ކަނޑުތަކުގައި ޕްލާސްޓިކް ގިނަވެ މަސްމަހާއި ދޫނިތަކަށް އޭގެ އަސަރުކޮށް އިންސާނުންގެ ސިއްހަތަށް އޭގެ ނޭދެވޭ އަސަރު ކުރަމުން އަންނަ ކަމަށް އެންވަޔަރަންމެންޓް މިނިސްޓަރު ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ތިމާވެށީގެ ދުވަހާ ގުޅިގެން މިނިސްޓަރު ޠާރިޤު ވިދާޅުވީ، އުކާލެވޭ ޕްލާސްޓިކުތަކުން ކަނޑުތައް ދުވަހެއް ދުވަހަކަށް ގޮނޑުވަމުން އަންނަ ކަމަށެވެ. އެކަމުގެ ނޭދެވޭ އަސަރުތައް ކަނޑުގެ ދިރުންތަކާއި ކަނޑުމަތީގެ ދޫނިތަކަށް ސީދާ ގޮތުން ކުރާއިރު، އިންސާނުންގެ ދުޅަހެޔޮކަމާއި ސިއްހަތަށް ވެސް އޭގެ ނޭދެވޭ އަސަރު ކުރުމުގެ އިތުރުން ފަތުރުވެރިކަމާއި މަސްވެރިކަމަށް ވެސް އޭގެ ނޭދެވޭ އަސަރުތަކެއް ކުރަމުން އަންނަ ކަމަށެވެ.

"އުފައްދާ ކުނީގެ އަދަދު އިތުރުވެފާވާއިރު، ހިތާމައަކީ މި ކުނިތަކުގެ އާހިރު މަންޒިލަކަށް ކަނޑުތައް ވެފައިވާކަން. ނެތިދާން އެތައް ޒަމާނެއް ނަގާ ކުންޏާއި ސީދާގޮތުން ނޭދެވޭ އަސަރުކުރަނިވި ނުރައްކާތެރި ކުނިބުނިތަކުން މިއަދު މިވަނީ އަޅުގަނޑުމެންގެ ނާޒުކު ފަރުތަކާއި ކަނޑުތައް ތަގައްޔަރުވެފައި،" މިނިސްޓަރު ވިދާޅުވިއެވެ.

ކުނި އުކާލަން ހާއްސަ ކޮއްގެން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ގެނައި ވެހިކަލްތައް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން މިނިސްޓަރު ތޯރިގް---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ގުދުރަތީ ނިޒާމްތަކަކީ އެއްނިޒާމާ އަނެއް ނިޒާމު ގުޅި ލާމެހިފައިވާ ކަންކަންކަމަށްވާއިރު މޫސަމަށް އަންނަމުން މިދާ ބަދަލުތަކާއި، މަސްވެރިކަމަށް އަންނަމުން މިދާބަދަލުތަކާއި، ވައި ތަގައްޔަރު ވުމަކީ އެފަދަ ބައެއް ކަންކަން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެ ހުރިހާ ކަމަކީ އިންސާނުންގެ ދުޅަހެއުކަމާ ސީދާގޮތުން ގުޅިފައިވާ ކަންކަންކަމަށްވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވައިފައެވެ.

މިއަދުގެ އިޖްތިމާއީ އަދި އުމްރާނީ ވެށި ބިނާވެފައިވާ ގޮތުން ތިމާވެށީގެ ޤުދުރަތީ ނިޢުމަތުން ދުނިޔޭގެ އެތައް ބަޔަކު މަހުރޫމްވެފައި ވާކަމީ ޤަބޫލު ކުރަންޖެހިފައިވާ ހަގީގަތެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"ގުދުރަތީ ވެއްޓާ އަޅުގަނޑުމެން މިއަދު ބީރައްޓެހިވެފައިވާ ވުމަކީ، ތިމާވެށި ހިމާޔަތް ކުރުމަށް އެޅިފައިވާ ވަރަށް ބޮޑު ހުރަހެއް،" މިނިސްޓަރު ވިދާޅުވިއެވެ.

މިއަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ޝިއާރުގެ ގޮތުގައި ކަނޑައެޅިފައިވަނީ "ކަނެކްޓިންގ ޕީޕަލް ޓު ނޭޗަރ" އެވެ.