05 Jun 2017, 00:10
މަގު ފޭރުމާއި ބިރުދެއްކުން ފަދަ ކަންކަމާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި މައުލޫމާތު އާންމުކުރާއިރު ޒިންމާދާރުވުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.
ރޯދަމަސް ފެށުނު ފަހުން ފޭރުން ގިނަވެއްޖެ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ސޯޝިއަލް މީޑިއާގައި އެ ވާހަކަ ދައްކަމުންނެވެ. އަދި ފުލުހުންނަށް ވެސް މައްސަލަތަކެއް ދަނީ ހުށަހަޅަމުންނެވެ.
ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސޯޝިއަލް މީޑިއާގައި އާންމުކޮށްފައިވާ ކަންކަމަށް ބަލާއިރު ހިނގާފައިވާ ކަމަށް ފުލުހުންނަށް ފާހަގަ ކުރެއްވިފައި ވަނީ ދެ މައްސަލަ އެއް ކަމަށެވެ.
އެއީ ޓެކްސީ ޑްރައިވަރަކާ ގުޅިގެން ދެކެވޭ ވާހަކައަކާއި އަދި ފޭރުމެއް ކަމަށް ފުލުހުން ބުންޏެވެ. އަދި އެ ދެ މައްސަލަ ވެސް ބަލާ ފިޔަވަޅު އެޅުމުގެ މަރުހަލާ ކުރިއަށްދާ ކަމަށް ފުލުހުންގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
ފުލުހުން ބުނީ ފޭރުމާ ގުޅިގެން ސޯޝިއަލް މީޑިއާގައި މައުލޫމާތު ފަތުރާއިރު ނަހަމަ ގޮތުގައި އެފަދަ މައުލޫމާތު ފަތުރަމުންދާ ކަމަށެވެ. އަދި އެފަދަ މައުލޫމާތު ފަތުރާއިރު ޒިންމާދާރުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.