06 Jun 2017, 11:53
އައްޑޫ ސިޓީން ފިތުރު ޒަކާތް ބަލައިގަންނަން ފަށާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ މިއަދުން ފެށިގެން މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް އައްޑޫ ސިޓީން ފިތުރު ޒަކާތް ބަލައިގަންނަމުންދާނެ ކަމަށެވެ.
ގިނަ ބަޔަކަށް ފުރުސަތު ދިނުމުގެގޮތުން މިއަދުން ފެށިގެން މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ފަގީރުންގެ ލިސްޓުގައި ނަންނޯޓް ކުރުމުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށް ވެސް އެ އިއުލާނުގައިވެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އައްޑޫ ސިޓީގެ ހިތަދޫން ފިތުރު ޒަކާތް ބަލައިގަންނަނީ އެރަށުގައި ގާއިމްކޮށްފައިވާ އެ މިނިސްޓްރީގެ ޔުނިޓުން ކަމަށެވެ.
މަރަދޫ އާއި މަރަދޫފޭދޫ ރައްޔިތުންނަށް ފިތުރު ޒަކާތް ބަލައިގަތުމުގެ ޚިދުމަތްދޭނީ މަރަދޫ ތަދްރީސުލް ޤުރުއާނުން ކަމަށް އެ އިއުލާނުގައިވެއެވެ.
ހުޅުދޫގައި ފިތުރު ޒަކާތް ބަލައިގަންނާނީ އެރަށުގައި ހުންނަ ލޭންޑް ބިލްޑިންގ އެންޑް މުނިސިޕަލް ސާވިސް ޑިޕާޓްމަންޓުންނެވެ. އަދި މީދޫގައި ފިތުރު ޒަކާތް ބަލައިގަންނާނީ ފެނަކަ ކޯޕަރޭޝަން މީދޫ ގޮފިންނެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ފިތުރު ޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯގެ މިންވަރެއް ކަމަށެވެ. އަދި ޒަކާތް ނެރެންވާނީ އެބަޔަކު އަހަރު ތެރޭގައި އާންމުކޮށް ކައި އުޅުނު ހަނޑުލުގެ ބާވަތަކުން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ރަސްމީކޮށް ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ 2.4 ކިލޯ ހަނޑުލުގެ އަގަށްވާ ފައިސާ އިން ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.