06 Jun 2017, 11:05
ކްރިޓިކުން ބޮޑު ތަރުހީބެއް ލިބިގެން ދިޔަ ފިލްމު، ލިޕްސްޓިކް އަންޑާ މައި ބުރްކާ ރިލީޒް ކުރާނެ ތާރީޚު ހަމަޖައްސައިފި އެވެ.
އިންޑިއާގެ ސެންސަރު ބޯޑުން ވަނީ އެ ފިލްމުން ރިލީޒް ނުކުރެވޭނެ ކަމަށް ބުނެފަ އެވެ. ނަމަވެސް މިދިޔަ މަހު ސަޓިފިކޭޝަން އަޕެލޭޓް ޓްރައިބިއުނަލް އިން ވަނީ ސެންސަރު ބޯޑުގެ ނިންމުން ބާތިލް ކޮށް، ފިލްމު ފާސް ކޮށްދީފަ އެވެ.
ގިނަ އެވޯޑުތަކެއް ވެސް ހޯދާފައިވާ ފިލްމު މިހާރު މިވަނީ ތިއޭޓަރުތަކަށް އައުމަށް ތައްޔާރުވެފަ އެވެ. ޓްރޭޑް އެނަލިސްޓު ތަރަން އާދަރްޝް ކުރި ޓުވީޓެއްގައި ބުނެފައި ވަނީ އަންނަ ޖުލައި މަހުގެ 28 ވަނަ ދުވަހު ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެއީ އިންޑިއާގެ ކުޑަ އަވަށެއްގައި ދިރިއުޅޭ ހަތަރު އަންހެނުންގެ ދިރިއުޅުމުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. ފިލްމުގެ ލީޑު ރޯލުތަކުން ފެނިގެން ދާނީ ރަތުނާ ޕާޓަކް ޝާހް، ކޮންކަނާ ސެން ޝަރްމާ، އާހަނާ ކުމްރާ އަދި ޕްލަބީތާ ބޯޓަކުރް އެވެ.
އެ ފިލްމު ޑައިރެކްޓު ކޮށްފައި ވަނީ އަލަންކްރިތާ ޝްރިވާސްތަވާ އެވެ. އަދި ފިލްމުގެ ޕްރޮޑިއުސަރަކީ ޕްރަކާޝް ޖާ އެވެ.
ފިލްމު ފާސްކޮށް ނުދިން ނަމަވެސް، ލިޕްސްޓިކް އަންޑާ މައި ބުރްކާ ވަނީ ޓޯކިޔޯ އަދި މުމްބާއީ ފިލްމު ފެސްޓިވަލް ގައި ޕްރިމިއަރ ކޮށްފަ އެވެ. ޓޯކިޔޯ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލްގައި އެ ފިލްމަށް ވަނީ ސްޕިރިޓް އޮފް އޭޝިޔާގެ އެވޯޑު ލިބިގެން ގޮސްފަ އެވެ. އަދި މުމްބާއި ފިލްމު ފެސްޓިވަލުގައި އެ ފިލްމަށް ވަނީ، ބެސްޓް ފިލްމު އޮން ޖެންޑާ އީކުއަލިޓީގެ އެވޯޑު ލިބިގެން ގޮސްފަ އެވެ.
އޭގެ އިތުރުން އެ ފިލްމުން ކޮންކަނާ އަށް ވަނީ އެންމެ މޮޅު ބަތަލާގެ އެވޯޑު ވެސް ލިބިގެން ގޮސްފަ އެވެ.