ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އަމިއްލަ ގެކޮޅު، މއ. ކިނބިގަސްދަށުގޭ ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި މާލޭ ސިޓީ ކައުންސިލާ ހަވާކުރުމަށް އެމަނިކުފާނަށް މިއަދު އަންގަވައިފި އެވެ.

އެމްޑީޕީން މަޖިލިސް ދަށުގައި ކުރި މުޒާހަރާތަކުގެ ތެރެއިން މެދުޒިޔާރަތް މަގުގެ ޓްރެފިކް ލައިޓް ކައިރީ ރަތް ދޫލައަޅައިގެން މިއަދު ހެނދުނު ބޭއްވި ސިޓީ ކައުންސިލްގެ ބައްދަލުވުމުގައި މައުމޫންގެ ގެކޮޅު ކިނބިގަސްދަށުގެއަށް ބަދަލު ދިނުމަށް ފަހު އެގެ ސިޓީ ކައުންސިލަށް ނަގަން ފާސްކޮށްފައިވަނީ ހާޒިރުވި އަށް މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

ޑެޕިއުޓީ މޭޔާ އަހުމަދު ސަމާހު މިއަދު ވިދާޅުވީ، ސިޓީ ކައުންސިލްގެ އެނިންމުން އަންގައި، މައުމޫނަށް ސިޓީ ފޮނުވާފައިވާ ކަމަށެވެ. އެ ސިޓީގައި ކުރިއަށް އޮތް 30 ދުވަހުގެތެރޭގައި ކިނބިގަސްދަށުގެ ސިޓީ ކައުންސިލާއި ހަވާލުކުރުމަށް އަންގާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ސޮއެ ކޮށް، 30ދުވަހު ތެރޭ އެބިމާ ސިޓީ ކައުންސިލުން ހަވާލުވާނެ ވާހަކަ އަންގާފައި އޮންނާނީ. މިއަދު އެ ސިޓީ ލިބޭނެ ކަމަށް މި ބަލަނީ،" ސަމާހު ވިދާޅުވި އެވެ.

ނަމަވެސް، އެ ސިޓީ އަށް ޖަވާބެއް ލިބިވަޑައިނުގަންނަވައި ކަމުގައި ސަމާހު ވިދާޅުވި އެވެ.

އަދި މައުމޫންގެ އާއިލާގެ އެކި ބޭފުޅުންނާ ގުޅިއިރުވެސް ފޯނަށް ޖަވާބު ނުދެއްވާތީ އެސިޓީ މައުމޫނަށް ލިބިވަޑައިގަތްކަން ނުވަތަ ނޫންކަން ސަން އަށް ވަނީ ސާފުވާގޮތް ނުވެފަ އެވެ. ނަމަވެސް، ސިޓީ ނިންމުމާ ގުޅިގެން މައުމޫންގެ އާއިލާއިން މިހާރު އަންނަނީ އަޅުއްވާނެ ފިޔަވަޅަކާ ގުޅޭ ގޮތުން ގާނޫނީ ލަފާ ހޯއްދަވަމުންނެވެ.

ޑެޕިއުޓީ މޭޔާ ވިދާޅުވީ ކިނބިގަސްދަށުގެއަކީ ބަންޑާރަ ގޯއްޗަކަށް ވުމުން އެ ނިންމުމަށް އެޅޭނެ ގާނޫނީ ހުރަހެއް ނެތް ކަމަށެވެ.

"ގާނޫނީ އެއްވެސް ހުރަހެއް އެކަމުގައި ނޯންނާނެ. އެއީ ބަންޑާރަގޯއްޗަކަށް ވުމުން އެ ގޯތި ސިޓީ ކައުންސިލަށް ނުނެގޭނެ ގޮތެއް ނޯންނާނެ،" ސަމާހު ވިދާޅުވި އެވެ.

ކިނބިގަސްދޮށުގެ ނެގުމާ ގުޅޭ ގޮތުން ކައުންސިލުން ނެރުނު އިގުރާރުގައި ބުނެފައިވަނީ، އެ ގެ ނެގުމަށް ނިންމާފައިވަނީ ލާމަރުކަޒީ ގާނޫނުގެ 41 ވަނަ މާއްދާގެ )ލ( އިން އެ ކައުންސިލަށް ލިބިދީފައިވާ ބާރުގެ ދަށުން ކަމަށެވެ. އެ މާއްދާގައި ބުނަނީ، މީހުންގެ އަމިއްލަ ބިންތަކާއި މުދާ އާންމު ބޭނުމަކަށްޓަކައި ކޮންމެހެން ނަގަން ޖެހިއްޖެ ނަމަ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އަދުލުވެރި ބަދަލު ދިނުމަށް ފަހު ނެގޭނެ ކަމަށެވެ.

