ރިޔާދު (ޖޫން 6): ސައުދީ އަރަބިއާ އިން ގަތަރާ އެކު އޮތް ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލުމަށް ފަހު ސައުދީގައި ހުންނަ އަލް ޖަޒީރާގެ އޮފީސް ބަންދުކޮށްފި އެވެ.

ސައުދީ ޕްރެސް އޭޖެންސީން ބުނި ގޮތުގައި ގަތަރުގެ ނޫސް ނެޓްވޯކް އަލް ޖަޒީރާ ބަންދު ކުރީ ޓެރަރިސްޓު ގުރޫޕުތަކުގެ ރޭވުންތައް ޕްރޮމޯޓުކޮށް، ޔަމަނުގައި ކުރިއަށްދާ ހަނގުރާމާގައި ސައުދީ ކޯލިޝަނާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ހޫޘީންނަށް ތާއީދުކޮށް، ސައުދީގެ ދާހިލީ ކަންތަކަށް ބާރު ފޯރުވަން މަސައްކަތް ކުރުމުންނެވެ.

ސައުދީ އާއި ގަތަރާ ދެމެދު މައްސަލަ ޖެހުނީ، އެމެރިކާގެ ރައީސް ޓްރަމްޕްގެ ސަރުކަރާ ގަތަރާ ދެމެދު މައްސަލަތަކެއް އޮތް ކަމަށާއި، އިރާނަކީ "އިސްލާމީ ބާރެއް" ކަމަށް ގަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދު އަލް ޘާނީ މިދިޔަ ހަފްތާގައި ވިދާޅުވެފައި ވަނިކޮށެވެ.

ޝައިޚް ތަމީމް އިތުރަށް ވިދާޅުވީ ގަތަރާ އިސްރާއީލާ އޮތް ގުޅުން ރަނގަޅު ކަމަށާއި ފަލަސްތީނުގެ ރައްޔިތުން ތަމްސީލުކުރާ ރަސްމީ ފަރާތަކީ އެ ގައުމުގެ ހަމާސް ޖަމާއަތް ކަމަށެވެ. ހަމާސްއަކީ އިސްރާއީލާއި އެމެރިކާ އަދި ވިލާތުގެ އިއްތިހާދުން ވެސް ޓެރަރިސްޓް ޖަމާޢަތެއްގެ ގޮތުގައި ކަނޑައަޅަފައިވާ ޖަމާއަތެކެވެ.

އެމައްސަލައާ ގުޅިގެން ސައުދީން ވަނީ އިއްޔެ ގަތަރާ ގުޅުން ކަނޑާލައި، އެހެން ގައުމުތަކުން ވެސް އެފަދައިން އަމަލު ކުރުމަށް ގޮވާލާފަ އެވެ. ސައުދީގެ އިތުރުން ގަތަރާ ގުޅުންތައް ކަނޑާލާފައިވާ ގައުމުތަކުގެ ތެރޭގައި ޔުނައިޓެޑް އެރެބް އެމިރޭޓްސް، ބަހްރައިން، މިސްރު، ޔަމަން، ލީބިއާ، މޮރީޝަސް އަދި ހިމެނެ އެވެ.

ދިވެހި ޚާރިޖިއްޔާ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، ރާއްޖެ އިން ގަތަރާ ގުޅުން ކަނޑައިލީ ޓެރަރިޒަމާއި ހައްދުފަހަނަ އަޅައިދިއުމަށް މަގުފަހިވާ ހަރަކާތްތަކާ ދެކޮޅު ހެދުމުގެ ގޮތުންނެވެ. (އަރަބްނިއުސް)