މޯލްޑިވްސް ސޮކާ މޭޓްސް (އެމްއެސްއެމް) ވެޓެރަންސް ކަޕްގައި ކްލަބު އީގަލްސް ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު ގްރޫޕް އޭގެ އެއް ވަނައަށް ޖެހިލައިފި އެވެ.

އެފްއޭއެމް ޓާފް އެއް ނަންބަރު ދަނޑުގައި މިއަދު ހަވީރު ކުޅުނު ފުރަތަމަ ބުރުގެ މެޗުގައި އީގަލްސްގެ މައްޗަށް މާޒިޔާއިން ކުރި ހޯދީ 3-1 ލަނޑުގެ ނަތީޖާއަކުންނެވެ.

ވެޓެރަންސް ކަޕްގައި މާޒިޔާއާއި އީގަލްސް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން މާޒިޔާ މޮޅުވީ 3-1 ލަނޑުގެ ނަތީޖާއަކުން --- ފޮޓޯ/ މާޒިޔާ

އީގަލްސްގެ އިތުރުން މާޒިޔާއިން ވަނީ ކުރިން ކްލަބު ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗު ވެސް ކާމިޔާބުކޮށްފައެވެ. ގްރޫޕް އޭގެ އެއްވަނާގައި މާޒިޔާ އޮތީ ކުޅުނު ދެ މެޗުން ލިބުނު ތިން ޕޮއިންޓާއެކުއެވެ. އެ ގްރޫޕްގައި ދެން ހިމެނޭ ވެލެންސިއާ އާއި އީގަލްސްއަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

މިއަދު ހަވީރު ކުޅުނު މެޗުގެ 30 ވަނަ މިނެޓުގައި އަހްމަދު ނާޒް (އާކޭ) ލީޑު ހޯދައިދިންއިރު، މެޗުގެ 43 ވަނަ މިނެޓުގައި އިބްރާހިމް ހަލީމް (ޖަޑާ) ވަނީ މާޒިޔާއަށް ލީޑު ފުޅާކޮށްދީފައެވެ. މެޗުގެ 55 ވަނަ މިނެޓުގައި މާޒިޔާގެ ތިން ވަނަ ލަނޑު އިސްމާއިލް މުހައްމަދު (އިއްސެ) ކާމިޔާބުކޮށްދިންއިރު، މެޗުގެ 59 ވަނަ މިނެޓުގައި އީގަލްސްގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ އަހްމަދު ޒިޔާމެވެ.

ވެޓެރަންސް ކަޕްގެ ފުރަތަމަ ބުރު ކުރިއަށްދާނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އޭގައި ހިމެނެނީ ނިއުއާއި، ވެލެންސިއާއާއި، އީގަލްސް އަދި މާޒިޔާއެވެ. ގްރޫޕް ބީގައި ހިމެނެނީ ޑީއެސްސީ އާއި، ގްރީން ސްޓްރީޓްސް އަދި ވިކްޓަރީ ސްޕޯޓްސް ކްލަބެވެ.

ވެޓެރަންސް ކަޕްގައި މާޒިޔާއާއި އީގަލްސް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން މާޒިޔާ މޮޅުވީ 3-1 ލަނޑުގެ ނަތީޖާއަކުން --- ފޮޓޯ/ މާޒިޔާ

ފުރަތަމަ ބުރަށްފަހު ދެ ވަނަ ބުރަށް ދަތުރުކުރާނީ ގްރޫޕް އޭގެ އެންމެ ކުރީގައި އޮންނަ ތިން ޓީމާއި، ގްރޫޕް ބީގެ ކުރީގައި އޮންނަ ދެ ޓީމުގެ އިތުރުން ދެ ގްރޫޕްގެ ފުލުގައި އޮންނަ ދެ ޓީމުގެ މެދުގައި ކުޅޭ ޕްލޭ އޯފް މެޗުން މޮޅުވާ ޓީމެވެ. ދެވަނަ ބުރު ވެސް ކުރިއަށްދާނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ.

އެ މުބާރާތުގެ ސެމީއަށް ދަތުރުކުރާނީ ދެ ވަނަ ބުރުގެ ގްރޫޕް 1 އަދި ގްރޫޕް 2ގެ އެންމެ ކުރީގައި އޮންނަ ދެ ޓީމެވެ. ސެމީގެ ތިން މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު، ސެމީގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ގްރޫޕް 1ގެ އެއްވަނަ އަދި ގްރޫޕް 2ގެ އެއްވަނަ ޓީމެވެ. ދެވަނަ ސެމީގައި ގްރޫޕް 1ގެ ދެވަނަ އަދި ގްރޫޕް 2ގެ ދެވަނަ ޓީމު ބައްދަލުކުރާއިރު، ސެމީގެ ތިންވަނަ މެޗުގައި ބައްދަލުކުރާނީ ފުރަތަމަ ސެމީން ބަލިވާ ޓީމާއި ދެވަނަ ސެމީން މޮޅުވާ ޓީމެވެ. މުބާރާތުގެ ފައިނަލުން ޖާގަ ލިބޭނީ ފުރަތަމަ ސެމީން މޮޅުވާ ޓީމު އަދި ތިންވަނަ ސެމީން މޮޅުވާ ޓީމަށެވެ.