މާހިލް މުހައްމަދު އަދި ރުގިއްޔާ މުހައްމަދުު މޫސާ

ދިވެހި ސަރުކާރުންވެސް ޤަތަރާ އެކު ސިޔާސީ ގުޅުން ކަނޑާލައިފި އެވެ.އެކަން ދިވެހި ޚާރިޖިއްޔާއިން ހާމަކުރީ، އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައެވެ.

ދިވެހި ޚާރިޖިއްޔާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، ރާއްޖެއިން ގަތަރާ ގުޅުން ކަނޑައިލީ ޓެރަރިޒަމާއި ހައްދުފަހަނަ އަޅައިދިއުމަށް މަގުފަހިވާ ހަރަކާތްތަކާ ދެކޮޅު ހެދުމުގެ ގޮތުންނެވެ.

"ދިވެހިރާއްޖެއިން އަބަދުވެސް ގެންދަނީ މެދުއިރުމަތީގައި ސުލްހަ މަސަލަސްކަން ގާއިމުކުރުވަނިވި ސިޔާސަތެއް ގެންގުޅެމުން. ޓެރަރިޒަމާ ދެކޮޅަށް އެކުގައި މަސައްކަތް ކުރާ، ސުލްހަ މަސަލަސްކަން ކުރިއަރުވާ ގައުމުތަކާ އެކުގައި މަސައްކަތް ކުރުމަށް ދިވެހިރާއްޖެ އޮތީ ތައްޔާރަށް،" އެ ބަޔާނުގައި ވެއެވެ.

ރާއްޖެއާ ޤަތަރުގެ ގުޅުން

ރާއްޖެއާއި ގަތަރާ ދެމެދު ޚާރިޖީ އަދި ސިޔާސީ ގުޅުން ގާއިމުކުރީ 1984 ވަނަ އަހަރުގެ މެއި މަހުގެ 26 ވަނަ ދުވަހު، ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރުގައެވެ. ގަތަރަކީ ރާއްޖެއަށް ބޮޑެތި އެހީތަކެއް ފޯރުކޮށްދޭ، އަދި ބޮޑެތި އިންވެސްޓްމެންޓްތަކެއް ވެސް ގެނެސްފައިވާ ގައުމެކެވެ.

ރާއްޖޭގައި ހުރި އެންމެ ފާހަގަ ކޮށްލެވޭ ގަތަރުގެ އިންވެސްޓްމެންޓަކީ، 2004 ވަނަ އަހަރުގ ގަތަރުގެ ކިއުޓެލް އިންވެސްޓްމެންޓްސްއިން ރާއްޖޭގައި ޓެލެކޮމް ޚިދުމަތް ދިނުމަށް އުފެއްދި ވަތަނިއްޔާ ޓެލެކޮމް މޯލްޑިވްސް، އަދި މިހާރުގެ އުރީދޫ މޯލްޑިވްސްއެވެ.

އުރީދޫ ގްރޫޕުގެ ޗެއާމަން އަދި ގަތަރު އިންވެސްޓްމެންޓްސް އޮތޯރިޓީގެ ސީއީއޯ އަބްދުﷲ ބިން މުހައްމަދު ބިން ސައުދު އަލް ޘާނީ، ނައިބު ރައީސް ޖިހާދުއާ ބައްދަލު ކުރައްވަނީ --- ފޮޓޯ/ ރައީސް އޮފީސް

ގަތަރުގެ ގައުމީ އެއާލައިން، ގަތަރު އެއާވޭސްއިން ވެސް ރާއްޖެއަށް ދަތުރު ކުރެއެވެ.

މީގެ އިތުރުން ހުޅުމާލޭގައި ގަތަރުގެ ފަރާތުން ދުނިޔޭގެ ފެންވަރުގެ ސްޓޭޑިއަމެއް ވެސް ް މިދިޔަ އަހަރުގެ ތެރޭގައި ވަނީ ދީފައެވެ.

މިދިޔަ މަހު ސައުދީ އަރަބިއްޔާގެ ރިޔާދުގައި އޮތް އަރަބި-އިސްލާމިކް-އެމެރިކަން ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބައިވެރިވެވަޑައިގެންނެވި އިރު، އެ ބައްދަލުވުމުގެ ހަވާސާގައި އެމަނިކުފާނު ވަނީ ގަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދު އަލް ޘާނީއާ ބައްދަލު ވެސް ކުރައްވައިފައެވެ.

އަރަބި ގައުމުތަކަކުން މިއަދު ގަތަރާ ގުޅުން ކަނޑާލި

ރާއްޖެއިން ގަތަރާ އެކު ގުޅުން ކަނޑާލީ، އެ ގައުމާ މައްސަލަ ޖެހި، ސައުދީ އަރަބިއްޔާއިން ވެސް މިއަދު އެގައުމާ އެކު ގުޅުން ކަނޑާލާފައި ވަނިކޮށެވެ. ސައުދީއާ އެކު، ޔުނައިޓެޑް އެރެބް އެމިރޭޓްސް، ބަހްރައިން، މިސްރު، ޔަމަން އަދި ލީބިއާއިން ވެސް ގަތަރާ ގުޅުން ކަނޑާލިއެވެ.

ސައުދީ އަރަބިއްޔާއިން ވަނީ އެހެން ގައުމުތަކުން ވެސް ގަތަރާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.

