ކްރިސްޓިއަން އާއިލާއަކަށް އުފަން ޓިމް އަކީ ކުރިން އެއްވެސް ދީނެއް ގަބޫލު ކުރި މީހެއް ނޫނެވެ. ކަލަކު ވޮޑިގެންވާ ކަމަށް އޭނާ ގަބޫލެއް ނުކުރެ އެވެ. އެންމެ ކުޑަ އިރުން ފެށިގެން ކްރިސްޓިއަން ސްކޫލުތަކަށް ގެންދިޔަ ނަމަވެސް، އާއިލާއިން ވެސް ދީނަށް އުޅެނީ ނަމަކަށެވެ. އަޅުކަން ކޮށް ހަދަނީ ޚާއްސަ ދުވަހެއްގައި އެކަންޏެވެ.

ބޮޑުވަމުން އައި ވަރަކަށް އޭނާ ސުވާލު އުފައްދަން ފެށި އެވެ. ކަލަކު ވާކަމުގެ ހެއްކަކީ ކޮބައި ހެއްޔެވެ؟ އީސާގެ ފާނަކީ ކާކު ހެއްޔެވެ؟ ބައިބުލް ގައިވާ ވާހަކަތަކުގެ ތެދުކަން ޔަގީން ކުރަނީ ކިހިނެތް ހެއްޔެވެ؟ އަޅުކަން ކުރަނީ ކޮން ފަރާތަށް، ކޮން ބޭނުމެއްގައި ހެއްޔެވެ؟

ޖަވާބަކަށް ލިބުނީ، ބައިބުލްގައި ވާ ވާހަކަތަކާ މެދު ސުވާލު އުފެއްދުމެއް ނެތެވެ. ޖެހޭނީ ގަބޫލު ކުރާށެވެ.

ނަމަވެސް ޓިމް ގަބޫލުކުރީ އޭނާއަކީ އެއަށްވުރެ ހޭ ޖެހޭ މީހެއް ކަމަށެވެ. ހަގީގަތެއް ނެތް ކަމެއް ގަބޫލުކުރާ ވަރަށް ވުރެ އޭނާ 'ސްމާޓް' އެވެ. އެހެންކަމުން އުމުރުން 11 އަހަރުގައި އޭނާ ވީ އެތީސްޓަކަށެވެ.

އެއަށްފަހު ކޮލެޖު ދައުރު ނިމެންދެން ވެސް ޓިމް ދިޔައީ ކަލަކު ނުވާ ކަމަށް ދައުވާ ކުރަމުންނެވެ. އަދި ދީން ގަބޫލު ކުރާ މީހުންނަކީ މޮޔައިން ކަމަށް އޭނާ ގަބޫލު ކުރިއެވެ. ދުނިޔެ މަތީގައި އެމީހަކު ބޭނުން ގޮތަކަށް އުޅެވޭނެއެވެ. ރަނގަޅެއް ނުބައެއް ނުވެއެވެ. ކަލަކު ނުވާނަމަ، ތިމާ ކުރާ އަމަލުތައް ބައްލަވާނީ ކާކު ހެއްޔެވެ؟ ތިމާ ދާނީ ސުވަރުގެ އަށް ކަމެއް ނުވަތަ ނަރަކަ އަށް ކަމެއް ކަނޑައަޅާނީ ކާކު ހެއްޔެވެ؟

ދުނިޔެއަކީ އެމީހަކު ބޭނުން ގޮތަކަށް އުޅުމަށް ފަހު މަރުވެގެން ދާން އޮތް ތަނެއްތޯ ސުވާލު އުފެދުނީ ޔުނިވާސިޓީ ނިމުނު ހިސާބުންނެވެ. ދެން އޮތީ ކޮން ކަމެއް ހެއްޔެވެ؟ ވަޒީފާ އަކަށް ގޮސް އުމުރު ހުސްކުރަންވީ ހެއްޔެވެ؟ ނަސީބު ގަދަ ނަމަ ކައިވެންޏެއް ކޮށް ދަރިން ލިބިދާނެއެވެ. ދުނިޔެއަށް އައީ ވަޒީފާ އަކަށް ގޮސް ދަރިން ހޯދަން ހެއްޔެވެ؟ ދިރިއުޅުމުގެ ކޮންމެސް މަގުސަދެއް އޮންނާނެތާއެވެ.

