ކަނޑަށް އެޅޭ ޕްލާސްޓިކް ހުއްޓުވައި، ޕްލާސްޓިކް ބޭނުން ކުރާ މިންވަރު ދަށް ކުރުމަށް ގައުމީ ކެމްޕޭނެއް މިއަދު ފަށައިފި އެވެ.

"ކަނޑަށް އަޅާ ޕްލާސްޓިކް ހުއްޓުން - އުކާލާ ޕްލާސްޓިކް މަދުކުރުން" ގެ ނަމުގައި އެ ކެމްޕެއިން ލޯންޗުކޮށްދެއްވީ އެންވަޔަރަންމަންޓު މިނިސްޓަރު ތާރިގު އިބްރާހީމެވެ.

ސްޓެލްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ކެމްޕޭން ލޯންޗު ކުރުމުގެ ކުރިން މިނިސްޓަރު ވަނީ އެ ރަސްމިއްޔާތުގައި ބައިވެރިވި ސްކޫލް ދަރިވަރުންތަކަކަށް ޕްލާސްޓިކްގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުންތަކާ ބެހޭ ގޮތުން ޕްރެޒެންޓޭޝަނެއް ދެއްވާފައެވެ.

މިއަދުގެ ރަސްމިއްޔާތުގައި އެ ކެމްޕޭނާ ގުޅޭ ލޯގޯ ތައްޔާރު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ސްކޫލު ދަރިވަރުންނަށް ބައިވެރިވެވޭ އެ މުބާރާތުގައި ގްރޭޑް 10ން ދަށުގެ ހުރިހާ ދަރިވަރުންނަށް ވެސް ބައިވެރިވެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ތާރިގު ވިދާޅުވީ ސްކޫލު ކުދިން އެކަމުގައި ބައިވެރި ކުރުމުގެ މަގުސަދަކީ ކުރިއަށް އޮތް ޖީލުތަކުގައި ވެސް އެންމެ ބޮޑު މަސައްކަތެއް ކުރާނީ ކިޔަވާ ކުދިން ކަމަށް ވުމުން ކަމަށެވެ.

"މިކަމުގައި ސްކޫލު ކުދިން ބައިވެރިކުރުމުގެ މަގުސަދަކީ، ކުރިއަށް އޮތް ޖީލުތަކުގައި އެންމެ ބޮޑު މަސައްކަތެއް ކުރާނީ އަޅުގަނޑުމެންގެ މިއަދުގެ ކިޔަވާ ކުދިންނާ އަންނަން އޮތް ޖީލުތަކުގެ ކުދިންނަށް ވާތީ އެކުދިންގެ ހިޔާލާ އެކުދިން ލައްވައި މި މަސައްކަތް ކުރުމަކީ ރަނގަޅު ގޮތް ކަމުގައިވެސް ފެންނާތީވެ،" މިނިސްޓަރު ވިދާޅުވި އެވެ.

ޕްލާސްޓިކް މަދުކުރުމުގެ ކެމްޕެއިން ލޯންޗު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---

މިނިސްޓަރު ވިދާޅުވީ އެ ކެމްޕެއިންގެ ދަށުން ގިނަ ކަންތައްތަކެއް ކުރަމުންދާނެ ކަމަށާއި، ބޮޑު ކެމްޕޭނަކަށް ވުމުން ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާންޖެހޭނެ ކަމަށެވެ.

ޕްލާސްޓިކްގެ ތެރެއިން ޕްލާސްޓިކް ކޮތަޅަކީ ތިމާވެއްޓަށް ހުރި ބޮޑު ނުރައްކަލަކަށް ވުމުން، ޕްލާސްޓިކް ކޮތަޅުގެ އަލްޓަނޭޓިވް އަކީ ކޮބައިތޯ ބަލާނެ ކަމަށެވެ. އަދި މިހާރު ބޭނުން ކުރާ ފެންފުޅިތަކަކީ ބޮޑު އިޝޫ އެއް ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. ތަފާތު ސައިޒުތަކުގެ ފުޅި ހުންނަ އިރު އެތަނުން އެންމެ ރަނގަޅު ސައިޒަކީ ކޮބައިތޯ ވިސްނަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ފެން ފުޅިތަކަކީ ވަރަށް ބޮޑު އިޝޫ އެއް. ވަރަށް ބައިވަރު ސައިޒްތައް އެބަހުރި. ވިސްނަން ޖެހޭ އެންމެ ރަނގަޅު ސައިޒަކީ. މިކަމާ ބެހޭ ގޮތުން، ފުޅި އުފައްދާ ފަރާތްތަކާ އެކު މަޝްވަރާ ކުރުމަށް ވަނީ މަސއްކަތް ފަށްޓާފައި،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި ކުނި މެނޭޖްކުރުމަށް ވެމްކޯއިން ކުރަމުންދާ މަސައްކަތަށް ހުރިހާ ރައްޔިތުންވެސް އެއްބާރުލުން ދިނުމަށް އިލްތިމާސް ކުރެއްވިއެވެ.

މިއަދު ދުނިޔޭގައި ފާހަގަ ކުރާ ތިމާވެށީގެ ދުވަހު ގައުމީ ކެމްޕޭނެއް ފަށާފައިވާއިރު، މިއަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ޝިއާރުގެ ގޮތުގައި ކަނޑައަޅާފައި ވަނީ "ކަނެކްޓިން ޕީޕަލް ޓު ނޭޗާ" އެވެ.