04 Jun 2017, 14:51
ފިޝަރީޒް މިނިސްޓްރީއަށް އެކި ގޮތްގޮތުން ލިބެންޖެހޭ 39 މިލިއަން ރުފިޔާ ހޯދުމަށް އެ މިނިސްޓްރީން މަސައްކަތް ނުކުރާކަމަށް އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވިނަމަވެސް އެ ފައިސާ ހޯދުމަށް މަސައްކަތް ކުރަމުންދާކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.
ފިޝަރީޒް މިނިސްޓްރީގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި، އޮޑީޓަ ޖެނެރަލް ފާހަގަކުރައްވާފައިވާ ވަކިވަކި ކަންތައްތަކަށް އަލިއަޅުވާލައި މިއަދު ފިޝަރީޒް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މިނިސްޓްރީން ބުނީ އެ މިނިސްޓްރީ މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ 39 މިލިއަން ރުފިޔާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އަދި އޮޑިޓްގައި ފާހަގަ ކޮށްފައިވާ އެހެނިހެން ކަންތައްތައްވެސް ރަނގަޅު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ މިނިސްޓްރީގެ މާލީ ޒިންމާދާރު ވެރިޔާ އީނާސް ނަސީރު ވިދާޅުވީ، އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރެއިން، އައިސް ޕްލާންޓުތަކުން ލިބެންޖެހޭ 16 މިލިއަން ރުފިޔާ ހޯދުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ.
އޭނާ ވިދާޅުވީ އެމިނިސްޓްރީން އައިސް ޕްލާންޓް ގާއިމުކޮށްފައިވާނީ ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ކަމަށާއި އޭގެ ތެރެއިން ތ. އަތޮޅު ގުރައިދޫގައި ބަހައްޓާފައިވާ އައިސް ޕްލާންޓަކީ އަމިއްލަ ފަރާތަކަށް ދޫކޮށްފައިވާ އައިސް ޕްލާންޓެއް ކަމުން އެ ތަނުން ލިބެންޖެހޭ ފައިސާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ މެދުވެރިކޮށް އަންގަންޖެހޭ ފުރަތަމަ އެންގުން އަންގާފައިވާ ކަމަށެވެ.
އީނާސް ވިދާޅުވީ ޅ. ފެލިވަރު، ގދ. ތިނަދޫ އަދި ހއ. އިހަވަންދޫ އައިސް ޕްލާންޓް ހަވާލުކުރެވިފައިވަނީ މިފްކޯއާ ކަމަށާއި އޭގެ ތެރެއިން ގދ. ތިނަދޫ އައިސް ޕްލާންޓުން ފައިސާ ގަވައިދުން ލިބެމުންދާކަމަށެވެ. އަދި އަނެއް ދެ ޕްލާންޓުން ލިބެން ޖެހޭ ފައިސާ މިފްކޯގެ ބެލެނިވެރި ކުންފުނި އެސްޓިއޯއާއެކު "ޕޭމަންޓް ޝެޑިއުލް" އެއް ހަދައިގެން އެ ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ވިދާޅުވީ ވަރަށް އަވަހަށް އެ ފައިސާ ލިބޭނެ ކަމަށެވެ.
ފިޝަރީޒް މިނިސްޓްރީގެ ފަރާތުން، މަސްވެރިކަން ފުޅާކުރުމަށް ދޫކޮށްފައިވާ އިންޖީނުތަކާއި މަސްދޯނިތަކުން ލިބެންޖެހޭ 23 މިލިއަން ރުފިޔާއާ ގުޅޭ ގޮތުން އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ހުސެއިން ސިނާން، ވިދާޅުވީ 1997 ވަނަ އަހަރުން ފެށިގެން 2001 ވަނަ އަހަރާ ދެމެދު ދޫކުރެވުނު އިންޖީނުތަކާއި މަސްދޯނިތަކުން ލިބެންޖެހޭ ފައިސާ ހޯދުމަށް އެކިފަހަރު އެކި ފުރުޞަތުތައް ދީފައިވާ ކަމަށާއި ނަމަވެސް އެ ފުރުޞަތުތަކުގެ ބޭނުން ނުކޮށް އަދިވެސް ފައިސާ ނުދައްކާ ބައެއް މީހުންގެ މައްސަލަ ޝަރީއަތަށް ހުށަހެޅުމަށް އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް އެފަދަ މީހުންގެ މައްސަލަ އޭޖީ އޮފީހަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިވެ.
" އިންޖީނު ތަކުގެ ލޯނު އަދާކުރުމަށް މި އަހަރުގެ މެއި މަހުގެ ތެރޭގައި ވާނީ މީގެ ތެރެއިން 10 ފަރާތަކަށް ނޯޓިސް ފޮނުވާފައި. އަދި އިތުރު ނުވަ ފަރާތަކަށް ނޯޓިސް ފޮނުވުމުގެ މަސައްކަތް މިދަނީ ކުރަމުން،" ސިނާން ވިދާޅުވިއެވެ.