ދުނިޔޭގެ އެންމެ ބޮޑު މަތިންދާބޯޓަކީ އެންމެ ގިނަ ފަސިންޖަރުން އުފުލާ ބޯޓަށް ވާނެ ކަމަށް ލަފާ ކުރެވިދާނެ އެވެ. ނަމަވެސް މައިކްރޯސޮފްޓްގެ ކޯފައުންޑާ ޕޯލް އެލެންގެ ސްޓްރެޓޯލޯންޗް އެއާކްރާފްޓަކީ ރޮކެޓް ލޯންޗު ކުރަން ހާއްސަ ބޯޓެކެވެ.

ެސްޓްރެޓޯލޯންޗުގެ ފިޔައިގެ ދިގުމިނުގައި 385 ފޫޓު ހުންނައިރު، އޭގައި ބޯއިން 747ގައި ބޭނުން ކުރާ ބާވަތުގެ ހަ އިންޖީނު ހުރެ އެވެ. އަދި އުސްމިނުގައި 50 ފޫޓު ހުންނަ އެބޯޓުގައި 28 ފުރޮޅު ހުރެ އެވެ. ސްޓްރެޓޯލޯންޗަށް 500،000 ޕައުންޑުގެ ތަކެތި ބަރު ކުރެވޭނެ އެވެ.

ދުނިޔޭގެ އެންމެ ބޮޑު މަތިންދާބޯޓު ސްޓްރެޓޯލޯންޗް -- ފޮޓޯ: ސްޓްރެޓޯލޯންޗް ސިސްޓަމްސް

އެ ބޯޓު އުފެއްދި ކުންފުނި ސްޓްރެޓޯލޯންޗް ސިސްޓަމްސްއިން ބުނާ ގޮތުގައި އެ ބޯޓު ބޭނުން ކުރާނީ ރޮކެޓް ލޯންޗު ކުރާ ޕްލެޓްފޯމެއްގެ ގޮތުގަ އެވެ. ރިޕޯޓުތަކުގައިވާ ގޮތުން ބިންމަތީގައި ހުންނަ ޕްލެޓްފޯމަކުން ރޮކެޓް ލޯންޗު ކުރުމަށްވުރެ ވައިމަތިން ރޮކެޓެއް ލޯންޗު ކުރުމަށް ބޭނުންވާ ހަކަތައިގެ މިންވަރު ކުޑަވާނެ އެވެ. އެހެންކަމުން އެއީ ހަރަދު ކުޑަކޮށް ރޮކެޓެއް ލޯންޗުކޮށް، އޭގެއިން ސެޓެލައިޓެއް ލޯންޗު ކުރެވޭނެ ގޮތެކެވެ.

ސްޓްރެޓޯލޯންޗް ސިސްޓަމްސްގެ ސީއީއޯ ޖީން ފްލޮއިޑު ވިދާޅުވި ގޮތުގައި އެ ކުންފުނީގެ އަމާޒަކީ 2019 ވަނަ އަހަރު ޓެސްޓު ލޯންޗެއް ކުރުމެވެ. އަދި މިހާރުން ފެށިގެން ކުންފުނިން ދާނީ ސްޓްރެޓޯލޯންޗުގެ ޓޭންކުތަކަށް ތެޔޮ އަޅައި، ތެޔޮ ލީކުވޭތޯ ެބެލުން ފަދަ ޓެސްޓުތައް ހަދަމުން ކަމަށް ފްލޮއިޑް ވިދާޅުވި އެވެ. (ބިޒްނަސްއިންސައިޑާ)