އެހެންކަމުން އަދުލުވެރި ބަދަލު ދިނުމާ ގުޅޭ ގޮތުން ނިންމާފައިވަނީ ކިހިނެތްތޯ ސުވާލު ސުވާލު ދެންނެވުމުން ސަމާހު ވިދާޅުވީ، ކިނބިގަސްދަށުގެ އަގު ކުރުމާއި މައުމޫނަށް ބަދަލު ދިނުމުގެ މަސައްކަތް ކުރާނީ ކޯޓުން ކަމަށެވެ.

"އަޅުގަނޑުމެން އެ މަސައްކަތްތައްވެސް ކުރަމުން މިދަނީ. އެކަމަށް ގޮތްތަކެއް ރާވަމުން މިގެންދަނީ. ދޭނެ ބަދަލެއް ނިންމާ އެކަން ކުރާނީ ކޯޓުން،" ސަމާހު ވިދާޅުވި އެވެ.

އަދި ވިދާޅުވީ ކިނބިގަސްދަށުގެ ސިޓީ ކައުންސިލަށް ނަގަނީ އެގެއަކީ މީހަކު ދިރިނޫޅޭ ގުދަންތަކެއް ހަދައިގެން ވިޔަފާރި ކުރަމުން އަންނަ ގެޔަކަށް ވުމުން އެ ސަރަހައްދުގެ ޓްރެފިކް ބިޒީވެ މާލޭގެ ތަރައްގީއަށް ހުރަސްއެޅޭތީ ކަމަށެވެ.

"ބަންޑާރަ ގޯއްޗެއްގައި އެއްވެސް މީހަކު ދިރިނޫޅި ގުދަން ހަދައިގެން ވިޔަފާރި ކުރަނީ. އެހެންވެ އެ ސަރަހައްދުގެ ޓްރެފިކް ބިޒީވެ އުދަގޫތަކާއި ކުރިމަތިވޭ. ކިނބިގަސްދަށުގޭ ހުންނަ ހިސާބަކީ ތަރައްގީ އަންނަން ޖެހިފައިވާ ހިސާބެއް. ނަމަވެސް ގުދަންތައް ހުރުމުގެ ސަބަބުން ތަރައްގީއެއް ނާދޭ. އެގެ ނަގައިގެން ތަރައްގީ ކުރެވެން އަންނަނީ،" ސަމާހު ވިދާޅުވި އެވެ.

ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައިވާ ސިޓީ ކައުންސިލްގެ މި ނިންމުން ޕްރޮސެކިއުޓާ ޖެނެރަލް އަހްމަދު މުއިއްޒު ސިފަކުރައްވާފައިވަނީ ވަރަށް "ޒިންމާދާރުކަންކުޑަ" ނިންމުމެއްގެ ގޮތުގަ އެވެ. އަދި މީސްމީހުންގެ މުދަލަކީ ނިގުޅައިގަނެވޭނޭ ތަކެއްޗެއް ނޫންކަން" ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ހަނދާންކޮށްދީފައި އެވެ.

"..މީސްމީހުންގެ މުދަލަކީ ނިގުޅައިގަނެވޭނެ ތަކެއްޗެއް ނޫން ކަމަށާއި އާއްމުވެގެންވާ މަންފާއަށްޓަކައި، ގާނޫނުގައި ކަނޑައެޅި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އަދި ކޯޓަކުން ކުރާ ހުކުމަކުން މެނުވީ އެއްވެސް މީހެއްގެ މުދަލެއް ދައުލަތަށް ނަގަންވާނީ ކޯޓަކުން ކަނޑައަޅާ އަދުލުވެރި ބަދަލެއް އެ މުދަލެއްގެ ވެރިފަރާތަށް ދިނުމަށްފަހުގައި ކަމަށް ބުނެފައިވީ ހިނދު، ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ކުރިމަތީގައި މިއަދު ބައްވައި، މާލެ ސިޓީ ކައުންސިލުން މއ. ކިނބިގަސްދޮށުގެ ދައުލަތަށް ނެގުމަށް ނިންމި ކަމަށް ހަބަރު ފަތުރާ ވަސީލަތްތަކުން ހާމަކޮށްފައިވާ ފަދައިން ނިންމާފައިވާނަމަ އެ ނިންމުމަކީ ޒިންމާދާރުކަން ކުޑަ ގޮތެއްގައި ނިންމާފައިވާ ނިންމުމެއް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ދެކޭކަން ހާމަކުރަމެވެ." އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.