14 Jul 2011, 07:51
ކާބުލް : އަފްޣާނިސްތާނުގެ އުތުރުގެ ކަބީސާ ޕްރޮވިންސްގައި ނޭޓޯ ސިފައިންނަށް އަމާޒުކޮށްދިން ޖާނުންފިދާވުމުގެ ޙަމަލާއެއްގައި ފަރަންސޭސި ސިފައިންގެ ފަސްމީހަކު މަރުވެއްޖެވެ.
ކަބީސާ ޕްރޮވިންސްގެ ލޯކަލް މަސްއޫލުވެރިއެއް ކަމަށްވާ ޢަބްދުލްޙަކީމް ވިދާޅުވިގޮތުގައި ޖާނުން ފިދާވުމުގެ މިޙަމަލާގައި ނޭޓޯ ސިފައިންގެ 5 މީހުން މަރުވި ކަމުގެ ޚަބަރުލިބިފައިވާ ކަމުގައެވެ.
އަފްޣާނިސްތާނުން ބޭރުގެ ބާރުތައް ފައްސާލުމަށް މަސައްކަތްކުރާ ތާލިބާން ޖަމާއަތުންވަނީ މިޙަމަލާ ދިނީ އެޖަމާއަތުގެ ހަނގުރާމަވެރިންކަމަށް އިޢްތިރާފް ވެފައެވެ. އަފްޣާނިސްތާނުގައި ހަނގުރާމަ ކުރަމުންގެންދާ ނޭޓޯގެ ބާރުތަކުންވަނީ ޖާނުން ފިދާވުމުގެ މި ހަމަލާގައި އެބާރުތަކަށް ނިސްބަތްވާ ބައެއް ސިފައިންނަށް ޖިސްމާނީ ގެއްލުން ތަކެއް ލިބުނު ކަމަށް އެއްބަސްވެ ތަފްސީލް ދިނުމަށް ފަސްޖެހިފައެވެ. ނަމަވެސް ފަރަންސޭސިވިލާތުގެ ދިފާޢީ ވުޒާރާއިންވަނީ ކަބީސާ ޕްރޮވިންސްގައި ދިން ޖާނުން ފިދާވުމުގެ ޙަމަލާގައި މަރާލެވިފައިވަނީ އެޤައުމުގެ ސިފައިންކަން ކަށަވަރު ކޮށްދީފައެވެ.
މިހަމަލާ ދީފައިވަނީ ނޭޓޯގެ ސިފައިން އަފްޣާނިސްތާނުން ބޭލުމުގެ ތާވަލުތައް އެޖަމާއަތަށް ނިސްބަތްވާ ޤައުމުތަކުން ހާމަކުރަމުން ގެންދާ ދުވަސްވަރެއްގައެވެ. -- އަލްޖަޒީރާ / ޖަވާދު