04 Jun 2017, 16:17
ވޭތުވެދިޔަ ނުވަ މަސް ތެރޭގައި 5.7 މިލިއަނަށްވުރެ ގިނަ މުސްލިމުން އުމްރާ ކޮށްފައިވާ ކަމަށް ސައުދީ އަރަބިއާގެ ރަސްމީ ހިސާބުތަކުން ދައްކައިފިއެވެ.
ސައުދީ ނޫސް އެޖެންސީއެއް ކަމަށްވާ ސަބަގްގައި މިދިޔަ ބުރާސްފަތި ދުވަހު ހިއްސާކޮށްފައިވާ ތަފާތު ހިސާބުތައް ދައްކާގޮތުން އުމްރާ ކުރުމަށް ވައި، ކަނޑު އަދި އެއްގަމު މަގުން މައްކާއަށް 5,245,704 (ފަސް މިލިއަން ދެ ލައްކަ ސާޅީސް ފަސްހާސް ހަތް ސަތޭކަ ހަތަރެއް) މީހުން ގޮސްފައިވެއެވެ.
ސައުދީގެ ކަމާބެހޭ އިދާރާތަކުން އުމްރާ ކުރުމަށް އެގައުމަށްދާ މީހުންނަށް އާއްމުކޮށް ވިސާތައް ދޫކުރަނީ ދެ ހަފްތާގެ މުއްދަތަކަށެވެ. އެ މުއްދަތުގެ ތެރޭގައި މަސްޖިދުލް ހަރަމް އަށާއި މަސްޖިދުއް ނަބަވީއަށް ޒިޔާރަތްކުރުމުގެ އިތުރުން އިސްލާމީ ތާރީހާއި ގުޅުންހުރި މުހިއްމު ބައެއް ތަންތަން ބަލައިލުމުގެ ފުރުސަތު ލިބޭނެއެވެ.
ނަމަވެސް ވިސާ ހަމަވުމުގެ ކުރިން އެނބުރި ގައުމަށް ދިއުމަށް ސައުދީގެ ކަމާބެހޭ އިދާރާތަކުން ހަރުކަށި އުސޫލް ތަކެއް ގެންގުޅެއެވެ.
"ސައުދީއަށް ވަޑައިގަންނަވާ މެހެމާނުންނަށް ކުރަން ބޭނުންވާ އިލްތިމާސް އަކީ ގަވާއިދާ ހިލާފަށް ސައުދީގައި މަޑު ނުކުރައްވައި ނަގާފައިވާ ޓިކެޓްގައި އޮންނަ ތާރީހުގައި އެނބުރި ގައުމަށް ވަޑައިގަންނަވާށޭ،" ޕާސްޕޯޓްތަކާ ހަވާލުވެހުންނަވާ އެސިސްޓަންޓް ޑައިރެކްޓަރު ޖެނެރަލް ޚާލިދް އަލް ޖުއައިދް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ދީފައިވާ ވިސާގެ މުއްދަތު ހަމަވެ އިތުރު ދުވަސްތަކަކަށް މަޑުކޮށްފިނަމަ އެ މީހަކު 50000 ސައުދީ ރިޔާލް (ގާތްގަނޑަކަށް ދެ ލައްކަ ދިވެހި ރުފިޔާ) އިން ޖޫރިމަނާ ކުރުމުގެ އިތުރުން ހަ މަހަށް ޖަލަށްލައި ޑީޕޯޓް ކޮށްލެވޭނެ ކަމަށެވެ.