05 Jun 2017, 21:23
އަރަބި އިސްލާމީ ގައުމެއް ކަމަށްވާ ޤަތަރާއެކު ސިޔާސީ ގުޅުން ކަނޑާލަން ދިވެހި ސަރުކާރުން މިއަދު ނިންމީ އެއްވެސް ގައުމަކުން ނުފޫޒެއް ފޯރުވައިގެނެއް ނޫން ކަމަށް ދިވެހި ސަރުކާރުން ބުނެފި އެވެ.
ސަރުކާރުން އެހެން ބުނެފައި ވަނީ މިރޭ ކުއްލި ގޮތަކަށް ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްއެއްގަ އެވެ.
އެ ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ދައުލަތުގެ ބަންޑާރަ ނައިބު (އޭޖީ) މުހައްމަދު އަނިލް ވިދާޅުވީ ދިވެހި ދައުލަތުން ނިންމާ ކޮންމެ ނިންމުމެއް ވެސް ނިންމަނީ އަމިއްލަ ބާރުގައި މިނިވަންކަމާއެކުގައި ކަމަށެވެ.
"ރާއްޖެއިން ނިންމާ ކޮންމެ ނިންމުމަކީ ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް ދިވެހި ވަންތަކަމާއެކީގައި ނިންމާ މިނިވަން ނިންމުމެއް. އެއްވެސް ގައުމެއްގެ އެއްވެސް ފަރާތެއް ނުފޫޒެއް އޮވެގެންނެއް ނޫން،" ރާއްޖެއިން ގަތަރާ ގުޅުން ކަނޑާލީ އެއްވެސް ގައުމެއްގެ ނުފޫޒުން ކަމަށް ބުނާ ވާހަކަ ދޮގުކޮށް، އަނިލް މިރޭ ވިދާޅުވި އެވެ.
ރާއްޖެ އާއި ގަތަރާއެކު އޮތް ގުޅުން ކަނޑާލީ ޓެރަރިޒަމާއި ހައްދު ފަހަނަ އަޅައިދިއުމަށް މަގުފަހިވާ ހަރަކާތްތަކާ ދެކޮޅު ހެދުމުގެ ގޮތުންނެވެ. އަދި އެ ނިންމެވުން ނިންމެވީ މިއަދު ބޭއްވެވި ކެބިނެޓް ބައްދަލުވުމުގައި މަޝްވަރާ ކުރެއްވުމަށްފަހުއެވެ.
ޤަތަރާއެކު ސިޔާސީ ގުޅުން ކަނޑާލަން ދިވެހި ސަރުކާރުން މިއަދު ނިންމެވި ނަމަވެސް އެ ގައުމާއެކު އޮތް ވިޔަފާރީގެ ގުޅުމަކަށް ބަދަލެއް ގެނައުމަށް ނިންމާފައިނުވާ ކަމަށް ވެސް ސަރުކާރުން ބުނެފައިވެއެވެ.
އޭޖީ އަނިލް ވިދާޅުވީ، ސިޔާސީ ގުޅުން މެދުކަނޑާލަން ފިޔަވައި އިތުރު އެހެން ފިޔަވަޅެއް އެޅުމަށް މިވަގުތު ދިވެހި ސަރުކާރުން ނިންމާފައިނުވާ ކަމަށެވެ. އެހެންކަމުން ރާއްޖެއާ ގަތަރުގެ އެކިއެކި ވިޔަފާރި ކުންފުނިތަކާ ވިޔަފާރީގެ ގުޅުމަކަށް ބަދަލެއް އައިސްފައިނުވާކަމަށް ވިދާޅުވިއެވެ.
"މަޝްރޫއުތަކަށް އިގްތިސާދީ އެހީތަކަށް ބަދަލުތަކެއް އައިކަމެއް އަދި އެނގިފައެއްނެތް. ވުން އެކަށީގެންވާކަމެއް އެއީ ސިޔާސީ ގުޅުން ކަނޑާލުމާ ގުޅިގެން ތިފަދަ ފިޔަވަޅުތަކެއް ގަތަރުގެ ސަރުކާރުގެ ފަރާތްޕުޅުން އެޅުއްވުމަކީ،" ސިޔާސީ ގުޅުން ކަނޑާލުމުން ވިޔަފާރީގެ ބަދަލުތަކަށް އަސަރު ކޮށްފާނެތޯ އެހި ސުވާލަކަށް ޖަވާބު ދެއްވަމުން އަނިލް ވިދާޅުވިއެވެ.
ރާއްޖެއަކީ ގަތަރާ ގުޅުން ކަނޑާލަން ނިންމި ހަތް ވަނަ ގައުމެވެ. ރާއްޖެއިން ގަތަރާއެކު ގުޅުން ކަނޑާލިއިރު، އެ ގައުމާ މައްސަލަ ޖެހި، ސައުދީ އަރަބިއްޔާ އާއި ޔުނައިޓެޑް އެރެބް އެމިރޭޓްސް، ބަހްރައިން، މިސްރު، ޔަމަން އަދި ލީބިއާއިން ވެސް ވަނީ ގަތަރާއެކު ގުޅުން ކަނޑާލާފައެވެ.
މިރޭގެ ޕްރެސް ކޮންފަރެންސްގައި އަނިލް ވިދާޅުވީ، ދިވެހި ސަރުކާރަކީ ހައްދުފަހަނަ އެޅުމާއި ޓެރެރިޒަމްގެ އަމަލުތަކަށް ކެތްކުރާނެ ގައުމެއް ނޫން ކަމަށެވެ. އެއްވެސް ގައުމެއްގައި ޓެރަރިޒަމްގެ އަމަލެއް ދިނުމަށް އަދި އެކަމަށް ވާގިވެރިވާ ބަޔަކާ ގުޅުން ބޭއްވުމަކީ ވެސް ދިވެހި ސަރުކާރުން ތާއީދު ކުރާ ކަމެއް ނޫން ކަމަށެވެ.