މުންބާއި : އިންޑިޔާގެ މުންބާއިގެ މީހުން ތޮއްޖެހިފައިވާ ތިން ސަރަޙައްދެއްގައި އިއްޔެ ހަވީރު ބާރުގަދަ އެއްޗެހިތަކެއް ގޮއްވާލުމުގެ ސަބަބުން 20 މީހަކު މަރުވެ 113 މީހަކު ޒަޚަމްވެއްޖެއެވެ.

އިންޑިޔާގެ ދާޚިލީ ވަޒީރު އާރުކޭ ސިންގ ވިދާޅުވިގޮތުގައި މިއީ ވަރަށް ބޮޑަށް ރާވައިގެން މުންބާއިއަށް ބަޔަކު ދިން ޓެރަރިސްޓް ޙަމަލާތަކެކެވެ. އިންޑިޔާގެ ސަލާމަތީ ފަރާތްތަކަށް ރޭކާވެސްނުލާގޮތަށް މިޙަމަލާތައް ދިނުމުން މުޅިއިންޑިޔާއަށް ވަނީ ސިހުން ލިބިފައެވެ. އަދި ޓެރަރިސްޓު ޙަމަލާތަކުން ޤައުމު ޙިމާޔަތް ކުރުމުގައި އިންޑިޔާގެ ޖާސޫސީ އިދާރާއާއި ސަލާމަތީ ބާރުތަކުގެ ޤާބިލްކަމާމެދު އަނެއްކާވެސްވަނީ ސުވާލު ތަކެއް އުފެދިފައެވެ.
މިޙަމަލާތަކާ ގުޅިގެން އިންޑިޔާގެ ކަންކޮޅުތަކުގައިވާ އެޤައުމުގެ އެތެރޭގެ އަމްނާބެހޭ ނެޝަނަލް ސެކިއުރިޓީ ގާޑުންގެ ފައުޖުތައް ކުއްލި ޙާލަތަށް ގެނެވިފައިވާ ކަމަށް ދާޚިލީ ވަޒީރު ވިދާޅުވިއެވެ.

މުންބާއިގައި މިގޮއްވުންތައް ގޮއްވާލި ތިން ސަރަޙައްދުގެ ތެރޭގައި ހިމެނެނީ މެދުފަންތީގެ މީހުން ދިރިއުޅޭ ރެސިޑެންޝަލް އެޭރިޔާއަކާއި ހޯލްސޭލްކޮށް ރަންވިއްކާ ބާޒާރަކާއި ގަހަނާއާއި ޖަވާހިރު ވިއްކާ ޢިމާރާތެއް ކަމަށް ޚަބަރު ލިބެއެވެ. މިޙަމަލާތަކުގެ ފަހަތުގައި ބޭރުޤައުމެއްގެ އަތެއްވާ ކަމަށް ޝައްކު ކުރެވޭ ކަމަށް އިންޑިޔާ ސަރުކާރުން ބުނެއެވެ.

2008 ވަނަ އަހަރު މުންބާއިގެ އޮޕެރާ ހައުސް ހޮޓަލަށް ހަތިޔާރުއެޅި ބަޔަކު ދިން ޙަމަލާތަކެއްގައި 166 މީހަކު މަރުވެ އެތަށް ބަޔަކު ޒަޚަމްވެފައިވެއެވެ. -- ނޫސްއެޖެންސީތައް / ޖަވާދު