ސިދާރްތު މަލޯތުރާ އަދި ޖެކްލީން ފާނަންޑޭޒްގެ ކުރިއަށް އޮތް ފިލްމުގެ ޓީޒާ ދައްކާލައިފި އެވެ.

ޓުވިޓާ މެދުވެރިކޮށް ސިދާރްތު ވަނީ ފިލްމުގެ އެނިމޭޝަން ޓީޒާއެއް އާންމުންނަށް ދޫކޮށްލައިފަ އެވެ. ޖެކްލީން ވެސް ވަނީ ފިލްމަށް ތައްޔާރުތޯ ސުވާލުކޮށް އެ ވީޑިއޯ ޓުވީޓު ކޮށްފަ އެވެ.

ފިލްމުގެ ޓީޒާ އެންމެ ބޮޑަށް ކަމުގޮސްފައި ވަނީ ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ކަރަން ޖޯހަރު އަށެވެ. ކަރަން ވަނީ އެއީ އަހަރުގެ އެންމެ "ކޫލް" ފިލްމަށް ވާނެ ކަމަށް ބުނެފަ އެވެ. ދެހާސް ބާރަ ވަނަ އަހަރު 'ސްޓުޑެންޓް އޮފް ދަ އިޔާ' އިން ސިދާރްތު ބޮލީވުޑަށް ނެރެދިނީ ކަރަން އެވެ.

މިދިޔަ ފެބްރުއަރީގައި ޝޫޓިން ނިންމާލި އެ ފިލްމަށް ކިޔާނީ 'ރީލޯޑް' ކުރިން ބެލެވިފައި އޮތް ނަމަވެސް ފިލްމުގެ ނަމަކަށް ވެފައި މިވަނީ 'އަ ޖެންޓްލްމޭން' އެވެ.

ރާޖް ނިދިމޯރޫ އަދި ކްރިޝަނާ ޑީކޭ ޑައިރެކްޓުކޮށްފައިވާ 'އަ ޖެންޓްލްމޭން' ރިލީޒް ކުރާނީ އަންނަ އޯގަސްޓު މަހުގެ 25 ވަނަ ދުވަހު އެވެ.

މިއީ ސިދާރްތު އާއި ޖެކްލީން އެކުގައި މަސައްކަތް ކުރާ ދެވަނަ ފިލްމެވެ. މީގެ ކުރިން އެ ދެ މީހުން ވަނީ އަކްޝޭ ކުމާރް އާ އެކު ފިލްމު 'ބްރަދާޒް'ގައި މަސައްކަތް ކޮށްފަ އެވެ.