ސޯޅަ ފަހަރު ވޯޓު ލައިގެން ވެސް ށ. އަތޮޅު ކައުންސިލަށް ރައީސަކު ހޮވޭގޮތެއް ނުވިއެވެ.

އަލަށް އިންތިޚާބުކުރި ކައުންސިލަރުން ހުވާކުރުމަށްފަހު ހޮނިހިރު ދުވަހުގެ ރޭ 11:00ގައި ވަނީ ރައީސަކު ހޮވުމަށް ޖަލްސާއެއް ބާއްވާފައެވެ.

ށ. އަތޮޅު ކައުންސިލްގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ހަމީދު ވިދާޅުވީ އެރޭ ތިން ފަހަރު ވޯޓުލައިގެން ވެސް ރައީސަކު ހޮވޭގޮތެއް ނުވި ކަމަށެވެ. ކޮންމެ ފަހަރަކުވެސް ވޯޓުގެ ނަތީޖާ އެއްވަރުވަނީ ކަމަށް އޭނާ ވިދާޅުވިއެވެ.

ހޮނހިރު ދުވަހުގެ ރޭ ރައީސަކު ހޮވޭގޮތެއް ނުވުމުން އިއްޔެ ވަނީ ޖަލްސާގެ ދެވަނަ ދަންފަޅި ކުރިއަށްގެންގޮސްފައެވެ. އިއްޔެ 13 ފަހަރަށް ވޯޓުލުމުން ވެސް ނަތީޖާ ވަނީ އެއްވަރެވެ.

ށ. އަތޮޅު ކައުންސިލަށް އިންތިޚާބުވެފައި ވަނީ ހަތަރު މެމްބަރުންނެވެ. އެއީ ޕީޕީއެމްގެ އެއް މެމްބަރަކާއި އަމިއްލަ މެމްބަރެއްގެ އިތުރުން އެމްޑީޕީގެ ދެ މެމްބަރުންނެވެ.

ރައީސް ކަމަށް ކުރިމަތިލައްވާފައި ވަނީ އެމްޑީޕީގެ ޓިކެޓުގައި ކޮމަންޑޫ ދައިރާއަށް އިންތިޚާބުވި އަބްދުﷲ ނާހިދު އާއި ޕީޕީއެމްގެ ޓިކެޓުގައި ކަނޑިތީމް ދާއިރާއަށް އިންތިޚާބުވި މުހައްމަދު އާރިފެވެ.

ހަމީދު ވިދާޅުވީ ރައީސަކު ހޮވުމުގެ ކަންތަކަށް ހައްލެއް ގެނައުމަށްޓަކައި ތިން ވަނަ ފަރާތެއްގެ އެހީތެރިކަން ބޭނުންވާ ކަމަށް ހުރިހާ ކައުންސިލަރުން ވެސް ވިދާޅުވެފައިވާ ކަމަށެވެ. އެހެންކަމުން އެކަމުގައި ލަފަޔެއް ހޯދުމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގައި އެދިފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.