ދިއްލީ (ޖޫން 5): އިންޑިއާގެ އުއްތަރަ ޕްރަދޭޝްގެ ބަރީލީގައި ބަހަކާއި ޓްރަކެއް ޖެހިގެން ހިނގި ހާދިސާއެއްގައި 22 މީހަކު މަރުވެ، 19 މީހަކަށް އަނިޔާވެއްޖެ އެވެ.

މަންޒަރު ދުށް ފަރާތްތަކުން ބުނި ގޮތުގައި ދެ އުޅަނދު ޖެހުނު އިރު ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ބަސް ދުއްވަމުން ދިޔައީ އެމަގުން ދުއްވަން ޖެހޭ ކޮޅު ނޫން އަނެއް ކޮޅަށެވެ. އަދި ދެ އުޅަނދު ޖެހުމާ އެކު ބަހުގައި ރޯވި ކަމަށް މަންޒަރު ދުށް ފަރާތްތަކުން ބުންޏެވެ.

އިންޑިއާގެ ނޫސްތަކުގައިވާ ގޮތުން ހާދިސާ ހިނގި ވަގުތު ބަހުގައި 38 ފަސިންޖަރުން ތިއްބެވެ. އޭގެ ތެރެއިން އަނިޔާވި 19 މީހުންނަށް މިހާރު ފަރުވާ ދެމުންދާ އިރު ހަ މީހެއްގެ ހާލު ސީރިއަސް ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

އެހާދިސާއާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ އެކްސިޑެންޓުގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވާފަ އެވެ. އަދި މަރުވި މީހުންގެ އާއިލާތަކަށް ދެ ލައްކަ ރުޕީސް އާއި އަނިޔާވި މީހުންނަށް 50،000 ރުޕީސް ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. (އެންޑީޓީވީ)