އޭނާގެ ހިތުގައި ހުސްކަމެއް ވާކަމާއި، ދިރިއުޅުމުގައި ކޮންމެސް އެއްޗެއް މަދުވާ ކަމުގެ އިހުސާސް ދެއް ކުރެވެން ފެށީއެވެ. އޭނާ އަކީ އެއްވެސް މަންޒިލެއް ނެތި ދަތުރު ކުރަމުން ދާ މީހެއް ކަމުގެ އިހުސާސެވެ. އެހެންކަމުން އަލުން ކްރިސްޓިއަން ދީނާއި އެހެން ދީން ތަކުގެ ކަންކަން އަލުން ކިޔަން ފެށިއެވެ. ނަމަވެސް އިސްލާމް ދީނުގެ އެއްވެސް ކަމެއް ބަލާކަށް ސިކުނޑި އަކަށް ނުވެސް އާދެއެވެ.

ނަމަވެސް 2008 ވަނަ އަހަރު އޭނާ ވަޒީފާއަކަށް ދާން ފެށިއެވެ. އެ ކުންފުނީގެ 75 ޕަސެންޓު މީހުންނަކީ މުސްލިމުންނެވެ. އެތަނުގައި ވަޒީފާ އަދާކުރާ މުސްލިމުންގެ އަދަދު ހަމަ ގައިމުވެސް 750 އަށް ވުރެ ގިނަ ވާނެއެވެ. ނަމަވެސް އެންމެ މީހަކު ފިޔަވައި އިތުރު އެއްވެސް މީހަކު އިސްލާމް ދީނުގެ ވާހަކައެއް އޭނާ އާ ދައްކާފައެއް ނުވެއެވެ.

އެއީ އެއް ދުވަހެއްގެ މެންދުރު ކެއުމުގެ ވަގުތެވެ. އެދުވަހު ޓިމް ކަމަކާ ފިކުރު ބޮޑުވެފައި އިނުމުން މުސްލިމް އަޚާ އޭނާ ގާތުގައި އިށީނދެ ހުރިހާ ކަމެއް ރަނގަޅުތޯ ސުވާލު ކުރިއެވެ. ޓިމް ވަނީ އޭނާގެ ސިކުނޑީގައި ހުރި ސުވާލުތައް އޭނާ އާއި ހިއްސާކޮށްފައެވެ. ދިރިއުޅުމުގެ މަގުސަދެއް ވޭ ހެއްޔެވެ؟ ކަލަކު ވޮޑިގެންވޭ ހެއްޔެވެ؟

އެ ދުވަހު މުސްލިމް އަޚާ ވަނީ ކަލަކު ވޮޑިގެންވާ ކަމާއި އިސްލާމް ދީނަކީ ސައްހަ ދީންކަން ސާބިތުކޮށްދޭނެ ކަމަށް ބުނެފައެވެ. ޓިމް ހީކުރީ މުސްލިމް އަޚާއަށް އެކަން ނުކުރެވޭނެ ކަމަށެވެ. މުސްލިމް އަޚާ ވަނީ ކަލަކު ވޮޑިގެން ނުވާކަން ސާބިތުކޮށްދީފި ނަމަ، އޭނާ އިސްލާމް ދީން ދޫކޮށްލައި އެތީސްޓަކަށް ވާނެ ކަމަށް ބުނެފައެވެ.

އެވާހަކަ ދެއްކުމަށް ދެމީހުން ދެން ބައްދަލު ކުރީ އޮފީހުން ބޭރުގައެވެ. މުސްލިމް އަޚާ ފުރަތަމަ ވެސް އެހި ސުވާލަކީ ޓިމް ދުނިޔެއަށް އައީ ކިހިނެތްތޯ އެވެ. ޓިމްގެ ޖަވާބަކީ އޭނާގެ މަންމަ އާއި ބައްޕަގެ ފުށުން ކަމެވެ. އެހެން ކިޔަމުން ގޮސް ޓިމް ވަނީ އިވޮލިއުޝަން ތިއަރީ އާ ހަމައަށް ވެސް ގޮސްފައެވެ. ބިގް ބޭންގް ތިއަރީގެ ވާހަކަ ވެސް ފެށި އެވެ.

ބިގް ބޭންގް ފެށުނީ ކިހިނެތް ހެއްޔެވެ؟ މުސްލިމް އަޚާ ކުރި ސުވާލަކީ މިއީއެވެ. ދެން ޓިމް ފެށީ ބިގް ބޭންގް ގެ ވާހަކައެވެ. އަދި އަމިއްލައަށް ބިގް ބޭންގް ތިއަރީ ދަސްކުރަން ފެށިއެވެ. އޭނާއަށް ލިބުނު ޖަވާބަކީ މިއީއެވެ.

ބިގް ބޭންގްއަށް ރިއެކްޝަނެއް ބޭނުންވެއެވެ. އެހެންކަމުން ބިގް ބޭންގް އަކީ ހުރިހާ ކަމެއްގެ ފެށުން ކަމުގައި ބުނެވޭކަށް ނެތެވެ. އޭގެ ކުރިން އިތުރު ކަމެއް ވާން ޖެހޭނެއެވެ. މެޓަރ އާއި އެންޓިމެޓަރ ޖެހި ބޮޑު ގޮވުމެއް ހިނގައި ކައުނު އުފެދެން މެދުވެރިވި ނަމަ އެކަން އެގޮތަށް ވާނީ ވަކި ގަވާއިދެއް، އުސޫލުތަކެއްގެ ދަށުންނެވެ.

