04 Jun 2017, 11:10
އޭޝިއަން ކަޕް ކޮލިފައިންގައި ބޫޓާނާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ކުޅޭ އެކުވެރި ކަމުގެ މެޗު ކުޅުމަށްޓަކައި ގައުމީ ފުޓްބޯޅަ ޓީމް މިރޭ ދުބާއިއަށް ފުރާ ގޮތަށް ހަމަޖެހިއްޖެއެވެ.
ދުބާއިގައި ގައުމީ ޓީމް އެކުވެރި ކަމުގެ މެޗެއް ކުޅުމަށް ހަމަޖެހިފައިވަނީ ވާދަވެރި އަފްޣާނިސްތާނާ ދެކޮޅަށެވެ. އެ ،މެޗު ކުޅޭނީ މި މަހުގެ ހަވަނަ ދުވަހުއެވެ. އަދި އެއަށް ފަހު ބޫޓާން މެޗު އޮންނާނީ މި މަހުގެ 13 ވަނަ ދުވަހުއެވެ.
މި ފަހަރުގެ ދެ މެޗުގައި ކުޅޭނެ ގައުމީ ސްކޮޑް އިއުލާންކޮށްފައި ވާއިރު ޓީމްގެ ފަރިތަކުރުންތައްވެސް ވަނީ ކުރިއަށްގެންގޮސްފައެވެ.
ގައުމީ ކޯޗު ޑެރަން ސްޓެވާޓް ނެގި 27 ކުޅުންތެރިންގެ ސްކޮޑުގައި ހިމެނެނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ އަށް ކުޅުންތެރިޔަކާއި، ޓީސީ ސްޕޯޓްސް ކްލަބުގެ ތިން ކުޅުންތެރިޔަކާއި، ކްލަބު ވެލެންސިއާގެ ދެ ކުޅުންތެރިޔަކާއި، ކްލަބު އީގަލްސްގެ ހަތަރު ކުޅުންތެރިޔަކާއި، ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ދެ ކުޅުންތެރިޔަކާއި، ނިއު ރޭޑިއަންޓްގެ ހަ ކުޅުންތެރިއެއް އަދި ގްރީން ސްޓްރީޓްސްގެ ދެ ކުޅުންތެރިއެކެވެ.
މީގެ ކުރިން ރާއްޖޭން އޭޝިއަން ކަޕް ކޮލިފައިންގެ މެޗެއް އަމިއްލަ ދަނޑުގައި ފަލަސްތީނާ ދެކޮޅަށް ކުޅެފައިވާއިރު އެމެޗުން ރާއްޖެ ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ.