05 Jun 2017, 14:34
އަނިޔާވެރިކޮށް މަރާލާފައި އޮއްވައި ފެނުނު ބްލޮގާ އަދި ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދަށް އިންސާފު ހޯދުމަށް ޓަކައި ކުރާ މަސައްކަތަށް ހެޔޮ އެދޭ ފަރާތްތަކުން 11،800 އަށް ވުރެ ގިނަ ޕައުންޑްގެ ފައިސާގެ އެހީ ދީފި އެވެ.
ޔާމީންގެ އާއިލާއާއި ރަހުމަތްތެރިންގެ ފަރާތުން ވަނީ، އޭނާއަށް އިންސާފު ހޯދުމުގެ މަސައްކަތް ކުރުމަށް ހެޔޮ އެދޭ ފަރާތްތަކުގެ ކިބައިން އެހީ ހޯދުމުގެ ހަރަކާތެއް އިންޓަނެޓުގައި ފަށައިފައެވެ. އެގޮތުން،ކްރައުޑް ފަންޑްކޮށްގެން 40،000 ޕައުންޑް (793،347 ރުފިޔާ) ހޯދުމަށް އާއިލާއިން އަމާޒު ކުރި އެވެ.
ކްރައުޑް ފަންޑިންގްގެ ހަރަކާތްތައް މިއަދު ހަވީރު ނިމޭ އިރު، މިހާތަނަށް އެކަމަށް ލިބިފައި ވަނީ 11,822 ޕައުންޑް (234,501 ރުފިޔާ)އެވެ.
ޔާމީން ރަޝީދުގެ އާއިލާއިން މިއަދު ވަނީ، އޭނާ އަށް އިންސާފު ހޯދައިދިނުމަށް ކުރާ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދިން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފަ އެވެ.
އާއިލާއިން ބުނި ގޮތުގައި، ފައިސާގެ އެހީތެރިކަން ފޯރުކުރުމުގެ ފުރުސަތު އަދިވެސް އެބަ އޮތެވެ. އަދި އޮންލައިންކޮށް ނޫން ގޮތަށް އެހީތެރިކަން ފޯރުކުރުމަށް އާއިލާއަށް ވަކިން ގުޅައިގެން ވެސް ކުރިޔަށް ގެންދެވޭނެ ކަމަށް އާއިލާއިން ބުންޏެވެ.
ޔާމީން ރަޝީދުގެ މަރުގެ މައްސަލަ އޭނާގެ އާއިލާގެ ފަރާތުން އދ.އަށް ހުށަހަޅާފައިވާ އިރު، ބައިނަލްއަގުވަމީ އެހެނިހެން ފަރާތްތަކަށް ޔާމީނުގެ މަރުގެ މައްސަލައާ ބެހޭ މައުލޫމާތު ވެސް ދަނީ ހިއްސާ ކުރަމުންނެވެ. އެ އާއިލާއިން ހެޔޮ އެދޭ ފަރާތްތަކުން ފައިސާގެ އެހީ ހޯދަމުން ދަނީ އެ މަސައްކަތްތަކަށް ޚަރަދުތަކެއް ހިނގާތީ އެވެ.
ޔާމީންގެ މަރުގެ މައްސަލާގައި މިހާތަނަށް ހަތް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނާ އިރު، އޭގެ ތެރޭގައި ޔާމީނަށް ހަމަލާ ދިނުމުގައި އަމަލީގޮތުން ބައިވެރިވި ފުލުހުން ބުނެ އެވެ. ނަމަވެސް އެއީ ކޮން ބައެއް ކަމެއް ފުލުހުން ނުބުނެ އެވެ.