05 Jun 2017, 11:26
ޗެކް ރިޕަބްލިކްގެ ޕެެޓްރާ އަކީ ކްރިސްޓިއަން އާއިލާއަކަށް އުފަން އަންހެނެކެވެ. އެހެން ނަމަވެސް އޭނާގެ އާއިލާއަކީ އަޅުކަން ކޮށް އުޅުނު ބައެއް ނޫނެވެ. ސްކޫލުގައި ވެސް ދީނުގެ ކަންކަން އުނގަންނައިދީފައެއް ނުވެއެވެ. އެހެންކަމުން އޭނާއަށް ކްރިސްޓިއަން ދީނުގެ ކަންކަން ނޭނގެއެވެ. އަދި އެއްވެސް ދީނެއްގެ މައުލޫމާތެއް ނޭނގެއެވެ.
ޕެޓްރާއަށް އެންމެ ފުރަތަމަ ދީނީ އަޅުކަންތައް ފެންނަން ފެށީ 2007 ވަނަ އަހަރު އަރަބި އެއާލައިނެއްގައި މަސައްކަތް ކުރަން ފެށުމުންނެވެ. އޭރު އޭނާ ދިރިއުޅެމުން ދިޔައީ ޔޫއޭއީގައެވެ.
ކެބިން ކްރޫ އެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ ޕެޓްރާއަށް، ކޮންމެ ފަހަރަކު ވެސް ފްލައިޓް ނައްޓާލުމުގެ ކުރިން އޭނާގެ ބައެއް އެކުވެރިން ދުއާކޮށް ހަދާ މަންޒަރު ފެނެއެވެ. އަދި ފްލައިޓް ނައްޓާލުމުގެ ކުރިން އަމާން، ރައްކާތެރި ދަތުރެއް މިންވަރު ކުރެއްވުމަށް އެދި ފްލައިޓުގައި އަޑު ބާރުކޮށް ދުއާއެއް ކިޔައެވެ.
ހަތް އަހަރު ވަންދެން ޕެޓްރާ ވަނީ ދުއާ ކިޔައިފައެވެ. ކޮންމެ ފަހަރަކު އަޑު ދަށުން ދުއާ ކިޔަމުން ގޮސް އޭނާއަށް އެ ދުއާ ދަސްވެއްޖެއެވެ. ނަމަވެސް މާނައެއް ނޭނގެއެވެ. އަދި ދުއާ ކުރުމުގެ މަގުސަދެއް ވެސް އޭރު އޭނާ އަކަށް ނުވިސްނެއެވެ.
އެހެންކަމުން ދުއާގެ މާނައާއި މަގުސަދު ހޯދުމަށް ޕެޓްރާގެ ހިތުގައި ޝައުގުވެރިކަން އުފެދުނެވެ. އަދި އޭނާ އާއެކު މަސައްކަތް ކުރާ މުސްލިމް ކުދިންނާ، ޔޫއޭއީ އިން ލިބުނު މުސްލިމް އެކުވެރިންނާ ސުވާލުކޮށް މައުލޫމާތު ހޯދަން ފެށިއެވެ.
ސުވާލުތަކުގެ ޖަވާބު ލިބެމުން ދިޔަ ވަރަކަށް އޭނާގެ ހިތުގައި އިސްލާމް ދީނަށް ލޯބި ޖެހެމުން ދިޔައެވެ. އަދި އޭނާގެ ހިތުގައި އިސްލާމް ދީނަށް ޚާއްސަ ޤަދަރެއް ދެވެން ފެށި އެވެ.
އެހާ ހިސާބުން އިސްލާމް ދީނުގެ ކަންކަން އުނގެނި ދަސްކުރަން ފެށިއެވެ. އަދި އެހެން ދީން ތަކާ އިސްލާމް ދީނާ އަޅާ ކިޔަން ފެށިއެވެ. އިސްލާމް ދީނުގައި އަޅުކަން ކުރަން މެދުވެރިޔަކު ބޭނުން ނުވާކަން އެނގުނެވެ. ތައުބާ ވާން ފައިސާ ހަރަދު ކޮށްގެން މީހަކު ހަމަޖައްސާކަށް ނުޖެހެ އެވެ. ތައުބާ ގަބޫލު ކުރައްވަނީ ﷲ އެވެ.
ކީރިތި ޤުރްއާނުންނާއި ސުންނަތުން އިންސާނުން ދުނިޔޭގައި އުޅެންވީ ގޮތް އެނގެއެވެ. ހިތުގައި އުފެދޭ ހުރިހާ ސުވާލެއްގެ ޖަވާބު ޤުރްއާނުގައިވެއެވެ. ނުތަނަވަސްވާ ވަގުތު ތަކުގައި ހިތްހަމަ ޖެހުން ލިއްބައިދެއެވެ.
ޕެޓްރާ ޔޫއޭއީގައި ހަތް އަހަރު ދިރިއުޅުނު އިރުވެސް އިސްލާމް ދީނަށް ވަނުމަށް އެއްވެސް މީހަކު އޭނާއަށް މަޖުބޫރު ކޮށްފަ އެއް ނުވެއެވެ. އެއީ އޭނާގެ އަމިއްލަ ނިންމުމެކެވެ. އާއިލާގެ ފަރާތުން ވެސް އޭނާ އަށް ސަޕޯޓު ދިނެވެ.
ފްލައިޓު މަތީގައި ދުއާ އިން އިސްލާމް ދީނަށް ޝައުގުވެރިވި ޕެޓްރާ ޝަހާދަތުގެ ދެކަލިމަ ކިޔައި އިސްލާމްވީ 2015 ވަނަ އަހަރު އެވެ. ޕެޓްރާ އަށް އިސްލާމް ދީނުގައި ސާބިތުކަން ދެއްވާށި އެވެ! އާމީން.