"ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ" ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިއަދު އުފައްދަވައިފި އެވެ.

ފުވައްމުލަކު ސިޓީ ކައުންސިލް އިންދާރާ ރައީސުލްޖުމްހޫރިއްޔާ އުފެއްދެވުމާއެކު، އެ ރަށުގައި ކުރިން އުފައްދާފައި އޮތް ކައުންސިލްތަކުގެ ޤާނޫނީ މުއްދަތު ހަމަވެފައި ވާތީ، އެ ކައުންސިލްތައް ވަނީ އުވާލާފަ އެވެ.

ފަނަރަހާސް މީހުންގެ އާބާދީއެއް އޮންނަ ފުވައްމުލަކުގައި އަތޮޅު ކައުންސިލާއެކު ނުވަ ކައުންސިލް ކުރިން އޮވެ އެވެ.

އިދާރީ ދާއިރާތަައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނޫ ބުނާ ގޮތުން ކޮންމެ ކައުންސިލެއްގެ އިދާރާ ކަނޑައަޅުއްވާނީ ރައީސުލްޖުމްހޫރިއްޔާ އެވެ. އަދި ކޮންމެ ސިޓީ ކައުންސިލަކަށް ލިބިދެވޭނެ ބާރުތަކާއި، އެ ސިޓީ ކައުންސިލުން ފޯރުކޮށްދޭނެ ޚިދުމަތްތައް ކަނޑައެޅުމުގެ ބާރު ލިބިގެން ވަނީ ވެސް ރައީސުލްޖުމްހޫރިއްޔާއަށެވެ.

ފުވައްމުލަކު ސިޓީ ކައުންސިލަށް މިދިޔަ މަހު މެމްބަރުން އިންތިހާބުކޮށްފައިވާއިރު، އެ ރަށަށް ސިޓީއެއްގެ ދަރަޖަ ރައީސް ޔާމީން ދެއްވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހު އެވެ.

ފުވައްމުލަކު ސިޓީ އެކުލެވިގެން ވަނީ ތިން ކައުންސިލަރުންގެ މައްޗަށެވެ.