ޑީއާރްޕީގެ އަހަރީ ޖަލްސާތައް އަތޮޅުތެރޭގައި ބޭއްވުމަށް ޕާޓީގެ ކައުންސިލުން ނިންމާފައިވަނިކޮށް، ޕާޓީގެ ހަވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މިމަހުގެ 21 ވަނަ ދުވަހު މާލޭގައި ހާއްސަ ޖަލްސާއެއް ބާއްވަން ހަމަޖައްސައި، ޒެޑް ފެކްޝަނުން އެކަން އިއުލާންކޮށްފި އެވެ.

ޒެޑް ފެކްޝަނުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވައި ޑީއާރްޕީގެ ޑެޕިއުޓީ ލީޑަރު އިލްހާމް އަހްމަދު ސޮއިކުރައްވައި އިއްޔެ ނެރެފައިވާ އިއުލާނެއްގައި ބުނަނީ، މިމަހުގެ 21 ވާ ބުރާސްފަތި ދުވަހަކީ އެޕާޓީއަށް ހަ އަހަރު ފުރޭ ދުވަސް ކަމަށްވުމާއިރު، އެރޭ އާޓިފިޝަލް ބީޗު ސަރަހައްދުގައި އަހަރީ ދުވަސް ފާހަގަކުރުމަށް ހާއްސަ ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ ޖަލްސާ ބާއްވާނީ ރަށްރަށުގެ ޑީއާރްޕީ ގޮފިތަކުގެ އެއްބާރުލުމާއެކު ކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ.

އެހެންކަމުން، އެ ޖަލްސާގައި ގޮފިތަކުން ހިމަނަން ބޭނުންވާ އައިޓަމްތަކާއި ހުށަހެޅުންތައް އަންނަ ހޮނިހިރު ދުވަހުގެ ކުރިން ފޮނުވުމަށް ވަނީ އެދިފަ އެވެ. ގޮފިތަކަށް ހުށަހެޅޭނެ ކަންތައްތަކުގެ ގޮތުގައި ހާއްސަ ލަވައާއި، މުނިފޫހިފިލުވައިދިނުމުގެ އައިޓަމްތަކާއި ވާހަކަދެއްކުންތެރިންނާއި އަމަލީ އިންތިޒާމީ މަސައްކަތްތައް ފާހަގަކޮށްފައިވެ އެވެ.

ޑީއާރްޕީގެ މީޑިއާ ކޯޑިނޭޓާ އަލީ ސޯލިހު ވިދާޅުވީ، ޕާޓީގެ އަހަރީ ދުވަސް ފާހަގަކުރަމުން އަންނަނީ ކައުންސިލުން ނިންމާފައިވާ ގޮތަށް އަތޮޅުތަކުގެ ތެރޭގައި ކަމަށާއި މިއަހަރު ވެސް ރަސްމީ ޖަލްސާ އޮންނާނީ ރަށެއްގައި ކަމަށެވެ. އެއީ ކޮން ރަށެއް ކަމާއި އެ ޖަލްސާގެ އެހެން ތަފްސީލުތައް މާދަމާ މީޑިއާއަށް ދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަދި ޑީއާރްޕީން ރަސްމީކޮށް ނިންމާ ނިންމުންތައް "ޑެޕިއުޓީ ލީޑަރަކު" މީޑިއާ އަށް ނާންގާނެ ކަމަށާއި އެކަން އަންގާނީ ޑީއާރްޕީ އޮފީހުގައި ބާއްވައި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.