04 Jun 2017, 00:10
އައްޑޫ ސިޓީ ކައުންސިލްގެ ތިން ވަނަ ދައުރުގެ މޭޔަރު ކަމަށް އަބްދުﷲ ސާދިގު (ސޯބެ) އަދި ޑެޕިއުޓީ މޭޔަރު ކަމަށް މުހައްމަދު ޔަސްރިފް އިންތިޚާބުކޮށްފި އެވެ.
އެ ސިޓީގެ މޭޔަރު ކަމަށް ސޯބެ އައްޔަނު ކުރީ ކައުސިލް މެމްބަރުންގެ ކަމުގެ ހުވައި ކުރެއްވުމަށްފަހު މިރޭ ބޭއްވި ބައްދަލުވުމުގައި އެކައުންސިލްގެ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.
އައްޑޫސިޓީގެ ތިން ވަނަ ސިޓީ ކައުންސިލަށް ހަތް ބޭފުޅަކު ހޮވިވަޑައިގެންނެވިއިރު މިއީ ފުރަތަމަ ފަހަރަށް އެ ކައުންސިލަށް އަންހެން ބޭފުޅަކު އިންތިޚާބުވި ފަހަރެވެ.
މީގެ ކުރިން އެ ކައުންސިލްގައި ތިއްބަވަނީ ހަބޭފުޅުންނެވެ. އެއީ ހިތަދޫ އުތުރު ދާއިރާ، ހިތަދޫ މެދު ދާއިރާ، ހިތަދޫ ދެކުނު ދާއިރާ، މަރަދޫ ދާއިރާ، ފޭދޫ ދާއިރާ އަދި ހުޅުމީދޫ ދާއިރާގެ މެމްބަރުންނެވެ. ނަމަވެސް މިފަހަރު ހުޅުދޫ އަދި މީދޫ ވަކި ދެ ދާއިރާއެއްގެ ގޮތުގައި ދެ ކައުންސިލަރުން ވަނީ އިންތިޚާބުވެފައެވެ.
އެކައުންސިލްގެ މޭޔަރު ކަމަށް ސޯބެ އަދި ޑެޕިއުޓީ މޭޔަރު ކަމަށް ޔަސްރިފް ހޮވިވަޑައިގެންނެވިއިރު، އެކައުންސިލްގެ މެމްބަރު ކަމަށް އިންތިޚާބުވެފައިވާ ބޭފުޅުންގެ ތެރޭގައި ހުސައިން ޙިޔާޟް އާއި އަލީ ފަހުމީ މުހައްމަދާއި ފައިސަލް އިބްރާހިމްގެ އިތުރުން ޖަމްޝީދާ މުހައްމަދު އަދި އިބްރާހިމް ޝުކުރީ ހިމެނިވަޑައިގަންނަވައެވެ.