ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭގެ) ގާނޫނަށް ގެނައި އިސްލާހާ އެކު އަލުން އެ އޮތޯރިޓީގެ ބޯޑު އެކުލަވާލުމަށް ތިން މެމްބަރެއްގެ ނަން ރައީސް އަބްދުﷲ ޔާމީން މަޖިލީހަށް ފޮނުއްވައިފި އެވެ.

މީގެ ކުރިން އެލްޖީއޭގެ ބޯޑުގައި ތިމެންޖެހޭނެ ކަމަށް ގާނޫނުގައި ބުނެފައި ވަނީ ނުވަ މެމްބަރުންނެވެ. ނަމަވެސް ގާނޫނަށް ގެނައި ބަދަލާ އެކު އެ އަދަދު ވަނީ ފަސް މެމްބަރުންނަށް މަދުވެފަ އެވެ.

ރައީސް ޔާމީން ސޮއިކުރައްވާ މިއަދު މަޖިލީހަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ މިހާރު ނަން ހުށަހަޅާފައި ވަނީ އެލްޖީއޭގެ ބޯޑު އެކުލަވާލުމަށް ޓަކައި އާންމުކޮށް އިއުލާނު ކުރުމުން އެކަމަށް އިޖާބަދެއްވި ބޭފުޅުންގެ ތެރެއިން ތިން ބޭފުޅެއްގެ ނަން ކަމަށެވެ.

ރައީސް ޔާމީން މަޖިލީހަށް ފޮނުއްވި ނަންތައް

  • މިންނާ ރަޝީދު، ހަތިކޮޅު/ ފ. ނިލަދޫ - ޖެންޑާ އިކުއަލިޓީގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ އަންހެން މެމްބަރެއް
  • އަހުމަދު ހަސަން، ފަރުދާބަގީޗާގެ/ ސ. ހިތަދޫ - މަދަނީ ޖަމިއްޔާއެއް މެމްބަރެއް
  • އާމިރު އަލީ، ހެޕީކޯނަރ/ގއ. ކަނޑުހުޅުދޫ - ޕަބްލިކް އެޑްމިނިސްޓްރޭޝަން ދާއިރާއިން ތަޖުރިބާ ލިބިފައިވާ މެމްބަރެއް

އެ ނަންތައް މަޖިލީހަށް ފޮނުވުމާ އެކު މިއަދު ވަނީ ކޮމިޓީ މަރުހަލާއަށް ފޮނުވާފަ އެވެ.

އެލްޖީއޭގެ ބޯޑަށް މެމްބަރުން އައްޔަން ކުރާނީ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަމަށް ގާނޫނުގައި ވަނީ ބުނެފަ އެވެ.

އެ ބޯޑަށް އައްޔަން ކުރާ މެމްބަރުނަކީ މަޖިލީހުން ފާސްކޮށްގެން، މަޖިލީހުގެ ރުހުން ލިބިފައިވާ ބަޔަކަށް ވާންޖެހޭނެ އެވެ. މަޖިލީހުން ފާސްކުރާ ނަންތަކަކީ ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުވާ ނަންތަކަށް ވާން ޖެހޭ ކަމަށް ވެސް އިސްލާހުގައި ބުނެފައިވެ އެވެ.

މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ފޮނުވާ ނަންތަކަކީ އެލްޖީއޭގެ ބޯޑަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާއަށް ފެންނިވަޑައިގަންނަވާ ނަންތަކަކަށް ވާން ޖެހެ އެވެ. އެ މަގާމަށް ކުރިމަތިލާ ހުރިހާ ފަރާތްތަކެއްގެ ނަންތައް މަޖިލީހަށް ފޮނުވުމަށް އެ އިސްލާހުގައި ރައީސުލްޖުމްހޫރިއްޔާއަށް ލާޒިމުކޮށްފައެއް ނުވެ އެވެ.

އަލަށް އައްޔަން ކުރާ ބޯޑުގެ މުއްދަތެއް ކަމުގައި ކަނޑައަޅާފައި ވަނީ ފަސް އަހަރު ދުވަހެވެ.

އެލްޖީއޭއަކީ ކައުސިލުތަކުގެ މަސައްކަތް ހިނގާ ނުހިނގާގޮތާއި ކައުސިލްތަކުގެ ހަމަތަކާއި އުސޫލުތައް ބެލުމަށް ކަނޑައަޅާފައިވާ މުއައްސަސާއެކެވެ.