05 Jun 2017, 10:32
ކޫރުން އެޅި، އޮފުކަން ކެނޑިއްޖެ ނަމަ އޭގެ ރީތިކަން ގެއްލުނީ އެވެ. ކަތިވެ، ބަޅު ވެއްޖެ ނަމަ އަދި މާ ހުރުތުވާނެ އެވެ. ވިޔާނުދާވެ، ގޯޅި އަޅައިފި ނަމަ ކަސިޔާރުވެގެން ގެއްލިދާނެ އެވެ. އެ ހާލަތު މެދުވެރިވިޔަ ނުދިނުމަށް ލޮލުގެ ކޮއި ފަދައިން ބަލަން ޖެހޭ ބަޔަކީ ކުޑަކުދިންނެވެ. ދެއްކިހާ މަގަކުން އެ ކުދިން ނުހިނގާނެ އެވެ. ހިނގި މަގަކުން އެ ކުދިން ފަހަތުން ހިނގާނެ އެވެ.
ނަމަވެސް މި ކުދިން މި ހިނގަނީ "ފައްކާ" މަގަކުންނެވެ. ފެނު އަޑިއަށް ގައުމު ގެންބިގެން ދިއުމުގެ ކުރިން، މި ދައްކައިދެނީ މިސާލެކެވެ. މ. ދިއްގަރުގެ 200 އަށް ވުރެ ގިނަ ދަރިވަރުން ދައްކައިދެނީ ތަފާތު މިސާލެކެވެ.
ރަށް ގިރުމާއި އުދަ އެރުން ފަދަ ތިމާވެށީގެ ގޮތުން އެތައް މައްސަލައެއް ދިމާވެފައިވާ ދިއްގަރަކީ ކުނީގެ މައްސަލަ އިންތިހާއަށް ބޮޑު ރަށެކެވެ. ރަށުގެ އެތަން މިތާނގަ އާއި ކުނި އަޅަން ހާއްސަ ކޮށްފައިވާ ސަރަހައްދު މޫދުގައި ވެސް ކުރިން އޮންނަނީ ހުސް ޕްލާސްޓިކް ފުޅި އެވެ.

ދިއްގަރު ސްކޫލްގެ ދަރިވަރުން ނުކުމެ އެރަށް ސާފުކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޕްލާސްޓިކް ފުޅި އެއް ކުރުމުގެ ޕްރޮގްރާމްގެ ތެރެއިން --- ފޮޓޯ/ ދިއްގަރު ސްކޫލް
ނަމަވެސް މިއަދު އެރަށަކީ މަގެއްގެ މަތިން ވެސް ޕްލާސްޓިކް ފުޅިއެއް ފެންނަން ނެތް ރަށެކޭ ބުނެވިދާނެ އެވެ. ތިމާވެއްޓަށް ގެއްލުންދޭ ޕްލާސްޓިކް ނައްތާލުމުގައި ނަމޫނާ ދައްކަން ނުކުތީ އެއްކަހަލަ ކުދިވެރިންނެވެ. ދިއްގަރު ސްކޫލްގެ ކިޔަވާ ކުދިންނެވެ.
މިއީ މިއަހަރުގެ ތިމާވެށި ދުވަސް ފާހަގަކުރުމަށް މީގެ ދެ މަސް ކުރިން ދިއްގަރު ސްކޫލުން ނެގި އިސްނެގުމެކެވެ. އެ ސްކޫލްގެ ނާސަރީއިން ފެށިގެން ގްރޭޑް 12 އާހަމައަށް ކިޔަވާ 220 އަށް ވުރެ ގިނަ ދަރިވަރުން ނުކުމެ ރަށުގެ އެތަން މިތަނުގައި އުކާލާފައި ހުރި ޕްލާސްޓިކް ފުޅި ހޮވާ އެއްކުރަން ފެށި އެވެ. އަދި ދަރިވަރުންގެ ގޭގައި ހުރި ޕްލާސްޓިކް ފުޅިތައް ވެސް ސްކޫލަށް ޖަމާކުރި އެވެ.

