ނިއުކާސަލް ޔުނައިޓެޑްގެ ކުރީގެ މިޑްފީލްޑަރު ޗެއިކް އިސްމާއިލް ޓިއޯޓޭ، ޕްރެކްޓިހުގައި ދަނޑުމައްޗަށް ވެއްޓުނު ހާދިސާއަށްފަހު މަރުވެއްޖެއެވެ.

އުމުރުން 30 އަހަރުގެ އައިވަރީ ކޯސްޓް މިޑްފީލްޑަރު ޓިއޯޓޭ، ޗައިނާގެ ދެވަނަ ޑިވިޝަންގެ ކްލަބެއް ކަމަށްވާ ބެއިޖިން އެންޓަޕްރައިސްގެ ޕްރެކްޓިހުގައި ދަނޑު މައްޗަށް ވެއްޓުމުން ވަގުތުން ހޮސްޕިޓަލަށް ގެންދެވުނު ކަމަށް އެ ކްލަބުން ބުނެއެވެ.

ޓިއޯޓޭ މަރުވިކަން އޭނާގެ އެޖެންޓް އެމަނުއެލް ޕަލަޑީނޯ ވަނީ ކަށަވަރުކޮށްދީފައެވެ. ޓިއޯޓޭ މަރުވުމުން އެކަމާ ވަރަށް ހިތާމަކުރާ ކަމަށް ޕަލަޑީނޯ ބުންޏެވެ.

"ވަރަށް ހިތާމައާއެކު ޕްރެކްޓިހުގައި ދަނޑު މައްޗަށް ވެއްޓުނު ހާދިސާއަށްފަހު ޓިއޯޓޭ މަރުވިކަން ކަށަވަރުކޮށްދެން. ޓިއޯޓޭ މަރުވި ހާދިސާގެ އިތުރު ތަފްސީލެއް މިވަގުތު ދެވޭކަށް ނެތް. އަހަރެމެން އެދެނީ ޓިއޯޓޭއަށް ހެޔޮ ދުއާ ކޮށްދިނުމަށް،" ޓިއޯޓޭގެ އެޖެންޓް ބުންޏެވެ.

މިދިޔަ ފެބްރުއަރީ މަހުން ފެށިގެން ޓިއޯޓޭ ކުޅެމުންދާ ބެއިޖިން އެންޓަޕްރައިސަސްއިން ވެސް ވަނީ އޭނާ މަރުވިކަން ކަށަވަރުކޮށްދީފައެވެ. ބެއިޖިން އެންޓަޕްރައިސަސްއިން ވަނީ ޓިއޯޓޭގެ ހިދުމަތްތަކަށް ވެސް ޝުކުރު އަދާކޮށްފައެވެ.

ކުރިން ބެލްޖިއަމްގެ އެންޑާލެހްޓަށް ވެސް ކުޅުނު ޓިއޯޓޭ ވަނީ ކުރިން 2010 ވަނަ އަހަރުން ފެށިގެން ބެއިޖިން އެންޓަޕްރައިސަސްއާ ގުޅުމާ ހަމައަށް ނިއުކާސަލްއަށް ކުޅުފައެވެ. އޭނާ ވަނީ 2009 އިން ފެށިގެން 2015ގެ ނިޔަލަށް އައިވަރީ ކޯސްޓް ގައުމީ ޓީމަށް ވެސް ކުޅެފައެވެ. އެގޮތުން ވޯލްޑް ކަޕް 2014ގެ ގްރޫޕް ސްޓޭޖުގައި އައިވަރީ ކޯސްޓް ކުޅުނު ތިން މެޗުގައި ވެސް އޭނާ ފެނިގެންދިޔައެވެ.