ކ. މާފުށީގައި ހުންނަ ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ޒުވާން އަންހެނަކު މަސްތުވާތަކެއްޗާ އެކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ، އުމުރުން 19 އަހަރުގެ އެ އަންހެން މީހާ ހައްޔަރުކުރީ މާފުށި ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުންގެ އިންޓެލިޖެންސާއި މާފުށި ޕޮލިސް ސްޓޭޝަނުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މިއަދު ކަމަށެވެ.

އެގޮތުން، މާފުށި ބަނދަރު ސަރަހައްދުން އޭނާ ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރި އިރު، އޭނާގެ އަތް ދަބަސް ތެރެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެއްވޭ އެއްޗެއް ހުރި ފަސް ރަބަރު ޕެކެޓާއި ސެލޯފިންކޮޅެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މާފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 10 ދުވަހުގެ މުއްދަތެއް ވަނީ ޖަހައިފަ އެވެ.

ފުލުހުން ބުނީ، މާފުށީގައި ހިންގި އޮޕަރޭޝަންގެ އިތުރުން އިއްޔެގެ ވަގުތެއްގައި ތ. ވިލުފުށިން ވެސް މަސްތުވާތަކެއްޗާ އެކު 52 އަހަރުގެ އަންހެނަކު ފުލުހުން ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ފުލުހުންގެ އިންޓެލިޖެންސާއި ވިލުފުށި ފުލުހުންނާ ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަންގައި އެ އަންހެން މީހާ ވެސް ހައްޔަރުކުރީ ބަނދަރުމަތިންނެވެ. އެގޮތުން އޭނާ ހުއްޓުވައި ބަލައިފާސްކުރި އިރު އޭނާގެ އަތުގައި އޮތް ޕްލާސްޓިކް ދަޅެއްގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ސެލޯފިން ގަނޑެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ، 52 އަހަރުގެ މީހާގެ ބަންދުގެ މުއްދަތު ޖެހިކަން އަދި އަންގާފައިނުވާ ކަމަށެވެ.

އޭގެ އިތުރުން ފުލުހުން ވަނީ މިމަހުގެ އެއްވަނަ ދުވަހު ކ. މާފުށީ ފެރީގައި މަސްތުވާތަކެތި ހުރިކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ ފެރީ ބަލައިފާސްކޮށް މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި ފިލްމު ހުސްކުރި ދަޅެއް ހޯދައިފަ އެވެ.

ނަމަވެސް އެ މައްސަލައި އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެ އެވެ.