ދިއްގަރު ސްކޫލްގެ ދަރިވަރުން ނުކުމެ އެރަށް ސާފުކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޕްލާސްޓިކް ފުޅި އެއް ކުރުމުގެ ޕްރޮގްރާމްގެ ތެރެއިން --- ފޮޓޯ/ ދިއްގަރު ސްކޫލް
"އެންވަޔަރަމަންޓް މިނިސްޓަރު ވެސް ރަށަށް ކުރެއްވި ދަތުރުފުޅެއްގައި ރަށުގެ ކުނީގެ މައްސަލަ އިޝާރާތް ކުރެއްވި. އެގޮތުގެ ބެލެނިވެރިންނާ މަޝްވަރާ ކުރުމަށް ފަހު އަޅުނގަޑުމެން މިއަހަރުގެ ތިމާވެށި ދުވަހާ ގުޅުވައިގެން މި މަސައްކަތް މިފެށީ،" ދިއްގަރު ސްކޫލްގެ ޕްރިންސިޕަލް އަބްދުﷲ ނާހިދް ވިދާޅުވި އެވެ.
ދިއްގަރު ސްކޫލްގެ ތިމާވެށީގެ ޖަމިއްޔާ އާއި ދަރިވަރުންގެ އިތުރުން ސްޓާފުންނާއި ބެލެނިވެރިންގެ އިތުރުން އެ ރަށުގައި މަސައްކަތްކުރާ އެމްޓީސީސީ އާއި ރައްޔިތުންގެ އެހީތެރިކަމާ އެކު ވަނީ ދެ މަސް ތެރޭގައި 225 ގޯނީގެ ޕްލާސްޓިކް ފުޅި އެއްކޮށްފަ އެވެ. އެއީ ގާތްގަނޑަކަށް 20،000 އަށްވުރެ ގިނަ ހުސްފުޅި އެވެ.

ދިއްގަރު ސްކޫލްގެ ދަރިވަރުން ނުކުމެ އެރަށް ސާފުކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޕްލާސްޓިކް ފުޅި އެއް ކުރުމުގެ ޕްރޮގްރާމްގެ ތެރެއިން --- ފޮޓޯ/ ދިއްގަރު ސްކޫލް
ނާހިދު ވިދާޅުވީ، އެ ޕްރޮގްރާމް ފެށީ އަހަރެއް ވަންދެން ކުރިއަށް ގެންދިއުމުގެ އަމާޒާއެކުގައި ކަމަށެވެ. ނަމަވެސް ދެ މަސްތެރޭގައި ކުރި މަސައްކަތުން އެއްކުރި ޕްލާސްޓިކް ފުޅިތައް ރަށުން ބޭރު ކުރެވޭނެ ގޮތެއް ނެތިގެން މަޑު ޖައްސާލީ ކަމަށް ވިދާޅުވި އެވެ.
"އަޅުނގަޑުމެންގެ މަސައްކަތް ހުއްޓާލީ މާލެ ފޮނުވާލެވޭނެ ގޮތެއްނެތި ފުޅިތައް ސްކޫލްގައި ބެހެއްޓޭނެ ޖާގަ ނެތުމުން. ނަމަވެސް "އިސްގުރާބާރު" ނަމަކަށް ކިޔާ ރަށު ބޯޓެއްގެ އެހީގައި މިހާރު އެތަކެތި މާލެ ފޮނުވާލެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައި. އެކަމުގައި އައިޝަތު މާޔާ އެހީ ފާހަގަކުރަން. މާލެއިން އެތަކެތި އުކާލަދެނީ ރަށުގެ ޓީއެފްއެމް ޖަމިއްޔާއިން،" ދިއްގަރު ޕްރިންސިޕަލް ވިދާޅުވި އެވެ.

ދިއްގަރު ސްކޫލްގެ ދަރިވަރުން ނުކުމެ އެރަށް ސާފުކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޕްލާސްޓިކް ފުޅި އެއް ކުރުމުގެ ޕްރޮގްރާމްގެ ތެރެއިން --- ފޮޓޯ/ ދިއްގަރު ސްކޫލް
ރަށުގެ ތަރައްގީއަށް މުހިއްމު ބަޔަކަށް މިއަދުގެ ދަރިވަރުން ހައްދަވައި ތިމާވެއްޓަށް ލޯބިކުރާ ދަރިވަރުންތަކެއް އުފެއްދުމުގެ މުހިއްމު ބޭނުމުގައި ރަށު ރައްޔިތުންނާ އެކު ދިއްގަރު ސްކޫލުގެ މެނޭޖްމަންޓުން ފެށި މި މަސައްކަތް ނިމުނީއަކީ ނޫނެވެ. އެ މަސައްކަތް ކޮންމެ މަހަކު ވެސް ކުރިއަށްދާނެ އެވެ.
އެގޮތުން، ކޮންމެ ދުވަހަކު ވެސް ޕްލާސްޓިކް ހުސްފުޅި ސްކޫލަށް ގެނައުމަށް ދަރިވަރުންނަށް ވަނީ ހުޅުވާލާފަ އެވެ. އަދި އެ މަހެއްގެ ތެރޭގައި އެންމެ ގިނަ ހުސްފުޅި ގެންދާ ދަރިވަރަކު ހޮވައި އަހަރު ނިންމުމަށް ފަހު އެ ކުއްޖާއަށް ހާއްސަ އެވޯޑެއް ދިނުމަށް ވަނީ ނިންމާފަ އެވެ.

