04 Jun 2017, 15:54
ދިއްލީ (ޖޫން 4): އިންޑިއާގައި ޖިޕެއް ދުއްވަމުން ދިޔަ ފުލުހަކު ގެރިއެއް ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި އަންހެނަކު މަރުވެ، ތިން މީހަކަށް އަނިޔާވެއްޖެ އެވެ.
އިންޑިއާގެ އުއްތަރަ ޕްރަދޭޝްގައި އެހާދިސާ ހިނގީ މަގުމަތީގައި އޮތް ގެރިއެއްގައި ޖިޕު ޖެހިދާނެތީ އެއުޅަނދު އަނބުރާލި ގަޑީގައި އެމަގުން ހިނގާފައި ދިޔަ ބަޔެއްގެ ގައިގައި ޖިޕު ޖެހުމުންނެވެ. އެހާދިސާގައި މަރުވީ އުމުރުން 60 އަހަރުގެ އުޝާ ދޭވީ ކަމަށާއި އޭނާ ވަނީ ވަގުތުން މަރުވެފައި ކަމަށް ފުލުހުން ބުންޏެވެ.
އަދި އެ ހާދިސާގައި އަނިޔާވި ތިން މީހުންގެ ތެރޭގައި ހަތަރު އަހަރާއި ދެ އަހަރުގެ ކުޑަ ކުއްޖަކު ހިމެނޭ ކަމަށާއި އެމީހުންނަށް މިހާރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުންޏެވެ. އެ ދެ ކުދިންނަކީ އުޝާގެ މާމަ ކުދިންނެވެ.
ފުލުހުން މިހާރު ދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.
އިންޑިއާގެ އާބާދީގެ 80 ޕަސެންޓް ހިއްސާ ކުރާ ހިންދޫން ދެކޭ ގޮތުގައި ގެރިއަކީ މާތް އެއްޗެކެވެ. އަދި އެ ގައުމުގެ 18 ސްޓޭޓެއްގައި ގެރި ކަތިލުމަކީ ހަރުކަށި އަދަބު ލިބޭ ކުށެކެވެ. (ހިންދުސްތާން ޓައިމްސް)