ވިދާޅުވީ، ރާއްޖެ އާއި ގަތަރުގެ އެކިއެކި ވިޔަފާރި ކުންފުނިތަކާ ވިޔަފާރީގެ ގުޅުމަކަށް ބަދަލެއް އައިސްފައިނުވާ ކަމަށެވެ.

ގަތަރުގެ ރިޔާސީ ގަނޑުވަރު -- ފޮޓޯ: ދޯހާ ނިއުސް

"މަޝްރޫއުތަކަށް އިގްތިސާދީ އެހީތަކަށް ބަދަލުތަކެއް އައިކަމެއް އަދި އެނގިފައެއްނެތް. ވުން އެކަށީގެންވާކަމެއް އެއީ ސިޔާސީ ގުޅުން ކަނޑާލުމާ ގުޅިގެން ތިޔަ ފަދަ ފިޔަވަޅުތަކެއް ގަތަރުގެ ސަރުކާރުގެ ފަރާތްޕުޅުން އެޅުއްވުމަކީ،" ސިޔާސީ ގުޅުން ކަނޑާލުމުން ގަތަރު ސަރުކާރުން ރާއްޖެ އަށް ދޭ އެހީ އަށް އަސަރު ކޮށްފާނެތޯ އެހި ސުވާލަކަށް ޖަވާބު ދެއްވަމުން އަނިލް ވިދާޅުވި އެވެ.

ރާއްޖޭގައި ހުރި އެންމެ ފާހަގަ ކޮށްލެވޭ ގަތަރުގެ އިންވެސްޓްމެންޓަކީ، 2004 ވަނަ އަހަރުގ ގަތަރުގެ ކިއުޓެލް އިންވެސްޓްމެންޓްސް އިން ރާއްޖޭގައި ޓެލެކޮމް ޚިދުމަތް ދިނުމަށް އުފެއްދި ވަތަނިއްޔާ ޓެލެކޮމް މޯލްޑިވްސް، އަދި މިހާރުގެ އުރީދޫ މޯލްޑިވްސް އެވެ.

ރާއްޖެ އާއި ގަތަރުގެ ގުޅުން

ރާއްޖެއާއި ގަތަރާ ދެމެދު ޚާރިޖީ އަދި ސިޔާސީ ގުޅުން ގާއިމުކުރީ 1984 ވަނަ އަހަރުގެ މެއި މަހުގެ 26 ވަނަ ދުވަހު، ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރުގަ އެވެ. ގަތަރަކީ ރާއްޖެ އަށް ބޮޑެތި އެހީތަކެއް ފޯރުކޮށްދޭ، އަދި ބޮޑެތި އިންވެސްޓްމެންޓްތަކެއް ވެސް ގެނެސްފައިވާ ގައުމެކެވެ.

ދިވެހި ޚާރިޖިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، ރާއްޖެ އިން ގަތަރާ ގުޅުން ކަނޑައިލީ ޓެރަރިޒަމާއި ހައްދުފަހަނަ އަޅައިދިއުމަށް މަގުފަހިވާ ހަރަކާތްތަކާ ދެކޮޅު ހެދުމުގެ ގޮތުންނެވެ.