އުތުރު އެމެރިކާގައި އޮންނަ ޗީލީގައި ސަރުކާރާ އިދިކޮޅަށް މަސައްކަތް ކުރި އެކްޓިވިސްޓުންތަކެއް ވަގަށް ނަގާ އަދި މާރާލާފައިވާތީ 100 އަށްވުރެ ގިނަ އިންޓެލިޖެންސް އޮފިސަރުން ޖަލަށްލާން ނިންމައިފި އެވެ.

އެ މީހުން ޖަލަށްލާން ހުކުމް ކޮށްފައި މި ވަނީ 1974 ވަނަ އަހަރާއި 1975 އަހަރާ ދެމެދު އޭރު އޮތް ވެރިކަމާ އިދިކޮޅުހަދާ ހަމަހަމަކަމާ އިންސާފަށް މަސައްކަތްކުރި 16 އެކްޓިވިސްޓަކު ވަގަށް ނަގައި، މަރާލާފައިވާ ކަމުގެ ކުށުގަ އެވެ.

އެ މީހުން ޖަލަށްލުމަށް ހުކުމް ކުރި ފަނޑިޔާރު ވިދާޅުވީ، ސެންޓިއޭގޯގައި ހުންނަ އަދަބު ދޭ މަރުކަޒަކަށް އެކްޓިވިސްޓުންތައް ފޮނުވުމަށްފަހު އެ މީހުން ދިރިހުއްޓާ ފެނިފައެއްނުވެ އެވެ.

މިހާރު ވެސް އެކި ކުށުގައި ޖަލު ހުކުމް ތަންފީޒު ކުރަމުންދާ އެ އޮފިސަރުންނަށް މިފަހަރު އިއްވާފައި ވަނީ 541 ދުވަހާއި 20 އަހަރާއި ދެމެދުގެ ޖަލު ހުކުމް ތަކެކެވެ. އަދި މަރާލާފައިވާ އެކްޓިވިސްޓުންގެ އާއިލާތަކަށް ބަދަލެއްގެ ގޮތުގައި 7.5 މިލިއަން އެމެރިކާ ޑޮލަރު ދެއްކުމަށް ދައުލަތަށް ވަނީ އަމުރު ކޮށްފައެވެ.

ޗީލޭގައި 1973 އިން 1990 އަށް މިލިޓަރީ ވެރިކަމެއް ކުރެއްވި ރައީސް އޮގަސްޓޯ ޕިނޮޗެޓްގެ ވެރިކަމުގައި 3000 އަށްވުރެ ގިނަ މީހުން ވީނުވީއެއް ނޭނގި ވަނީ ގެއްލިފައެވެ. އަދި އެތައް ހާސް ބަޔަކު އަނިޔާވެރިކަން ތަހައްމަލް ކުރަންޖެހުނުއިރު އަނެއް ބައި މީހުން އަރުވާލިއެވެ.

ނަމަވެސް ޕިނޮޗެޓްގެ ސަރުކާރުން ވަނީ މަރާލި އެތައް ބަޔަކު އެހެން ގައުމުތަކަށް ފިލައިގެން ގޮސް ނުވަތަ ސަރުކާރަށް ތާއީދުކުރާ ފަރާތްތަކާއެކު ހިނގި ހަމަނުޖެހުންތަކުގައި މަރުވެފައިވާ ކަމަށް ބުނެ ހަގީގަތް ފޮރުވަން މަސައްކަތްކޮށްފައެވެ.