05 Jun 2017, 15:19
ޗެލްސީގެ ބެލްޖިއަމް މިޑްފީލްޑަރު އެޑެން ހަޒާޑްގެ ތަނބިކަށްޓަށް ލިބުނު އަނިޔާއަކާ ގުޅިގެން މަދުވެގެން ހަ ހަފްތާއަށް ކުޅުމާ ދުރަށްދާން ޖެހިއްޖެ އެވެ.
ބެލްޖިއަމް ފުޓްބޯލް އެސޯސިއޭޝަނުން ބުނީ، ހަޒާޑަށް އަނިޔާވީ ގައުމީ ޓީމާ އެކު ފަރިތަކުރުންތަކެއް ކުރިއަށް ގެންދަނިކޮށް ފައިފުރޮޅިގެން ކަމަށެވެ.
ސްކޭންތަކުން ދައްކާ ގޮތުގައި ހަޒާޑްގެ ކަނާތު ފައިގެ ތަނބިކަށީގައި ރެނދެއް ލާފައިވާކަމަށް ބެލްޖިއަމްގެ ފުޓްބޯލް އެސޯސިއޭޝަނުން ކޮށްފައިވާ ޓްވީޓެއްގައިވެ އެވެ.
ތަނބިކަަށްޓަށް ލިބުނު އަނިޔާއާ ގުޅިގެން އުމުރުން 26 އަހަރުގެ ހަޒާޑަށް މިރޭ ޗެކްރިޕަބްލިކާ ދެކޮޅަށް ބެލްޖިއަމް ކުޅޭ ރަހްމަތްތެރިކަމުގެ މެޗުގައި ނުކުޅެވޭނެ އެވެ. އަދި މީގެ އިތުރުން، މިމަހުގެ ނުވަ ވަނަ ދުވަހު އެސްޓޯނިއާ އާ ދެކޮޅަށް ބެލްޖިއަމް ކުޅޭން ހަމަޖެހިފައިވާ ވޯލްޑް ކަޕް ކޮލިފައިން މެޗުގައި ވެސް ހަޒާޑަށް ނުކުޅެވޭނެ އެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރުގައި ބެލްޖިއަމުން އެސްޓޯނިއާ އާ ދެކޮޅަށް ކުޅުނު މެޗުން އެޓީމު ވަނީ 8-1 ލަނޑުން މޮޅުވެފަ އެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި ބެލްޖިއަމް ހިމެނޭ ގްރޫޕް "އެޗް"ގައި އެޓީމު މިވަގުތު އޮތީ، ފަސް މެޗުން 13 ޕޮއިންޓް ހޯދައިގެން ގްރޫޕްގެ އެއް ވަނަައިގަ އެވެ. އަދި ދެޕޮއިންޓުގެ ފަރަގާ އެކު ގްރޫޕްގެ ދެވަނައިގައި ގްރީސް އޮތްއިރު، އެ ގްރޫޕްގެ ތިންވަނައިގައި އޮތް ބޮޒްނިއާ-ހެޒްގޮވިނާއަށް ލިބިފައިވަނީ 10 ޕޮއިންޓެވެ.
ހަޒާޑަށް އަނިޔާވުމާ ގުޅިގެން އެންޓޯނިއޯ ކޮންޓޭގެ ޓީމަށް ވެސް ވަރަށް ބޮޑު ގެއްލުމެއް ލިބޭނެ އެވެ. އެގޮތުން، ސިންގަޕޫރުގައި ޖުލައި 22-29އަށް ކުރިއަށް ގެންދާ ޕްރިސީޒަން މެޗުތަކުގައި އާސެނަލް، ބަޔާން މިއުނިކް އަދި އިންޓަ މިލާނަށް ދެކޮޅަށް ކުޅޭން ހަމަޖެހިފައިވާ އިރު، އޯގަސްޓް 6ގައި އާސެނަލާ ދެކޮޅަށް ޗެލްސީ ކުޅޭ ކޮމިއުނިޓީ ޝީލްޑް މެޗުގައި ވެސް އޭނާއަށް ނުކުޅެވޭނެ އެވެ.