13 Jul 2011, 18:08
ނަން އިއްވެވި މެންބަރުން ސިފައިން ލައްވައި މަޖިލީހުގެ ތަޅުމުން ބޭރުކުރުމަށްފަހު، މިއަދު މެންދުރުފަހު ކުރިއަށް ގެންދިޔަ ޖަލްސާގައި ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ އެކްސްޕޯޓް އިންޕޯޓްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ ބިލުގެ ބަހުސް މަރުހަލާ ކުރިއަށް ގެންގޮސްފި އެވެ.
މިއަދު ހެނދުނު ފެށި ޖަލްސާގައި ރިޔާސަތުން ނަން އިއްވެވި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފާއި ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދުގެ އިތުރުން ވައިކަރަދޫ ދާއިރާގެ މެންބަރު އަލީ އާރިފު ޖަލްސާއިން ނުކުމެވަޑައި ނުގަތުމުން ސިފައިން ތަޅުމަށް ވަދެ، އެ މެމްބަރުން ނެރުމަށްފަހު މިއަދުގެ ޖަލްސާ ފެށީ މެންދުރު ފަހު 1:00 ޖެހި އިރު އެވެ.
މެންދުރު ފަހު ދަން ފަޅީގައި ސަރުކާރުގެ ފަރާތުން މަޖިލީހަށް އެކްސްޕޯޓް އިންޕޯޓްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު އެވެ. އެ ބިލުގެ ބަހުސް މަރުހަލާ ކުރިއަށް ގެންދެވި އިރުވެސް މަޖިލީހުގައި ހިމެނޭ ޒެޑް ޑީއާރްޕީގެ މެންބަރުން މަޖިލިސް ހުއްޓުވުމަށް ނިޒާމީ މައްސަލަތައް ނަންގަވަން ފެއްޓެވި އެވެ. އެގޮތުން ކޮމެޓީތަކުގެ މައްސަލަ ޣައިރު ގާނޫނީ ގޮތަކަށް ނިންމެވުމަށްފަހު ޖަލްސާއެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ ވިލިމާފަންނު ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު ރިޔާސަތުގެ ކުރިމައްޗަށް ހުއްޓިވަޑައިގެން ހުރަސްއެޅުއްވި އެވެ. އަދި އޭނާއާއެކު ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް އަހުމަދު މުހުސިން އާއި ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ވެސް ބައިވެރިވެވަޑައިގަތެވެ.
ބިލުގެ ބަހުސް މަރުހަލާގައި ޖަލްސާއަށް ކުރިއަށް ގެންދިއުމަށް ނިހާން ހުރަސްއެޅުއްވި ކަމަށް ވިދާޅުވެ، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް އޭނާގެ ނަން އިއްވެވީ މިއަދުގެ ޖަލްސާ ފެށިތާ 45 މިނިޓް ވެސް ނުވަނީސް އެވެ. އަދި ނިހާންގެ ނަން އިއްވެވުމާއެކު އޭނާ މަޖިލިސް ދޫކޮށް ވަޑައިގަންނަވަންދެން ޖަލްސާ މެދު ކަނޑާލުމަށްފަހު އަލުން ފެށީ އެންމެ ދެ މިނިޓެއްތެރޭގަ އެވެ.
ނަން އިއްވެވި އެހެން މެންބަރުން ޖަލްސާއިން "ގަދަކަމުން" ނެރުނު ގޮތާ ހިލާފަށް ނިހާން ޖަލްސާ ދޫކުރައްވައި ވަޑައިގެންނެވީ ސުލްހަވެރިކަމާއެކުގަ އެވެ. ނިހާން ޖަލްސާ ދޫކުރައްވައި ވަޑައިގަންނަވަމުން ވިދާޅުވީ ނަން އިއްވެވުމަށްފަހު ސިފައިން މަޖިލީހުގެ ތަޅުމަށް ނުވެއްދޭނެ ކަމަށާއި ނަމަވެސް ނަން އިއްވެވި މެންބަރު ސުލްހަވެރިކަމާއެކު ޖަލްސާއިން ނިކުންނަވަންޖެހޭނެ ކަމަށެވެ.
ސަރުކާރުން މަޖިލީހަށް ހުށަހަޅުއްވާފައިވާ އިގްތިސާދީ 14 ބިލެއްގެ ތެރެއިން މިއަދުގެ ޖަލްސާއަށް ދެވަނައަށް ހުށަހެޅުއްވި ބިލަކީ ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ ބިލެވެ. އެ ބިލް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ޑީއާރްޕީން ވަކިވެވަޑައިގެންނެވުމަށްފަހު އެމްޑީޕީއާ ދާދިފަހުން ގުޅިވަޑައިގެންނެވި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އަބްދުﷲ އަބްދުރަހީމް އެވެ.
މިއަދު ޖަލްސާއަށް ހުށަހެޅި ދެ ބިލްގެ ތެރެއިން އިދިކޮޅު މެންބަރުން ތާއީދު ކުރެއްވީ އެކްސްޕޯޓް އިންޕޯޓްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށެވެ. ނަމަވެސް ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ ބިލަކަށް އިދިކޮޅު މެންބަރުންނެއް ތާއިދެއް ނުކުރައްވަ އެވެ.
މިދިޔަ ޖޫން މަހު ޑިފެންސް މިނިސްޓަރުކަން ރައީސުލުމްހޫރިއްޔާ މުހައްމަދު ނަޝީދު ދެއްވެވި ތަލްހަތު އިބްރާހީމް ކަލޭފާނަށް ރުހުން ދިނުމުގެ މައްސަލަ މިއަދުގެ ޖަލްސާގައި ވަނީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލައި ކޮމެޓީއަށް ފޮނުވައިފަ އެވެ.
އިގްތިސާދީ ދެ ބިލެއް ހުށަހަޅައި ބަހުސްގެ މަރުހަލާ ކުރިއަސްގެންގޮސް މިއަދުގެ ޖަލްސާ 3:30ގައި ނިންމާލެއްވުމާއެކު، މަޖިލިސް ކުރާގޭ ސަރަހައްދަށް އެއްވެ ތިބި އެމްޑީޕީގެ ސަޕޯޓަރުން ވަނީ އުފާފާޅުކޮށްފަ އެވެ. އަދި އެމްޑީޕީން ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުން މުޒާހަރާގެ ބައިވެރިންނާ ބައްދަލު ކުރެއްވުމަށްފަހު، ވަޑައިގަތީ ރައީސް ނަޝީދު ދިރިއުޅުއްވާ މުލިއާގެއަށެވެ. އަދި މުލިއާގޭގައި މިއަދު ހަވީރު އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕާ ރައީސް ނަޝީދު ބައްދަލު ކުރައްވި ކަމަށް ސަން އަށް މައުލޫމާތު ލިބިފައިވެ އެވެ.