ކައުންސިލަރުކަމުގެ ހުވާ ކުރެއްވިތާ ހަފްތައެއް ނުވަނީސް ބ. ކަމަދޫ ކައުންސިލަރަކު އިސްތިއުފާދެއްވައިފިއެވެ.

ކަމަދޫ ކައުންސިލް އިދާރާގެ އެސިސްޓެންޓް ޑިރެކްޓަރ އަލީ ޝަރީފް އާދަމް މިއަދު "ސަން" އަށް ވިދާޅުވީ އިސްތިއުފާ ދެއްވިކަން ބަޔާންކޮށް ކައުންސިލްގެ ނައިބު ރައީސް އަލީ މައުސޫމް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.

އެ ސިޓީގައިވާގޮތުން އޭނާ އިސްތިއުފާދެއްވީ ކައުންސިލަރުކަމުން ކަމަށް އަލީ ޝަރީފް އާދަމް ވިދާޅުވިއެވެ.

މައުސޫމް އިސްތިއުފާދެއްވިކަން ބ. އަތޮޅު ކައުންސިލްގެ އިދާރާ އަށާއި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ލިޔުމުން އަންގާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިސްތިއުފާދެއްވި ކައުންސިލަރު މައުސޫމަކީ އެމްޑީޕީގެ ޓިކެޓުގައި އިންތިޚާބުވި ބޭފުޅެކެވެ. ކަމަދޫ ކައުންސިލަށް އިންތިޚާބުވީ އެމްޑީޕީގެ ދެ ކައުންސިލަރަކާއި ޕީޕީއެމްގެ ކައުންސިލަރެކެވެ.