ބިގް ބޭންގްގެ ކުރިން ކައުނުގެ ހުރިހާ އުސޫލުތައް ވަނީ ކަނޑައެޅިފައެވެ. ކަނޑައެޅީ ކޮން ފަރާތަކުން ހެއްޔެވެ؟ އެ އުސޫލުތައް ކަނޑައެޅި ފަރާތް އުފެއްދި އެހެން ފަރާތެއް ނުވާނެއެވެ. އެ ފަރާތަށް ފެށުމެއް އަދި ނިމުމެއް ވެސް ނުވެއެވެ.

ދެން މުސްލިމް އަޚާ ބޭނުންވީ ކީރިތި ޤުރްއާންގެ ވާހަކަ ދައްކާށެވެ. ކީރިތި ޤުރްއާން މުސްލިމުންނާ ހަމައަށް ގެނެސްދެއްވި ރަސޫލާއަކީ ލިޔަންކިޔަން ނުދަންނަ ފަރާތެއް ކަން ޓިމްއަށް އެނގުނެވެ. އަދި ކީރިތި ޤުރްއާނުގައިވާ އެއްވެސް ވާހަކައެއް މިއަދާ ހަމައަށް ވެސް ދޮގުކުރެވިފައި ނުވާ ކަމާއި، ސައިންސްގެ ހޯދުންތައް ވެސް ޤުރްއާނާ ފުށުނާރާ ކަމާއި، މިއަދާ ހަމައަށް ޤުރްއާނުގެ އެއްވެސް އަކުރެއް އަދި ފިއްޔެއް ވެސް ބަދަލުވެފައި ނުވާކަން ޓިމްއަށް އެނގިގެން ދިޔައެވެ. އަދި ޢަރަބި ބަހަށް އެންމެ މޮޅު ޅެންވެރިންނާއި ލިޔުންތެރިންނަށް ވެސް ޤުރްއާނުގައިވާ ފަދަ ސޫރަތެއް ވެސް ގެނެވިފައެއް ނުވެއެވެ. ސުބްޙާނަﷲ!

މިއީ ކޮން ފަދަ ފޮތެއް ހެއްޔެވެ؟ މިހާ ފުރިހަމަ ފޮތެއް ދުނިޔޭގައި އެބަ ވެއެވެ. މުސްލިމް އަޚާ ބުނީތީ އޭނާ އެކަން ގަބޫލު ކުރީކީ ނޫނެވެ. އަމިއްލައަށް މައުލޫމާތު އެއްކޮށް އެ ވާހަކަތަކުގެ ތެދު ދޮގު ޔަގީން ކުރީއެވެ. ޤުރްއާނަކީ އެއްކައުވަންތަ ރަސްކަލާނގެ ބާވާލެއްވި ފޮތެއް ނޫން ކަން ސާބިތުކޮށްދޭން މަސައްކަތް ކުރި ޕްރޮފެސަރުން އިސްލާމްވި ވާހަކަތައް އޭނާ އަށް ފެނުނެވެ.

ޓިމް އަށް އެ ހުރިހާ ކަމެއް ވެސް ގަބޫލު ކުރެވުނެވެ. ނަމަވެސް ގަބޫލު ކުރާކަށް ބޭނުމެއް ނުވިއެވެ. އެހެންކަމުން މުސްލިމް އަޚާ އާ އެވާހަކަ އިތުރަށް ދައްކަން އޭނާ ބޭނުމެއް ނުވިއެވެ. ނަމަވެސް އޭގެ މަހެއްހާ ދުވަސް ފަހުން، ހަމަ މެންދުރުގެ ކެއުމަށް އިންސާފު ކުރަމުން ދިޔަ ވަގުތު، ދީން ގަބޫލު ނުކުރާ މީހަކު މުސްލިމަކާ ބަހުސް ކުރާ މަންޒަރު އޭނާ އަށް ފެނުނެވެ. މުސްލިމް އަޚާއަށް އަމިއްލަ ދީން ދިފާއު ނުކުރެވިގެން އުޅޭ މަންޒަރު ފެނި، އިސްލާމް ދީނުގެ ދިފާއުގައި ވާހަކަ ދެއްކީ ޓިމްއެވެ. ދީނުގެ ހުރިހާ ކަމެއް ދީން ގަބޫލު ނުކުރާ މީހާއަށް ވިސްނައިދިނެވެ. ނަމަވެސް އެމީހާ އެވާހަކަތަކަށް ބީރު ކަންފަތެއް ދިނުމަށް ފަހު ތެދުވެގެން ދިޔައީއެވެ.

