05 Jun 2017, 14:31
ސްރީލަންކާ އަށް ބޯކޮށް ވާރޭ ވެހި، ފެންބޮޑުވުމާއި ކިސަޑު ފޭބުމުގެ ހާދިސާތަކާ ގުޅިގެން އެގައުމުގެ ސަރުކާރަށް ފޯރުކޮށްދިނީ 25،000 ޑޮލަރުގެ މާލީ އެހީކަމަށް އެގައުމުގެ ސަރުކާރުން ހާމަކޮށްފި އެވެ.
ސްރީލަންކާގެ ސަރުކާރުގެ ރަސްމީ މީޑިއާ ޕޯޓަލް "ނިއުސް ޑޮޓް އެލްކޭ"އިން ބުނި ގޮތުގައި، ރާއްޖެ އިން ލަންކާއަށް ފޯރުކޮށްދިނީ 25،000 ޑޮލަރުގެ އެހީ އެވެ. އެއީ ގާތްގަނޑަކަށް 385،000 ރުފިޔާ އެވެ.
ރާއްޖެ އިން ލަންކާއަށް ވެދިން އެހީއަށް ސްރީލަންކާގެ ސަރުކާރާއި، އެގައުމުގެ ރައީސް ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.
ސްރީލަންކާ ހާލުގައި ޖެހި، ބައިނަލްއަގުވާމީ މުޖުތަމައުގެ އެހީތެރިކަމަށް އެދުނު ދަނޑިވަޅުގައި ދުނިޔޭގެ ގިނަ ގައުމުތަކަކުން އެގައުމަށް މާލީ އަދި އެހެނިހެން ދާއިރާތަކުން ވެސް އެހީތެރިކަން ފޯރުކޮށްދިނެވެ.
ރާއްޖެ އިން ސްރީލަންކާއަށް އެހީތެރިކަން ފޯރުކޮށްދިނީ މިދިޔަ ހަފުތާގަ އެވެ. ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި ލަންކާއަށް، އެހީއައިގެން ވަޑައިގެންނެވީ ޚާރިޖީ ވަޒީރު ޑރ. މުހައްމަދު އާސިމް އެވެ.
ޑރ. އާސިމް މިދިޔަ ބުދަ ދުވަހު ވަނީ، ރާއްޖެ އިން ފޯރުކޮށްދޭ ފައިސާގެ އެހީ، ލަންކާގެ ފޮރިން މިނިސްޓަރު ރަވީ ކަރުނާނާޔަކައާ ހަވާލުކުރައްވައިފަ އެވެ. އެހެން ނަމަވެސް އެއީ ކިހާ އަދަދެއްކަން ސަރުކާރުން ހާމައެއް ނުކުރެ އެވެ.
ފޮރިން މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރު ހީނާ ވަލީދު "ސަން"އަށް ވިދާޅުވީ، ސްރީލަންކާއަށް ފޯރުކޮށްދިން އެހީގެ މައުލޫމާތު ފޯރުކޮށްދޭނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަމަށެވެ. އެކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ "ސަން"އަށް މިއަދު ވިދާޅުވީ ޚާރިޖިއްޔާ އިން ކުރާ ކަންކަމުގެ މައުލޫމާތު ހާމަކުރާނީ ޚާރިޖިއްޔާއިން ކަމަށެވެ.
ސްރީލަންކާއަށް ކުރި ވިއްސާރާގައި އެންމެ ބޮޑަށް ގެއްލުންވީ ހުޅަނގު ޕްރޮވިންސާއި، ދެކުނު ޕްރޮވިންސްގެ އިތުރުން ސަބަރަގަމުވަ ޕްރޮވިންސަށެވެ. އޭގެ ތެރޭގައި ހިމެނެނީ ކޮލޮމްބޯ ޑިސްޓްރިކްޓްގެ އިތުރުން ގަމްޕަހަ، ކެގޯލް، ކަލުތަރަ، ރަތުނަޕޫރަ، ގޯލް އަދި މާތަރަ ޑިސްޓްރިކްޓް ހިމެނޭ ގޮތުން 15 ޑިސްޓްރިކްޓެއްގައި ފެން ބޮޑުވެ، 208 އެއްހާ މީހުން ވަނީ މަރުވެފަ އެވެ.
އެ ހާދިސާތަކުގައި 78 މީހަކު ގެއްލިފައިވާ އިރު، ގާތްގަނޑަކަށް ހަތް ލައްކަ ރައްޔިތުން ވަނީ ގެދޮރު ގެއްލި، ހާލުގައި ޖެހިފަ އެވެ.
ދިވެހިރާއްޖޭގެ އިތުރުން 15 ގައުމަކުން ލަންކާއަށް ވަނީ މާލީ އަދި އެހެނިހެން އެހީ ފޯރުކޮށްދީފަ އެވެ. އޭގެ ތެރޭގައި ޗައިނާޢިން 2.2 މިލިޔަން ޑޮލަރު، އެމެރިކާ އިން 2.3 މިލިޔަން ޑޮލަރު، އޮސްޓްރޭލިއާ އިން 500،000 ޑޮލަރު ދީފައިވެ އެވެ. މީގެ އިތުރުން އިންޑިއާ، ޕާކިސްތާން އަދި އިސްރާއީލުން ލަންކާއަށް ބޭހާއި އެހެނިހެން ތަކެތި އެހީގެ ގޮތުގައި ފޯރުކޮށްދިނެވެ.