ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުގައި ދަތުރު ކުރަމުންދަނިކޮށް މޫސުން ގޯސްވުމުގެ ސަބަބުން ހއ. އުލިގަމުގައި ބަނދަރު ކުރި ޓަގު ފުރައިފި ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

ޑޮމިނިކަން ރިޕަބްލިކްގެ "ގޯލްޑެން ޕްރައިޑް" ނަމަކަށް ކިޔާ އެ ޓެގް އުލިގަމުގައި ބަނދަރުކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ މެންދުރުފަހުއެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އަލީ އާޒިމް މިރޭ ވިދާޅުވީ، ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އެ ޓަގު ފުރާފައިވަނީ މިރޭ އަށެއް ޖަހަނިކޮށް ކަމަށެވެ. އެ އުޅަނދުގެ މަންޒިލަކީ ޗައިނާގެ މަކާއޯ އަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވައެވެ.

އިންޑިއާގެ ކުންފުންޏަކުން އޮޕަރޭޓް ކުރާ 25 މީހުން ތިބި އެ އުޅަނދު އުލިގަމުގައި ބަނދަރުކުރީ މޫސުން ގޯސްވެ، ކަނޑުގަދަވުމުގެ ސަބަބުން ދަތުރު ނުކުރެވިގެން ކުއްލި ހާލަތުގައި އެހީތެރިކަމަށް އެދުމުން ސަރުކާރުން ހުއްދަ ދިނުމުންނެވެ.