ބައެއް މިހުންނަކީ ހަގީގަތް އެނގުމަށް ފަހު ވެސް، އެމީހަކު ގަބޫލު ކުރާ ގޮތް ދޫކޮށްލަން ބޭނުން ނުވާ ބޯހަރު މީހުންނެވެ. ހަގީގަތަށް ފުރަގަސް ދޭނީ ބޮޑު މޮޔަ އެއް ނޫން ހެއްޔެވެ؟ ޓިމްގެ ހިތަށް އެރީ މިހެންނެވެ. ނަމަވެސް ޓިމް ވެސް ހަމަ ހުރީ އެހެންނެވެ. ހައްގު ދީން އެނގިއްޖެ އެވެ. ކަލަކު ވާކަން ގަބޫލު ކުރެވިއްޖެއެވެ. ނަމަވެސް އޭނާ އަދިވެސް ހުރީ ޣާފިލް ކަން މަތީގައެވެ. ކީއްވެ ހެއްޔެވެ؟

އެއަށްފަހު އޭނާ ޝަހާދަތުގެ ދެކަލިމަ ކިޔައި އިސްލާމްވީ 2009 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 24 ވީ ހުކުރު ދުވަހު އެވެ. އަދި އޭނާގެ ނަން އަބްދުއްރަހީމަށް ބަދަލުރިއެވެ.

ޝަހާދަތުގެ ދެކަލިމަ ދުލުން ކީ ވަގުތު އޭނާ އަށް ކުރެވުނު އިހުސާސް ބަޔާން ކުރަން ދައްޗެވެ. އެ އިހުސާސް ބަޔާން ކޮށްދޭނެ ބަހެއް ދުނިޔެ އަކު ނުވެއެވެ. އެވަގުތު އޭނާ އިނީ ހިނަވައި ތާހިރު ވެގެންނެވެ. ސާފު ހުދު ހެދުމެއްގައެވެ. ނަމަވެސް އަސްލު ތާހިރުކަން އިހުސާސްވީ ޝަހާދަތް ކިޔާލި ވަގުތެވެ. ހީވީ އޭނާގެ ކޮނޑުން ބޮޑު ބަރެއް ނެއްޓިގެން ދިޔަ ހެންނެވެ. ދުވަހަކު ވެސް އެނބުރި އައުމެއް ނެތް ގޮތަށެވެ.

އިސްލާމް ވާން ވިސްނަމުން ދިޔަކަމެއް އަދި މުސްލިމުންނާ ގުޅުން ބަދަހި ކުރަމުން ދިޔަކަމެއް ވެސް އޭނާގެ އާއިލާއަށް އަންގާފައެއް ނުވެއެވެ. ނަމަވެސް އިސްލާމް ވުމަށް ފަހު ގެއަށް ގޮސް މަންމަ މެން ގާތު އެވާހަަކަ ބުންޏެވެ. އެ ރޭ އެއްވެސް މީހަކު މާ ބޮޑު އެއްޗެއް ނުބުނެއެވެ. ނަމަވެސް ޖެހިގެން އައި ދުވަހު އޭނާ މަސައްކަތް ނިންމާފައި ގެއަށް ދިއުމުން، އާއިލާ އިން އެންގީ އޭނާ އަކީ އެ އާއިލާއަށް ނިސްބަތްވާ މީހެއް ނޫން ކަމެވެ. އަދި ގެއިން ނުކުމުގެން ދިއުމަށް އެންގިއެވެ.

ދީން ގަބޫލު ނުކުރި އިރު އެމީހުންނަށް އެއްވެސް މައްސަލައެއް ނޫނެވެ. ނަމަވެސް އިސްލާމް ދީން ގަބޫލު ކުރުމުން ގެއިން ވެސް ބޭރުކޮށްލީ އެވެ. ދަރިއެއް ނޫން ކަމަށް ނިންމީއެވެ. މިއީ ކިހާ ހެއްވާ ކަމެއް ހެއްޔެވެ؟

އެ ދުވަހު ގެއިން ބޭރު ކޮށްލި ނަމަވެސް، މިހާރު އާއިލާ އިން ވަނީ އޭނާ ބަލައިގެންފައެވެ. އަދި އާއިލާގެ ހަތަރު މެމްބަރުން މިހާރު ދިރިއުޅެމުން ދަނީ އެކީގައެވެ. އަބްދުއްރަހީމްގެ ދުއާ އަކީ އޭނާގެ މައިންބަފައިންނާއި ކޮއްކޮއަށް އިސްލާމް ދީނުގެ ހިދާޔަތް ލިބުމެވެ. އާމީން!