04 Jun 2017, 11:23
ލަންޑަންގައި ހޮނިހިރު ދުވަހު ދިން ހަމަލާއާ ގުޅިގެން ރެއާލްމެޑްރިޑްގެ ތަރި ސާޖިއޯ ރާމޯސް އެ ސިޓީގެ ރައްޔިތުންނަށް ހަމްދަރުދީ ފޮނުވައިފިއެވެ.
ޔުވެންޓަސް 4-1 ބަލިކޮށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމާއިއެކު ރެއަކީ ރާމޯސްއަށް އެތައް ގޮތަކުން ހާއްސަ ރެއެއް ކަމަކު އޭނާ ވަނީ މުބާރާތް ކާމިޔާބު ކުރުމުން ލިބުނު އުފާވެރިކަން އެއް ފަރާތްކޮށްލުމަށްފަހު ލަންޑަންގައި ދިން ހަމަލާއާ ގުޅިގެން ގެއްލުން ލިބުނު މީހުންނަށްޓަކައި ވަގުތުކޮޅެއް ހުސްކޮށްފައެވެ.
ރެއާލް މެޑްރިޑްގެ ކެޕްޓަން ވަނީ ލަންޑަނަށް ދިން ހަމަލާ ކުށްވެރިކޮށް އެ ސިޓީގެ ރައްޔިތުންނާ އެކު ހުރިކަމަށް ބުނެ ޓްވީޓެެއްކޮށްފައެވެ.
ލަންޑަން ބުރިޖް ސަރަހައްދަށް ރޭ ދިނީ ޓެރަރިސްޓް ހަމަލާތަކެއް ކަމަށާއި އެ ޙަމަލާތަކުގައި ހަ މީހުން މަރުވެ، އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށް އިނގިރޭސި ފުލުހުންވަނީ ބުނެފައެވެ.
ލަންޑަންގެ ފުލުހުން ބުނި ގޮތުގައި މިހަމަލާތައް ދިނީ ލަންޑަން ބްރިޖް ސަރަހައްދުގައި ދުއްވާފައި ދިޔަ ވެހިކަލެއް މީހުންގެ ގައިގާ ޖައްސައި އެކްސިޑެންޓް ކުރުވައިގެންނާއި އެއަށް ފަހު ލަންޑަންގެ ބޮރޯ މާކެޓް ސަރަހައްދުގައި މީހުންނަށް ވަޅިން ހަމަލާދީގެންނެވެ. މިދެ ހަމަލާއަކީ ވެސް ރާވައިގެންދިން ޓެރަރިސްޓް ހަމަލާތަކެއްކަމަށާއި މިހަމަލާތައް ދިނީ ހަތިޔާރުއަޅައިގެންތިބި ބައެއްކަމަށް ލަންޑަންގެ ފުލުހުން ބުނެ އެވެ.