ޗެމްޕިއަންސް ލީގު ފައިނަލްގައި މިރޭ ރެއާލް މެޑްރިޑް އަތުން މޮޅުވެއްޖެ ނަމަ، ޔުވެންޓަސްގެ ކޮންމެ ކުޅުންތެރިއަކަށް ފެރާރީ ކާރެއް ދޭން ކްލަބުގެ ޕްރެޒިޑެންޓް އެއްބަސްވެފައިވާ ކަމަށް އެޓީމުގެ ޑިފެންޑަރު ޑެނީ އަލްވޭސް ބުނެފިއެވެ.

ކާޑިފްގައި ޒައިނުއްދީން ޒިދާންގެ ޓީމު މިރޭ ބަލިކުރެވިއްޖެ ނަމަ، އިޓަލީގެ ލީގު ޗެމްޕިއަންނުންނަށް މިފަހަރު ތިން ތަށި ހޯދޭނެއެވެ.

ރެއާލްގެ ޒަމާންވީ ވާދަވެރިޔާ، ބާސެލޯނާގެ ކުރީގެ ޑިފެންޑަރު އަލްވޭސް ބުނީ، މިރޭ ރެއާލް އަތުން ޔުވެންޓަސް މޮޅުވެއްޖެ ނަމަ، ޓީމުގެ ކޮންމެ ކުޅުންތެރިއަކަށް ބްރޭންޑް ނިއު ސުޕަރ ކާރެއް ދިނުމަށް ކްލަބުގެ ރައީސް ވައުދުވެފައިވާ ކަމަށެވެ.

"އަހަރެމެންނަށް ލިބުނު އިތުރު ހިތްވަރަކީ، ކްލަބުގެ ޕްރެޒިޑެންޓް އެންޑްރޭ އެގްނެއްލީ ކޮންމެ ކުޅުންތެރިއަކަށް ފެރާރީއެއް ދިނުމަށް ވައުދުވެފައި،" ސަމާސާ ރާގަކަށް އަލްވޭސް ބުންޏެވެ.

"އަހަރެން އުންމީދުކުރަން، ކްލަބުގެ ރައީސް އޭނާގެ ބަހުގައި ހިފަހައްޓާނޭކަމަށް."

ޔުވެންޓަސްއިން އެންމެ ފަހުން ޗެމްޕިއަންސް ލީގު ކާމިޔާބުކުރީ 1996 ވަނަ އަހަރުއެވެ.

ރެއާލް މެޑްރިޑާއި ޔުވެންޓަސް ކުޅޭ ޗެމްޕިއަންސް ލީގު ފައިނަލް މެޗު ފަށާނީ، ވޭލްސްގެ ނޭޝަނަލް ސްޓޭޑިއަމްގައި ރާއްޖޭ ގަޑިން މިރޭ 11:45ގައެވެ.