ދިއްގަރު ދަރިވަރުން އިސްނަގައިގެން އެރަށް ސާފުކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޕްލާސްޓިކް ހުސްފުޅި އެއް ކުރުމުގެ މަސައްކަތުގެ ތެރެއިން --- ފޮޓޯ/ ދިއްގަރު ސްކޫލް
ތިމާވެށި ރައްކާތެރި ކުރުމަށް ދަރިވަރުންގެ މެދުގައި އުފެދުނު ވާދަވެރިކަމާ އެކު ހުސް ވަގުތެއް ލިބުނަސް ދަރިވަރުން މިއަދު ދަނީ ހުސްފުޅި ހޮވާށެވެ. އެތަކެތި އެއްކޮށް ސްކޫލަށް ޖަމާ ކުރުމަށެވެ. އަމަލީ މަސައްކަތަށް މިއަދު ދަރިވަރުން ނެރެ ކުރުވި މަސައްކަތުން އެކުދިން މިވަނީ ތިމާވެއްޓަށް ލޯބި ޖެހިފަ އެވެ.
"އަޅުނގަޑުމެންގެ ވިސްނުން އެބަހުރި އަންނަ މަހު އެކިކަހަލަ ޕްލާސްޓިކް އެއްކުރަން ފަށަން ވެސް. އެ މަސައްކަތް ކޮންމެ މަހަކު އަޅުނގަޑުމެން ކުރިއަށް ގެންދާނަން. ދަރިވަރުންނާއި ރަށު އެންމެންގެ ފަރާތުން ވެސް މިކަމަށް ބޮޑު އެއްބާރުލުމެއް ލިބޭ،" ޕްރޮގްރާމް ކުރިއަށް ގެންދަން ރާވާފައިވާ ގޮތާ ގުޅޭ ގޮތުން ނާހިދު ވިދާޅުވި އެވެ.

ދިއްގަރު ދަރިވަރުން އިސްނަގައިގެން އެރަށް ސާފުކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޕްލާސްޓިކް ހުސްފުޅި އެއް ކުރުމުގެ މަސައްކަތުގެ ތެރެއިން --- ފޮޓޯ/ ދިއްގަރު ސްކޫލް
ތިމާވެއްޓަށް ނުރަނގަޅު އަސަރު ފޯރަމުން ދިއުމަކީ މިއަދު ގަބޫލުކުރަން މަޖުބޫރު ވެފައިވާ ހަގީގަތެކެވެ. ދުނިޔޭގެ ހޫނު މިން މިދަނީ އިންތިހާއަށް މަތިވަމުންނެވެ. ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހުރި ބޮޑެތި ގަނޑު ފެންގަނޑުތައް ވިރި، ދުނިޔޭގެ ކަނޑުގެ ލޮނުގަނޑު އުފުލިގެންދަނީ އެވެ. ކަނޑުތަކުގެ ފިނި ހޫނުމިން މަތިވެ ކަނޑުތައް މިދަނީ އެސިޑް ވަމުންނެވެ.
މި ހުރިހާ ކަމެއްގެ ނުރައްކާ އެންމެ ބޮޑީ ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވޭ މި ކުޑަ ރާއްޖެއަށެވެ. އެހެންކަމުން ކޮންމެ ރަށަކުން ވެސް ތިމާވެށި ރައްކާތެރިކުރުމަށް ނުކުތުމަކީ މިއަދު ކުރަންޖެހިފައި އޮތް ގައުމީ މަސައްކަތެކެވެ. މިއީ އަހަރެމެެން ދިރިއުޅެން އޮތް ހަމައެކަނި ތަން ކަން ދަންނަންޖެހެ އެވެ.

ދިއްގަރު ދަރިވަރުން އިސްނަގައިގެން އެރަށް ސާފުކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޕްލާސްޓިކް ހުސްފުޅި އެއް ކުރުމުގެ މަސައްކަތުގެ ތެރެއިން --- ފޮޓޯ/ ދިއްގަރު ސްކޫލް