ސައުދީ އާއި ގަތަރާ ދެމެދު މައްސަލަ ޖެހުނީ، އެމެރިކާގެ ރައީސް ޓްރަމްޕްގެ ސަރުކަރާ ގަތަރާ ދެމެދު މައްސަލަތަކެއް އޮތް ކަމަށާއި، އިރާނަކީ "އިސްލާމީ ބާރެއް" ކަމަށް ގަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދު އަލް ޘާނީ މިދިޔަ ހަފްތާގައި ވިދާޅުވެފައި ވަނިކޮށެވެ.

ޝައިޚް ތަމީމް އިތުރަށް ވިދާޅުވީ ގަތަރާ އިސްރާއީލާ އޮތް ގުޅުން ރަނގަޅު ކަމަށާއި، ފަލަސްތީނުގެ ރައްޔިތުން ތަމްސީލުކުރާ ރަސްމީ ފަރާތަކީ އެ ގައުމުގެ ހަމާސް ޖަމާއަތް ކަމަށެވެ. ހަމާސްއަކީ އިސްރާއީލާއި އެމެރިކާ އަދި ވިލާތުގެ އިއްތިހާދުން ވެސް ޓެރަރިސްޓް ޖަމާޢަތެއްގެ ގޮތުގައި ކަނޑައަޅަފައިވާ ޖަމާއަތެކެވެ.

ގަތަރުން ހިތާމަކުރޭ، ފްލައިޓުތައް ވެސް ކެންސަލް

ސައުދީ އަރަބިއާއިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ގަތަރުން ޓެރަރިސްޓުންނާއި ވަކިވެގަނެގެން އުޅޭ ޖަމާއަތްތަކަށް ހިމާޔަތް ދޭ ކަމަށް ތުހުމަތުކޮށްފައެވެ. ސައުދީން ބުނީ ގަތަރާ ގުޅުން ކަނޑާލީ ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށެވެ.

ގަތަރުން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ. ގަތަރުން ބުނި ގޮތުގައި އެފިޔަވަޅު އެޅުމުގެ އަމާޒަކީ އެގައުމުތަކުން ގަތަރު ކޮންޓްރޯލް ކުރަން މަސައްކަތް ކުރުމެވެ.

ސައުދީން ގަތަރާ އޮތް ގުޅުން ކަނޑާލުމާއެކު ގަތަރުން ވަނީ، ޔަމަނުގައި ކުރިއަށްދާ ހަނގުރާމައިގައި ގަތަރުގެ ފައުޖުތައް ބައިވެރިކުރުން ހުއްޓާލައިފި ކަމަށް ބުނެފައެވެ.

ޔޫއޭއީގެ އިއްތިހާދު އެއާވޭސްއިން ވަނީ އެއެއާލައިނުން ދެގައުމުގެ މެދުގައި ކުރާ ދަތުރުތައް މާދަމާއިން ފެށިގެން ހުއްޓާލާނެ ކަމަށް ބުނެފައެވެ. އަދި ދުބާއީގެ އެމިރޭޓްސްއާއި ފްލައިދުބާއީންވެސް ވަނީ އެފަދައިން އަމަލު ކުރާނެ ކަމަށް ބުނެފައެވެ.

ބަހްރެއިން އާއި މިސްރުންވެސް ވަނީ ގަތަރާ ދެމެދު އޮތް ކަނޑާއި ވައިގެ ދަތުރުތައް ހުއްޓާލައިފައެވެ. އެ ތިން ގައުމުން ވަނީ ގަތަރުގެ ރައްޔިތުން އެގައުމުތަކުން ފޭބުމަށް ދެ ހަފްތާގެ މުހުލަތެއް ދީފައެވެ. އަދި ބަހްރެއިން އާއި ޔޫއޭއީން ވަނީ އެގައުމުތަކުގައި ތިބި ގަތަރުގެ ޑިޕްލޮމެޓުން ގައުމުން ފޭބުމަށް 48 ގަޑި އިރުގެ މުހުލަތެއް ދީފައެވެ.

ސައުދީއާ މައްސަލަ ޖެހުމުން އިރާންއާ ވެސް ގުޅުން ކަނޑާލި

މިދިޔަ އަހަރުގެ ތެރޭގައި ސައުދީގެ ޝީޢީ އިލްމުވެރިޔާ ނިމްރު ބާގިރު އަލް ނިމްރުގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރުމާ ގުޅިގެން ސައުދީއާ އިރާންއާ ދެމެދު ވަރަށް ބޮޑަށް މައްސަލަ ހޫނުވެގެން ދިޔައެވެ. އެކަމާ ގުޅިގެން އިރާނުގައި ހުންނަ ސައުދީ އެމްބަސީއަށް ހަމަލާ ދިނުމުގެ ހަރަކާތްތަކެއް ހިނގުމުގެ ސަބަބުން، މިއަހަރުގެ ޖެނުއަރީ ތިންވަނަ ދުވަހު ސައުދީއިން އިރާންއާ އޮތް ގުޅުން ކަނޑާލިއެވެ. އަދި ސައުދީއަށް ވާގިވެރިވާ ބައެއް ގައުމުތައް ކަމުގައިވާ ސޫދާން އަދި ބަހްރައިންއިން ވެސް އިރާންއާ ގުޅުން ކަނޑާލިއެވެ.

ރާއްޖެއިން އިރާނާ އެކު އޮތް ސިޔާސީ ގުޅުން ކަނޑާލީ މެއި 17 ވަނަ ދުވަހުއެވެ. އެހެން ނަމަވެސް އޭރުގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވީ، ރާއްޖޭގެ އެ ނިންމުމުގައި ކަމަށެވެ.