އިއްޔެ ހިނގި ޑިންގީ ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު ފުލުސް މީހާ ހޯދުމުގެ މަސައްކަތް ވައިގެ މަގުން ފަށައި ހެލިކޮޕްޓަރު ބޭނުން ކުރަން ފަށައިފި އެވެ.

ގެއްލިގެން ހޯދަމުންދަނީ 27 އަހަރުގެ ފިރިހެނެއް ކަމަށްވާ ސ. ހިތަދޫ، އާބިން، ކޯޕްރަމް މުހައްމަދު ސުމައިދެވެ. އޭނާ ދަތުރު ކުރި ޑިންގީގައި ތިން މީހަކު ދަތުރު ކުރި އެވެ. އޭގެ ތެރެއިން ދެ މީހަކު ވަނީ ސަލާމަތްވެފަ އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އިބްރާހީމް އާޒިމް ވިދާޅުވީ، ހެލިކޮޕްޓަރުގައި އެ މީހާ ހޯދުމުގެ މަސައްކަތް މިއަދު ހެނދުނު 7:30 ފަށާފައިވާ ކަމަށެވެ. އަދި އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުންދަނީ އެމްއެންޑީއެފާއި ފުލުހުން ގުޅިގެން ކަމަށް އާޒިމް ވިދާޅުވި އެވެ.

މަސްވެރިކަމަށް ނުކުމެ އުޅެނިކޮށް ސ. ގަމު ކަނޑުތެރެއަށް ބަންޑުން ޖަހާލި ޑިންގީގައި ތިން މީހުން ތިބި އިރު، އޭގެ ތެރެއިން ދެ މީހަކު ވަނީ ފަތާފައި ޝަންގްރިއްލާ ރިސޯޓަށް އަރާފަ އެވެ.

ބަންޑުން ޖަހާލި ޑިންގީ ފެނިފައިވާ ކަމަށާއި، އެ ޑިންގީ ފެނިފައިވަނީ ޝަންގްރިއްލާ ރިސޯޓުގެ ދެކުނު ފަރާތު ފަރުމައްޗަށް ލައްވެފައި އޮއްވައި ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

ގެއްލުނު މީހާ އެންމެ ފަހުން ލައިގެން ހުރިކަމަށް މައުލޫމާތު ލިބެނީ ކަޅުކުލައިގެ އަތްދިގު ޖާޒީއަކާއި ކަޅު ކުލައިގެ ޓްރެކްސޫޓެއް ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.