ބޮލަގަރު އަދި ސޯޝަލް މީޑިއާ އެކްޓިވިސްޓު ޔާމިން ރަޝީދު މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުން އެ އަމަލު ހިންގިކަން ކަށަވަރު ކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ލިބިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ ޔާމީން މަރާލުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ އެންމެން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލާގައި ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

"މި ރަހުމުކުޑަ އަމަލު ހިންގުމުގައި ޝާމިލްވާ ކަމަށް ތުހުމަތުކުރެވޭ އެންމެން މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. މި ރަހުމްކުޑަ އަމަލު ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުން މިއަމަލު ހިންގިކަން ކަށަވަރުކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ލިބިފައިވާ ވާހަކަ ދަންނަވަމެވެ،" ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.

ޔާމީން ރަޝީދަށް ހަމަލާދީ، އޭނާ މަރާލާފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ ގޭގެ ސިޑި ކައިރިން، މިދިޔަ އޭޕްރިލް މަހުގެ 23 ވަނަ ދުވަހުގެ ދަންވަރުއެވެ. އަދި މިހާތަނަށް އެ މައްސަލާގައި ހަތް މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނުގައި ބުނީ، ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ތަހުގީގަށް ތަފާތު ގޮންޖެހުންތައް އެކިގޮތްގޮތުން ކުރިމަތިވަމުންދާ ކަމަށެވެ.

އެގޮތުން އެކިގޮތްގޮތުން ހާދިސާއާ ގުޅުންހުރި މައުލޫމާތުތައް ހިއްސާކުރުމާއި އެ މައްސަލައިގެ ތަހުގީގަށް ބައެއް ގާނޫނީ ވަކީލުންގެ ފަރާތުން ދިމާވަމުން ދިޔަ ހުރަސްތަކާއި ތަހުގީގުގެ ފޯކަސް ބަދަލުކުރުމަށް ބައެއް ފަރާތްތަކުން މަސައްކަތްކުރުމުގެ އިތުރުން ރާއްޖެ އާއި ރާއްޖެއިން ބޭރުން އެކިކަހަލަ ޕްރެޝަރުތައް ކުރިމަތިވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ޔާމީން ރަޝީދުގެ މަރުގެ މައްސަލަ އޭނާގެ އާއިލާގެ ފަރާތުން އދއަށް ހުށަހަޅާފައިވާ އިރު، ބައިނަލްއަގުވަމީ އެހެނިހެން ފަރާތްތަކަށް ޔާމީނުގެ މަރުގެ މައްސަލައާ ބެހޭ މައުލޫމާތު ވެސް ދަނީ ހިއްސާ ކުރަމުންނެވެ.

އެގޮތުން މެއި މަހުގެ މެދުތެރޭގައި ޔާމީން ރަޝީދުގެ ބައްޕަ ހުސެއިން ރަޝީދު ވަނީ އިންޑިއާގެ ނިއުދެއްލީގައި އިންސާނީ ހައްގުތަކާއި ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް މަސައްކަތްކުރާ މަދަނީ ޖަމިއްޔާތަކާ ބައްދަލުކޮށް އެ މައްސަލަ ހިއްސާ ކޮށްފައެވެ.

އަދި ދިވެހި ދައުލަތުގެ ފަރާތްތަކުން މިހާތަނަށް ކުރަމުން އައި ކަންކަމާއި، ފުލުހުން ކުރަމުން އަންނަ ތަހުގީގާ ގުޅޭ މައުލޫމާތު ދީ، ފުލުހުންގެ ތަހުގީގުތަކުގައި އިންޑިއާއިން ވެސް ބައިވެރިވެ، އެހީތެރިކަން ފޯރުކޮށްދިނުމަށް ޔާމީންގެ ބައްޕަ ވަނީ އެދިފައެވެ.